Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ބަންދަށް

އައްޑޫގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 4 މީހުން ބަންދަށް
އައްޑޫ ސިޓީ ހިތަދޫގައި މީހަކު ރަހީނުކޮށް އެ މީހާއަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި 4 މީހަކު ބަންދުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ "ދެން" އަށް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ މެންދަމު 1:35 ހާއިރު، ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލެއްގައި ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ފިލަން މަސައްކަތްކުރި މަންޒަރު ފެނުނު ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި އެ މީހުން ފިލަން މަސައްކަތްކުރި ސަބަބު އިތުރަށް ބެލުމުން މީހަކު ރަހީނުކޮށްފައިވާކަން އެނގުނު ކަމުގަ އެވެ. ފުލުހުން ބުނީ އެ މީހުން ރަހީނުކުރި މީހާ ފެނިފައި ވަނީ ބޮލުން ބައެއް ބާލާފައި ހުއްޓައި ކަމަށް "އިތުރަށް ބެލި ބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ، ބޮލުން ބައެއް ބާލައި އަނިޔާކޮށްފައި ހުއްޓާ ފެނިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ އަނިޔާކޮށްފައި ވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް 15 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންގެ އިތުރުން 22 އަހަރުގެ މީހެއް ގެންދިޔަ އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފަ އެވެ.
  • ސ. ހިތަދޫ، ވިޝަންޑްރީމް، ސަމާހު ތައުފީގު (20އ)
  • ސ. ހިތަދޫ، ގްރޭސް، މުހައްމަދު ޔައީޝް އާޒާދު (19އ)
  • ސ. ހިތަދޫ، ނޫތަރި، އަޝްރަފު މުހައްމަދު (22އ)
  • ސ. ހިތަދޫ، މެރީގާޑަން، އަލީ މާޒިން ހަސަން (20އ)
ފުލުހުން ބުނި ގޮތުގައި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ސަމާހާއި އަޝްރަފް 15 ދުވަހަށް އަދި ޔައީޝާއި މާޒިން 7 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަަމުގަ އެވެ. "މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް، އާއިލާ އާ ވަނީ ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް