ރާއްޖޭގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ބާއްވަން އުޅެނިކޮށް ހުއްޓުވައިފި
އަންނަ ހުކުރު ދުވަހު "ޕޮންގަލް 2025" ގެ ނަމުގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ބޭއްވުމަށް ރާވަމުން ދަނިކޮށް އެކަން ފުލުހުން ހުއްޓުވައިފި އެވެ.
މޯލްޑިވްސް ޓެމިލް ސަންގަމްއިން އިންތިޒާމްކޮށްގެން މި ފެސްޓިވަލް ބާއްވާނެ ކަމަށް އިއުލާނުކުރީ ހުޅުމާލެ ސިންތެޓިކް ޓްރެކްގަ އެވެ. ސޯޝަލް މީޑިއާގައި ޕޯސްޓްތައް ދައުރުކުރުމާ އެކު، މާލޭގެ އެކި ސަރަހައްދުތަކުގައި ޕޯސްޓަރުތައް ހަރުކޮށް ފެސްޓިވަލް އިސްތިހާރުކުރަން ފެށުމާ ގުޅިގެން އެ މައްސަލަ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފެންމަތިކުރި އެވެ.
"ޕޮންގަލް 2025" ހުޅުމާލޭގައި ބޭއްވުމުގެ ހުއްދަ އެޗްޑީސީން ދީފައިވާ ނަމަ އެކަން ބާތިލުކުރުމަށާއި ފެސްޓިވަލް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީއަށާއި ފުލުހުންގެ ހިދުމަތަށް އެ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.
ޓެމިލް ފެސްޓިވަލު އިސްތިހާރުކުރަން މާލޭ ސޯސަން މަގުގެ ދެކުނު ކޮޅުގައި ހަރުކޮށްފައި ހުރި ޕޯސްޓަރެއް ވަނީ ނަގާފަ އެވެ. އެކަން ކަށަވަރުކޮށްދެއްވާ ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން ރޭ ވިދާޅުވެފައި ވަނީ އެ ހަރަކާތް ކެންސަލް ކުރެވިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ "ޕޮންގަލް 2025" އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް އެ ފެސްޓިވަލް ނުބޭއްވޭނެ ކަމަށް ކަމާ ބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ.
އެ ފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް އިންތިޒާމުކުރި ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މިފަދަ ހަރަކާތްތައް ހިންގާ ނަމަ ދިވެހި ފުލުހުންގެ ހިދުމަތުން އެކަން ހުއްޓުވާނެ ވާހަކަ ދަންނަވަމެވެ،" ޕޯސްޓުގައިވެ އެވެ.