ލައިފްސްޓައިލް

ދިރިއުޅުމުގައި ޙާޞިލް ނުވި ކަމަކާމެދު ހިތާމަ ކުރުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ .

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ދިރިއުޅުމުގެ ކުރު ތަޢާރަފަކީ ކާމިޔާބީއާ ނާކާމިޔާބީއެވެ. އުފާވެރިކަމާއި ހިތާމައެވެ. ފޮންޏާއި ހިއްޗެވެ. ބަލިވުމާއި ގަދަވުމެވެ. ދިރިއުޅުމުގެ ހަމަ ކޮންމެ ކަމެއްމެ ފެތެނީ މިދެންނެވި ދެ ގިންތީގެ ތެރެއިން ގިންތި އަކަށެވެ. އެހެން ކަމުން ދިރިއުޅުމުގައި ޙާޞިލް ނުވެދިޔަ ކަމަކާމެދު ހިތާމަ ކުރުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ.

Ads by STELCO

ޅަފަތުގެ ޙަޔާތަކީ ފިކުރެއް ވިސްނުމެއް ނެތި ހޭދަ ކުރި ހަޔާތެއް ނަމަވެސް އެ މަރުހަލާގައި ވެސް އެކި ކުދީންނަށް ހާސިލްވީ އެކި މިންވަރެވެ. ބައެއް ކުދީން ވަރަށް ތަނަވަސްކޮށް ބޭނުންވާ ހުރިހާ އެއްޗެއް ލިބިގެން ބޮޑުވިއިރު އަނެއްބައި ކުދީންނަކީ އެކުދީންގެ އަސާސީ ބޭނުންތައް ވެސް ނުފުދި ޒުވާން އުމުރަށް ދިޔަ ކުދިންނެވެ.

ޒުވާން އުމުރުފުރާގައި ނުވަތަ މަދަރުސީ ދުވަސްވަރު ކިޔެވުމުގައި ވެސް އެކި ކުދީން ތަފާތެވެ. ބައެއް ކުދީންނަށް ކިޔެވުން ކުރިއަށް ނުގެންދެވި ތައުލީމީ ހަޔާތުގެ ސަފްހާ ލައްޕާލަން ޖެހެއެވެ. ބައެއް ކުދީން އެމީހުންގެ މުސްތަގުބަލް ، ޑޮކްޓަރަކަށް ،އިންޖިނިއަރަކަށް ނުވަތަ ޕައިލެޓަކަށް އެހެންނާ އެ ނޫން މަގާމެއްގައި ވުމުގެ ހުވަފެންތައް ދެކެއެވެ. ނަމަވެސް މި ދެންނެވި ހުވަފެން ވެސް ހަގީގަތަކަށް ހެދުމުގައި އެންމެނަކަށް ކާމިޔާބެއް ނުހޯދެއެވެ.

ހަޔާތުގެ ބައިވެރިޔާއާ މެދު ވިސްނާލަމާ ހެއްޔެވެ؟ ބައެއް މީހުން އެމީހުންގެ ހަޔާތުގެ ބައިވެރިއަކަށް އެމީހުން އެންމެ ލޯބިވާ މީހުން އިޚްތިޔާރު ކުރުމުގެ ނަސީބު ލިބުނުއިރު ބައެއް މީހުން ދިރިއުޅުން ހޭދަ ކުރަނީ އެމީހުން ލޯބިވީ މީހުންނާއި އެއްކޮށެއް ނޫނެވެ. އަދި އެމީހުންނަށް އެކަން ދިމާވީ ވެސް އެންމެ ހެޔޮ ގޮތް ކަމުގައެވެ.

އެހެންކަމުން ދިރިއުޅުމުގައި ހާސިލް ނުވި ކަމަކާ މެދު ހިތާމަ ނުކުރާށެވެ. ކޮންމެ ކަމަކީ ވެސް ﷲގެ ނިޔާއެވެ. ތިމާއަށް އެންމެ މޮޅުގޮތް ވިސްނޭނީ ތިމާގެ ސިކުނޑިކަން ކަމުގައި ހީވިޔަސް އެ ސިކުނޑިއާ ވިސްނުން ތިބާއަށް ދެއްވި ﷲގެ މިންވަރު ފުޅަކީ އެންމެ ހެޔޮ މިންވަރުފުޅެވެ. އެ މިންވަރުފުޅާ ރުހޭ މީހެއްގެ ދިރިއުޅުން ބަނަވެގެން ނުދާނެއެވެ، އެފަދަ މީހަކަށް ކޮންމެ ދުވަހަކީ ވެސް އުފާވެރި ދުވަހެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!