ޚަބަރު ރައްޔިތުންގެ މަޖިލިސް

މީހުންގެ މުސާރަތަކާ ނުކުޅެ އެހެން ގޮތްގޮތަށް ހަރަދުކުޑަކުރަން ގާސިމް ގޮވާލައްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް/ ފޮޓޯ: މަޖިލީސް

މިނިވަން މުއައްސަސާތަކުގެ ވެެެރިންނާ ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ވެރިންގެ މުސާރަތަކަށް ބަދަލު ނުގެނެސް ހަރަދު ކުޑަކުރެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ގޮވާލައްވައިފި އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަގުސަދުގައި އެކުލަވާލެއްވި އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އިއްޔެ ފޮނުވާފައިވެ އެވެ.

އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާގެ އިތުރުން މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމެވެ.

މާލިއްޔަތު ކޮމިޓީގައި އެ މައުލޫގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ސަރުކާރަށްވެސް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އެކި އެކި މަގާމުތަކުގައި ތިބި މީހުންގެ މުސާރަ ކުޑަކުރުމުގެ ބަދަލުގައި މުޅި ދައުލަތުގެ ހިންގުމުގެ ހަރަދު ކުޑަކުރުން ކަމަށެވެ.

"ލާންދަލެއް ހެން އެއްލައިގެން" މުސާރަ ކުޑަކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

"ސަރުކާރަށް ލިބޭ ބަދުނާމުވެސް ނުފޫޒުވެސް ބޮޑުވާނެ ކަމަށް އަޅުގަނޑަށް ފެންނާތީ އެ ނަޒަރިއްޔާތުން އަޅުގަނޑު މި ދަންނަވާލަނީ" ދިރިއުޅުމުގެ ހަރަދު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު މުސާރަ ކުޑަކުރުމުން ނިކުންނާނެ ނަތީޖާ މާ ގޯސްވާނެ ކަމަށް ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.

ގާސިމަށް ފަހު ވާހަކަ ދެއްކެވި މަޖިލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގާނޫނު އޮތް ގޮތުން ގިނަ މުއައްސަސާތަކުގެ މުސާރަ ކުޑަކުރެވެން ނެތުމުން އެންމެ ރަނގަޅު ގޮތަކީ ބޭކާރު މުއައްސަސާތައް އުވާލުން ކަމަށެވެ.

މިސާލެއްގެ ގޮތުގައި ނާޒިމް ވިދާޅުވީ މީޑިއާ ކައުންސިލާ ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމެވެ. އެ ދެ ތަނަށްވެސް ދައުލަތުން އަހަރަކު 18 މިލިއަން ރުފިޔާ ހަރަދުކުރާއިރު ނަތީޖާއެއް ނުނެރެވޭ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ދެން ހުށަހެޅުއްވި ހިޔާލަކީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އާއި ހިއުމަން ރައިޓްސް ކޮމިޝަންވެސް އެއްކޮށްލުމެވެ.

"އެގޮތަށް އެކަން ކުރަންވީ [ބޭކާރު މުއައްސަސާތައް އެއްކޮށްލުން] އޭރަށް ކުރެވޭ ސޭވިންޑް ބޮޑުވާނެ" ނާޒިމް ވިދާޅުވި އެވެ.