ޚަބަރު ސަރުކާރު

ފްލެޓް ލިސްޓުގެ ސައްހަކަން ބެލުމަށްފަހު މި މަހުގައި ލިސްޓު އިއުލާންކުރާނަން: ރައީސް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަން ފެށި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓުގެ ސައްހަކަން ބެލުމަށްފަހު މި މަހުގައި ލިސްޓު އިއުލާންކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ވިދާޅުވީ ފްލެޓް ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާވަފައިވާ އެންގުންތަކާ އެކު މި ލިސްޓުގެ ސައްހަކަން ބެލުން އެއީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއް ކަމަށެވެ.

"މާތް ﷲ ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިއުލާންކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ"

ރައީސް ވިދާޅުވީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސަބަބުން ދިމާވެފައިވާ އަސާސީ ހައްގުތަކުގެ ތެރެއިން ދިރިއުޅުމުގެ ދަތިތަކާއި ވޭންތައް ހައްލުކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ރައީސް ވައުދުވެފައިވާ 58 ރަށްތަކުގެ ތެރެއިން ބ. އޭދަފުށީގައި 1000 ހައުސިންގް ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރަކާއެކު ސޮއި ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ބާކީ 57 ރަށުގައި ހައުސިންގް ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާންކޮށްފައިވާކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މާލެ ފިޔަވާ އެހެން ރަށްރަށުގައި މި އަހަރު ތެރޭގައި 12،940 ޔުނިޓް އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެތެރެއިން އާބާދީ ބޮޑު އަދި އާބާދީ އެއްފަސްކުރެވެން އޮތް ރަށްރަށުގައި ބޮޑު ބައެއް އިމާރާތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޔުނިޓް އެޅުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިއުލާންކޮށްފައިވާ ރަށްތައް

  • ކުޅުދުއްފުށި ސިޓީގައި 2000 ޔުނިޓް.
  • އައްޑޫ ސިޓީގެ 6 ރަށެއްގައި ޖުމްލަ 1100 ޔުނިޓް.
  • ހދ.ހަނިމާދޫ، ރ.އުނގޫފާރު، ކ.ތުލުސްދޫ، ދ.ކުޑަހުވަދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، ފުވައްމުލައް ސިޓީ މިއިން ކޮންމެ ރަށެއްގައި 500 ޔުނިޓް.

ރައީސް ވިދާޅުވީ ބާކީ އިން 22 ރަށުގައި 100 ޔުނިޓަށްވުރެ އިތުރަށް އިމާރާތްކުރުމަށް އިއުލާންކޮށްފައިވާއިރު، 100 ޔުނިޓަށް ވުރެ މަދުން އިމާރާތް ކުރުމަށް 20 ރަށެއް އިއުލާންކޮށްފައިވާ ކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ އެންމެ ބޮޑަށް ދިމާވެފައިވަނީ މާލެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ރަސްމާލެ ހިއްކުމުގެ މަސައްކަތް 2026 ވަނަ އަހަރު ނިންމައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ގުޅީފަޅުން 85 ހެކްޓަރު ހިއްކުމަށް ފައިސާއާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އަސާސީ ހިދުމަތްތައް ގާއިމުކުރުމާއި މަގު ހެދުމަށް ކޮންޓްރެކްޓަރަކާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

"މާތް ﷲ ގެ ވާގިފުޅާއެކު މާލަސްތަކެއް ނުވެ، އޭގެ އަމަލީ މަސައްކަތް ފެށިގެންދާނެ. ހަމައެގޮތަށް ގިރާވަރު ބިން ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ. މީގެ އިތުރުން ހުޅުމާލެ ފަޅުތެރެއިން ހިއްކަން ފަށާފައިވާ ބިން މިއަހަރު ޖުލައި މަހުގެ ކުރިން ހިއްކާ ނިންމިގެން ދާނެ"

ރައީސް ވިދާޅުވީ ގުޅީފަޅާ، ގިރާވަރުފަޅާ، ހުޅުމާލެ ފަޅުތެރެއިން ހިއްކާ ބިމުން ގޯތި ލިބިފައިވާ ފަރާތްތަކަށް އެގޯތީގެ ރަޖިސްޓްރީ ބިން ހިއްކާ ނިމުނުހާ އަވަހަށް ހަވާލުކުރާނެ ކަމަށެވެ. އަދި އިންޑިއާގެ ކޮންސެޝަނަލް ފައިނޭންސްގެ އެހީގައި ގުޅީފަޅުގައި 4000 ސޯޝަލް ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް މި އަހަރު ފެށުމަށް މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ބޯހިޔާވަހިކަމަށް އިތުރު ޖާގަ ފަހިކުރުމަށްޓަކައި އުތުރު ތިލަފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ.