ޚަބަރު ސިޔާސީ

ޓޫރިޒަމާއި ތިމާވެއްޓަށް އޮންނަން ވާނީ ވަކި މިނިސްޓްރީއެއް: މައުސޫމް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ޓޫރިޒަމަށް 50 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި އޭރުގެ މިނިސްޓަރު މައުސޫމް: ޓޫރިޒަމް މިނިސްޓްރީ ވަކިން އޮންނަން ޖެހޭނެ ކަމަށް މައުސޫމް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވުމުން، އެންވަޔަރަމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލަން މި ސަރުކާރުން ނިންމި ނިންމުމަށް ކުރިން ޓޫރިޒަމް މިނިސްޓަރު ކަމާއި އެންވަޔަރަމަންޓް މިނިސްޓަރު ކަން ވެސް ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމް މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކިކުރުމުންނެވެ. ދެ މިނިސްޓްރީ އެއްކޮށްލުމަށް ފަހު ސަރުކާރުން ވަނީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރަކަށް ހުންނެވި ތާރިގު އިބްރާހީމް ވަނީ މިއަދު އައްޔަންކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ވަރުގަދަ ރިސޯޓުތަކުގެ މެނޭޖިން ޑިރެކްޓަރު ފަދަ އިސް މަގާމުތައް ފުރުއްވާފައިވާ، އެ ދާއިރާގެ ތަޖުރިބާކާރު މައުސޫމް "ދެން އޮންލައިން" އަށް ވިދާޅުވީ ޓޫރިޒަމާއި ތިމާވެއްޓަކީ ވެސް ރރާއްޖެއަށް އެންމެ މުހިންމު ދެ ދާއިރާ ކަމަށެވެ.

"ޓޫރިޒަމަކީ ނަންބަރު ވަން ސިނާއަތް މި ރާއްޖޭގައި. ޒަމާނުއްސުރެން ވެސް ޓޫރިޒަމަށް ވަކި މިނިސްޓްރީއެއް އޮންނަނީ އެ ކަމަށް ދޭ އަހަމިއްޔަތު ސަރުކާރުތަކުގައި ބޮޑުވުމުން. ދެން މި އޮތީ އެންވަޔަރަމަންޓް. ރާއްޖެއަކީ ތިމާވެށީގެ ގޮތުން މުހިންމު، ނާޒުކު، އަދި މޫސުމީ ބަދަލުތަކުން އެންމެ އަސަރުކުރާނެ އެއް ގައުމު. އެންވަޔަރަމަންޓަށް ވެސް ވަކި މިނިސްޓްރީއެއް އޮންނަން ވާނީ،" މި ވަގުތު އިދިކޮޅު އެމްޑީޕީއާއެކު ސިޔާސީ މަސައްކަތް ކުރައްވަމުން ގެންދަވާ މައުސޫމް ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ ކެބިނެޓަށް ފަހު، މިނިސްޓްރީތަކުގެ ދާއިރާތަކަށް ބަދަލު ގެނައި މިއީ ދެވަނަ ފަހަރެވެ. ކުރިން ސަރުކާރުން ވަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީ އުވާލުމަށް ފަހު ހައުސިންގެ މެންޑޭޓު ކޮންސްޓްރަކްޝަންސް މިނިސްޓްރީއަށް ދީ، ޕްލޭނިންގެ މެންޑޭޓު ދިނީ ފިނޭންސް މިނިސްޓްރީއަށެވެ.

މިނިސްޓަރުން ގިނަވުމުން އަބަދުވެސް އާންމުންގެ ޝަކުވާ ބޮޑުވެފައި އޮންނަ ނަމަވެސް ޓޫރިޒަމާއި އެންވަޔަރަމަންޓަކީ މާ ގުޅުން ހުރި ދެ ދާއިރާއެއް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެފައިވާ ގޮތުގައި ދެމެހެއްޓެނިވި ތިމާވެއްޓަކާއި ޓޫރިޒަމްގެ މަސައްކަތްތައް އިޝްތިހާރުކުރުމާއި އެހެން ކަންކަން ވެސް އެއްގޮތްކޮށް ހިންގުމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރު ތޯރިގު މިއަދު ބައްދަލުކުރައްވައި މަޝްވަރާ ވެސް ކުރެއްވި އެވެ.