އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ

ކުޑަކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި ހުޅުމާލޭ ޖަލުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް (25 އަހަރު) ތަންފީޒު ކުރަމުން ދިޔަ 67 އަހަރުގެ މީހަކު ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވީސް އިން އެ ސާވީސްގެ ވެބްސައިޓުގައި ޝާއިއުކުރި ހަބަރެއްގައި ބުނީ، މަރުވީ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ ކަމަށެވެ.
އޭނާ އަކީ 2020 ވަނަ އަހަރު ކާފަ ދަރިފުޅާ ބެހިގެން ޖަލަށްލި މީހެކެވެ.
ކަރެކްޝަނުން ބުނީ އިބްރާހީމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ.
ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން ރޭ 2:40 ގައި އޭނާ މަރުވިކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
އެ އިދާރާއިން ބުނީ އޭނާ އަކީ ހައި ބަލްޑް ޕްރެޝާ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށެވެ.
އިބްރާހިމް ދީދީ މަރުވުމާ ގުޅިގެން ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވީސްއަށާއި ފުލުހުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން ބުންޏެވެ.