ރޯދައަށް ގޭތެރެ ސާފުކުރާއިރު އުފެދޭ ކުނި މަގުތަކަށް ނުނެރެން އީޕީއޭއިން އިލްތިމާސްކޮށްފި
ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް، ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން ސާފުކޮށް ޒީނަތްތެރި ކުރުމުގެ ތެރެއިން އުފެދޭ ކުނި މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާ އަދި އާންމު ސަރަހައްދުތަކަށް ނޭޅުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
ކުނި އުފެދޭ މިންވަރު އިތުރުވެ، މާލޭގެ އެކި ސަރަހައްދުތަކަށް ގިނަ އަދަދަކަށް ކުނި ޖަމާކުރުމުގެ މައްސަލަތައް ހުސްވި އަހަރުގެ ރޯދަ މަހުގެ ކުރިން ވެސް ދިމާވި އެވެ. އެކަން ހައްލުކުރަން މާލެ ސިޓީ ކައުންސިލުންނާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.
އީޕީއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން، ގޭތެރެ އާއި އާންމުކޮށް މީހުން ބޭނުންކުރާ ތަންތަން އެ މަހަށް ސާފުކޮށް ޒީނަތްތެރި ކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ ކުނި އުފެދޭ ކަމަށެވެ. އެހެން އުފެދޭ ކުނި ރަށްރަށާއި ސިޓީތަކުގެ މަގުމައްޗަށާ އަދި ދުވާރުމައްޗަށް ނެރެ ބަހައްޓަމުންދާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ކުނީގެ އިތުރުން މި ފަހަކަށް އައިސް އާންމުކޮށް ގޭބިސީތަކުންނާއި ފިހާރަތަކުން އުފެދޭ ކުނި ވެސް ގިނަ އަދަދަކަށް މަގުމައްޗަށް ނެރެފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
"މިކަމަކީ މަގުތައް ނުސާފުވެ، މަގުތައް ބޭނުންކުރާ ފަރާތްތަކަށް ނުހަނު ބޮޑެތި ދަތިތައް ދިމާވެ، އަދި ސިއްހީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ވާތީވެ، މަގުމައްޗަށާއި ހުސްކޮށް ހުންނަ އިމާރާތްތަކަށާއި އާންމު ސަރަހައްދުތަކަށް ކުނިބުނި ނޭޅުމަށް ދަންނަވަމެވެ،"
އީޕީއޭއިން ވަނީ ރޯދަ މަހަށް ގެ އާއި ގޯތިތެރެ ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމުގައި ކުރީ ބައިގައި ކުނި އުކާލެވޭނެ އިންތިޒާމު ރަށްރަށުން އެ ރަށެއްގައި ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތަކާ އަދި ސިޓީތަކުގައި ވެމްކޯ އާ ގުޅިގެން ހަމަޖެއްސުމަށް އިލްތިމާސްކޮށްފަ އެވެ.
ތިމާވެށި ތަގައްޔަރުވާ ނުވަތަ ތަގައްޔަރުވެދާނެ ފަދަ ގޮތަކަށް، އެއްވެސް ފަރާތަކުން ކުނި ގެންގުޅުމުގެ ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ނުވަތަ ނައްތާލުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށް އެ އެޖެންސީން ފާހަގަކުރި އެވެ.
އެ ގާނޫނާ އެއްގޮތަށް ކުނި މެނޭޖު ކުރުމަށާ އަދި މަގުތަކާއި އާންމު ސަރަހައްދުތަކަށް ކުނިބުނި އުކާލުމުގެ ބަދަލުގައި އެ ތަންތަން ސާފުކޮށް ބޭއްވުމަށް އީޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.