މައިންބަފައިން އެންމެ ފޫހިވާ ދަރިޔަކީ އެމީހުންދެކެ ދެކެ އެންމެ ލޯބިވާ ދަރިފުޅު ކަމަށް ވެދާނެ
އަހަރެންނަކީ މަންމައާއި ބައްޕަގެ ދެ ކުދިންގެ ތެރެއިން ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. މައިންބަފައިންނަކީ އެންމެ ފުދުންތެރި ނޫނަސް އަމިއްލަ ގެދޮރު ހުރި ސަލާން ނުޖަހާ ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އުޅެވޭ ވަރު ބައެކެވެ. އަހަރެންގެ ދޮއްޓަށް ހުންނަނީ ބޭބެއެކެވެ. އަހަރެން އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް މަންމަ އަހަންނާ ދޮންބެ އާއި ތަފާތު ކުރާކަން އަހަންނަށް ފާހަގަ ކުރެވެއެވެ. ބޮޑު ވަމުން އައި އިރުވެސް ދުވަހަކު ވެސް މަންމަ ހިތްހަމަޖެހޭ ގޮތަކަށް ގޭތެރޭގެ ވެސް އެއްވެސް ކަމެއް ނުކުރެވެއެވެ. ބައްޕައަށް މި ކަން ފާހަގަވެ ތަކުރާރުކޮށް ދޮންބެ އާއި އަހަންނާ ދެމެދު ތަފާތު ނުކުރުމަށް ބުނެ މަންމައަށް ނަސޭހަތް ދެއެވެ. ބައްޕައަކީ މަސްވެރިއެއް ކަމުން ގިނަ ވަގުތު އުޅެނީ ކަނޑުމަތީގައެވެ. ހުކުރު ދުވަހު ނޫނީ ރަށުގައި ނުހުރެވެއެވެ.
އަހަރެން ވިސްނާ ވިސްނާ ވެސް މަންމަ އަހަރެން ދެކެ ފޫހިވާންޖެހޭ ސަބަބެއް ނުވިސްނުނެވެ.
ރެއަކީ ބުރާސްފަތި ދުވަހުގެ ރެއެވެ. އަހަރެން ކުލާސް ކުއްޖެއްގެ ގެއަށް ދިއުމަށް އެދުމުން ފާޅުގައި މަންމަ ނުދެވޭނޭ ބުންޏެވެ. ދެރަވެގެން ރޮވޭގޮތް ވިއެވެ. ޝަކުވާ ކުރަން ބޭނުން ވިޔަސް ހިތްވަރެއް ނުލިބުނެވެ. އަހަރެން ހުރި ގޮތް ބައްޕައަށް ފެނުމުން އައިސް ބޮލުގައި ފިރުމާލާފައި ބުންޏެވެ.
" ދަރިފުޅާ ދޭ! އެކަމަކު މާ ލަސްނުކޮށް އަވަހަށް ގެއަށް އަންނާތި!" ބައްޕަގެ އޯގާތެރިކަމަށް އަހަރެން އަބަދުވެސް ޝުކުރު ކުރަމެވެ.
އަހަރެން ތައްޔާރު ވެލައިގެން ބޭރަށް ނިކުންނަ އެޅި ފިޔަވަޅު ކުރިޔަށް އެޅޭ ގޮތެއް ނުވިއެވެ. ކޮޓަރި ތެރެއިން އިވިގެން ދިޔަ މަންމަގެ އެ ޖުމްލައިގެ އަޑުންނެވެ.
" އެ ލިޝާ އަކީ އަހަރެން ބޭނުންވެގެން ހޯދި ދަރިއެއް ނޫން ވަރަށް ފޫހިވޭ "އަހަރެން އަނބުރާލާފައި ދިޔައީ ކޮޓަރިއަށެވެ. ބޭރަށް ދާނެ މޫޑެއް ނެތެވެ.
ދޮންބެ އަކީ މަންމަގެ ރަންދަރިއެވެ. ދުވަހަކު ކުށެއް ނުކުރެވޭނެއެވެ. މި ކަހަލަ ގޮތަކަށް ދުވަސްތައް ދަމުން އަހަރެންގެ އުމުރުން 19 އަހަރު ވެއްޖެއެވެ. އެއް ދުވަހު ބޭރުން ގެއަށް އައިސް ވަން އިރު ގޭތެރޭގައި މީހުން ޖަމާވެފައި އޮތެވެ. އޭރު ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. އެތެރެއަށް ވަދެގެން ދިޔައިރު ފަތްޖެހި އެނދެއްގެ މަތީ ބައްޕަ ބާއްވާފައި އޮތެވެ. މަންމަ އާއި ދޮންބެ އަދި އިތުރު މީހުން ކައިރީގައި ތިއްބެވެ. އަހަރެން ކިހިނެތްވީހޭ އަހާ އަހާ އެކަކު ވެސް ޖަވާބެއް ނުދެއެވެ. މަންމަ ވެސް ދޮންބެ ވެސް ފެށީ ރޯށެވެ. އިރުކޮޅަކުން ދޮންބެ އަހަރެންގެ އަތުގައި ހިފައިގެން ބޭރަށް ނުކުމެ ބުނީ ހިތްވަރު ކުރާށެވެ. ބައްޕަ ކަނޑަށް ވެއްޓި ނިޔާވިއެވެ. އެއީ ދޮންބެ އެފަދަ މަޑުމައިތިރި ކޮށް ވާހަކަ ދެއްކި ފުރަތަަމަ ދުވަހެވެ
އަހަރެންގެ މޫނު މައްޗަށް އަނދިރިވާހެން ހީވިއެވެ. ދެންވީ ގޮތެއް ނޭނގުނެވެ. ހޭވެރިކަން ވީއިރު އޮވެވުނީ ކޮޓަރީގައެވެ. ބައްޕަގެ ކަށުކަމާ ކެމީގެ ކަންތައްތައް ނިމި ވަޅުލައިފި އެވެ.އެއީ ގޭތެރޭގައި އަހަންނަށް އެހީއެއް ވާން ހުރި ހަމައެކަނި ބައްޕައެވެ. އެކަމަކު ބައްޕަ ވެސް އެ ދިޔައީއެވެ.
އޭގެ ހަމަސް ފަހުން ދޮންބެ ކައިވެނި ކޮށްފިއެވެ. ދޮންބެގެ އަންހެނުންނަކީ އިންސާނެކޭ ބުނުމަށް ވުރެން ހަރުފައެކޭ ބުނިއްޔާ މާ ރަނގަޅު ވާނެއެވެ. ގޭތެރެ އަހަންނަށް ބަދަލުވީ ހުރަގެއަކަށެވެ. މަންމަގެ ނަފުރަތު ދިޔައީ އިންތިހާއަށެވެ
އެއްރޭގެ މެންދަމުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ ބަޔަކު ބޭރު ސިޓިންރޫމްގައި ވާހަކަ ދައްކާ އަޑަށެވެ. ސިއްރު ސިއްރުން އަހަރެން ބޯ ދިއްކޮށް ކޮންބައެއްތޯ ބަލައިލީމެވެ. ބޭރުގައި ތިބީ މަންމާއި ދޮންބެގެ ދެމަފިރިންގެ އިތުރުން ނުވެސް ދެކޭ ހަރުފުރައިގެ ފިރިހެނެކެވެ. މި މީހުން މި ގަޑީގައި މި ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ޝައުގު އަހަރެން ހިތުގައި ބޮޑުވިއެވެ. ސިއްރު އަޑުއަހަން ހުއްޓާ މަންމަ ބުނާ އަޑު އިވުނެވެ.
" ކޮޓަރި ހުޅުވައިދޭނަށް ކަލޭ ވަދެ ކަންކުރީމާ ދެން ލީޝާ ޖެހޭނީ ކަލެއާއި އިންނަން " އެކަމަކު ބުނަންތަ ފިޒާނަށް (ލިޝާގެ ދޮންބެ) ކަލޭ ވައުދުވީ ވަރު ދިނީމަ ވަލީ ދެވޭނީ"
އެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުނީ ހޮނު ގުގުރިއެއް ފަދައިންނެވެ. ކޮޓަރި ތެރެއަށް ދެމިގަނެފައި ބަރަށް ރޯން ފެށުނެވެ. ބައްޕަ ދުނިޔޭގައި ހުރިނަމަައޭ ކުއްލިއަކަށް ހިތަށް އެރިއެވެ. ދެން ހަދާނެ ގޮތަކާއި މެދު ވިސްނެން ފެށުނެވެ. އާރެއް ބާރެއް ނެތްކަމާއި ނިކަމެތިކަން ހިތަށް ވެރިވާން ފެށިއެވެ. ﷲ އަށް ވަކީލް ކޮށްލައިގެން އަހަރެން ކޮޓަރިން ބޭރަށް އެމީހުން ކުރިމައްޗަށް ނިކުތީމެވެ. އަހަރެން ފެނުމާއިއެކު މަންމަ ހެޔޮ ގޮތް ދައްކަން އުޅުނެވެ.
ދަރިފުޅާ ލީޝާ ނުނިދަންތަ؟
"މިނިކާ ޖަންގައްޔެއްގައި ނިދަން ކެރޭތަ؟"
މިހެން ބުނުމުން އެންމެންގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. މިހާ ހިތްވަރު އަހަންނަށް ލިބުނު ގޮތަކާއި މެދު ހައިރާންވިއެވެ.
"މަންމާ! އަހަރެން ނީލަމަށް ނުލިޔަސް މަންމަ ދައްކާ މީހަކާ އަހަރެން އިންނާނަން" މިހެން ބުނެފައި އަހަރެން އެނބުރި ކޮޓަރިއަށް ދިޔައީމެވެ.
އިތުރު ގޮތެއް ނެތުމުން އަހަރެން އެމީހާއާ ކައިވެނި ކޮށްފީމެވެ. ހީކުރި ގޮތާއި ޚިލާފަށް ހަސަންފުޅަކީ ވަރަށް އޯގާތެރި މީހެކެވެ. އެކަމަކު އެރޭ އެ ގޮތަށް ހަސަންފުޅު އެ ބޭނުންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ކިތަންމެ ރަނގަޅު މީހެއްގެ ބޮލަށް ވެސް ބަޔަކު ސަވާރުވީމާ މަގު އޮޅިދާނެތާއެވެ. ހަސަންފުޅާއި އެކު އަހަރެން ބަދަލުވީ މާލެއަށެވެ. ހަސަންފުޅަކީ މާލޭގެ މުދާވެރި ވިޔަފާރި ވެރިއެކެވެ. އުޅެމުން ދިޔައީ ތަނަވަސް ދިރިއުޅުމެކެވެ. ދުރުގައި ހުއްޓަސް އަހަރެން ދިޔައީ މަންމަގެ ހާލު ބަލަމުންނެވެ. ފަހުން މަންމަގެ ފަރާތުން ތަންކޮޅެއް ހިތްހެޔޮ ކަން ފާހަގަ ކުރެން ވެސް ފެށިއެވެ. އަހަރެން އެކަމާއި މާ ބޮޑަކަށް އަޅައެއް ނުލުމަވެ.
މިހެން ދުވަސްތަކެއް ވުމަށްފަހު މަންމައަށް ގުޅަން އުޅެ އެއްގޮތަކަށް ވެސް ގުޅޭ ގޮތެއް ނުވިއެވެ. މަންމައަށް ކޮންމެ ވެސް ކަމެއް ވެއްޖޭ ހިތަށް އަރަމުން ދިޔައެވެ. ދޮންބެ އަށް ގުޅާ ކޮންމެ ފަހަރަކު ބިޒީ ކޮށްލަނީއެވެ. ރަށު މީހަކަށް ގުޅައިގެން ޚަބަރު ބެލި އިރު ދޮންބެމެން މަންމައަށް އަނިޔާކުރާ ކަމާއި ފޯނު ވެސް އަތުލާފައި އޮންނަ ކަމަށް ބުންޏެވެ. މަންމަ ކޮންމެ ގޮތަކަށް ކަންތައްތައް ކުރިޔަސް އަހަރެންގެ ހިތަކަށް ކެތެއް ނުވިއެވެ. މަންމަ ވަނީ މަންމައަށެވެ. އަހަރެން އަވަސް ވީ ގޮތަކަށް ފުރައިގެން ރަށަށް ދިޔައީމެވެ.
ރަށަށް ފައިބައިގެން ގެއަށް ވަދެގެން ދިޔައިރު ވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ދެ ފަހަރަކު ގޮވައިލުމުން ވެސް އެއްވެސް މީހެއްގެ އަޑެއް ބަޑެއް ނީވުނެވެ. ގޭގައި މީހަކު ނޫޅެނިޔޭ ހިތާ ގޭގެ ބިއްދޮށުގައި ހުރި ޖޯލިތަކާއި ދިމާއަށް ހިނގައި ތަނާ ގެޔާއި ވަކިން ދަރު ރައްކާކުރަން ހަދާފައި ހުންނަ ކުޑަ ގުދަނާއި ދިމާއިން މީހެއްގެ ކުކުރުމުގެ އަޑު އިވުނެވެ. ތަކުރާރުކޮށް އެ އަޑު އިވުމުން މަޑުމަޑުން އެ ދިމާއަށް ގޮސް އެ ގުދަނުގެ ދޮރު ހުޅުވައިލީމެވެ. މާތް ކަލާކޯ އެވެ.މަންމަ އިނީ ހަތަރެސް ފައިގައި ޗޭނު ޖަހާފައި ބަނދެފައެވެ. މުޅި މީހާ ހުމާ ފިހިފިއެވެ. އިންސާނަކަށް ބަލަން ކެތްވާވަރު މަންޒަރެއް ނޫނެވެ. ކުކުޅު ހާލަށް ކާންދޭހެން ކައިރީގައި ބަތް އަޅާފައި ތައްޓެއް ހުއްޓެވެ.
ވަގުތުން އަހަރެން ޗޭނު ނައްޓާލާ މަންމަ އަތުލަފި ކޮށްގެން ދާން އެނބުރިލި ވަގުތު ގޭގެ ދޮރު ކަނީގައި އަތް ވިދެލައިގެން ދޮންބެގެ އަންހެނުން ހުއްޓެވެ. އަހަރެންނާ އަރާ ހަމަވުމުން ބުންޏެވެ.
"މިގޭ މުސްކުޅި ކުކުޅު ކޮށިން މިނިވަންވީ ދޯ" އަހަރެން ހަމައިން ނެއްޓި ކަހަލައެވެ. މުޅި މީހާ ތުރުތުރު އަޅަންފެށިއެވެ. ދަތްކުނޑި ވިކާފާއި އަހަރެންގެ އަތް މަޅާލެވުނެވެ.
"ހަނދާންކުރާތި! މީގެ ފަހުން އެންމެ އެއްޗެއް ބުންޏަސް ނިމުނީ" އައި ރުޅީގައި އަހަންނަށް ބުނެވުނެވެ. "ކަލޭމެންނަށް އުނދަގޫ ކުރާކަށް މަންމަ އެއް ދެން ނާންނާނެ. މީގެ ފަހުން ދޮންބެ އާއި އަހަންނާއި ގުޅުމެއްނޯންނާނެ ،ތީ އިންސާނުންތަ! ބަނޑުއަޅައިވިހޭ މައިމީހާއަށް މިހެން ހަދަން ، ލޭގެ ގުޅުމެއްނެތް ނަމަ ކަލޭ އުމުރަށް ޖަލުގައި ބެހެއްޓީމުސް"
އިތުރު އެއްޗެއް ނުބުނެ އަހަރެން މަންމަ ގޮވައިގެން މާލެ ފުރީމެވެ. މާލެ އައިސް ހޮސްޕިޓަލް ގައި މަންމައަށް ފަރުވާދޭން ފެށީމެވެ. އޭގެ ފަހުން ދޮންބެ ދިރިހުރިތޯ ނެތްތޯ ވެސް އަހަރެން ނުބަލަމެވެ. ރޭގަނޑާއި ދުވާލު މަންމަގެ ޚިދުމަތަށް ހުސްވީމެވެ. ހަސަންފުޅުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ. ފަހުން ހިތަށް އެރިއެވެ. ހަސަންފުޅަކީ ލެއްވި ނަސީބެކެވެ. މި ގޮތުގައި 5 އަހަރު ވެދިޔައިރު އެންމެ ކުޑައިރުއްސުރެ މަންމަ ފޫހިވި ދަރިފުޅު އެ މަންމަގެ ހިދުމަތުގައި ރޭގަނޑުގެ ނިދިން މަހުރޫމު ވެ ހޭލާ ހުރީމެވެ. މަންމަގެ ހާލު ރަނގަޅެއް ނުވެއެވެ. ވާހަކަ ދެއްކެނީ ވެސް ކިރިއާއެވެ. އެއްރޭގެ ދަންވަރު މަންމަގެ ހާލު އިތުރަށް ގޯސްވި އެވެ.
މަންމަ: (ވަރަށް އުނދަގުލުން) ދަރިފުޅާ!
އަހަރެން: މަންމާ! ކިހިނެއްވީ؟
މަންމަ: ފެންފޮދެއް..
އަހަރެން: ފެންފޮދެއް ޖެއްސުމުން ކޯވަރެއް ބޯލާފައި ހިން ދިރުވައި ލަމުން މަންމަ ބުންޏެވެ. "ދޮންބެ ކޮބާތަ؟"
އެހާލުގައި ވެސް މަންމަ ހޯދަން އުޅެންވީ އެ ހާލު ޖެއްސި ދޮންބެހޭ އަހަރެން ހިތަށް އެރިއެވެ.
އަހަރެން: އަހަރެންގެ ދޮންބެއެއް ނުހުރޭ ތި ބުނާ މީހަކު އަހަންނަށް މަރުވެއްޖެ
މަންމަ: ދަރިފުޅާ މަންމައަށް މާފުކުރޭ
އަހަންނަށް ރޮވެން ފެށުނެވެ. މަންމަ ކަންތައް ކުރިގޮތް ހިތަށް އަރަން ފެށިއެވެ. އަހަރެން ހިތްވަރު ކޮށްލާފައި މާފުކޮށްފީމޭ ބުނެ މަންމައާއި ދިމާލަށް އެނބުރުނު ވަގުތު މަންމަގެ ދެލޯ އޮތީ ބޮޑުވެފައެވެ. މަންމަ ނިޔާވިކަން އަހަންނަށް ވަގުތުން ޔަޤީންވިއެވެ. އަހަރެން ދެރަވެގެން ރޯން ފެށުނެވެ.
އެންމެ ކުޑަ ދުވަހުން ފެށިގެން މަންމަ ފޫހިވާ ދަރިފުޅުގެ ގާތުގައި އެންމެ ފަހު ނޭވާ ވެސް އެލީ އެ ދަރިފުޅު އަތުން އެ މަންމަގެ އަރަށް ބޯ ފެންތިކެއް ވެސް ރޯދި ކުރުވާފައެވެ. މިއީ ކޮންމެ މަންމައަކާއި ބައްޕައެއް ވެސް ވިސްނާލަން ޖެހޭ ކަމެކެވެ. ތިމާ ދެކެ ލޯބިވާ ދަރިޔަކީ ތިމާ އެންމެ ފޫހިވާ ދަރިޔަށް ވެސް ވެދާނެއެވެ. ދަރިންގެ މެދުގައި ތަފާތު ނުކުރާށެވެ.