ގޮނޑި ގެއްލޭ އިސްލާހު: އެމްޑީޕީން ބުނީ އިސްލާހުން ރައްޔިތުންގެ ބާރު ނިގުޅައިގަންނަ ކަމަށް

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުން ރައްޔިތުންގެ ބާރު ނިގުޅައިގަނެވިގެންދާ ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނެފި އެވެ.
ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ. މައްސަލައަށް އެމްޑީޕީން ވަނީ ތަދައްހުލުވެފަ އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލާ މައްސަލައިގެ ފުރަތަމަ އަޑުއެހުން އިއްޔެ ވަނީ ބާއްވާފަ އެވެ.
މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި އިޖުރާއީ އިއުތިރާޒާ ގުޅޭގޮތުން ވާހަކަދެއްކުމަށް އެމްޑީޕީއަށް ދިން ފުރުސަތުގައި ވަކީލު އަނަސް އަބްދުއްސައްތާރު ވިދާޅުވީ މައްސަލައަށް ތަދައްހުލުވީ ޕާޓީގެ މަސްލަހަތު އެކުލެވިގެންވާ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ. މައްސަލަ ހުށަހެޅި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަކީ އެމްޑީޕީން ވެސް ފާހަގަކުރާ ކަންކަން ކަމަށް ވުމާ އެކު، އެ ނުކުތާތަކަށް ތާއީދުކުރާ ކަމަށެވެ.
"އަޅުގަނޑުމެން ތަދައްހުލުވުމަށް އެދި ހުށަހެޅި ފޯމުގައި ބަޔާންކޮށްފައިވާނެ 73 ވަނަ މާއްދާއަށް އިތުރުކުރެވުނު ބ އިން ރައްޔިތުންގެ ބާރު، ނިގުޅައިގަނެވިގެންދާ ކަމަށް،"
ގާނޫނު އަސާސީގެ 75 އަދި 90 ވަނަ މާއްދާއިން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށް ވަކި ކަންތައްތަކެއް ކަނޑައަޅާފައިވާ ކަމަށް އަނަސް ވިދާޅުވި އެވެ. ބަލަން ޖެހޭ ހަމަތަކަކާއި ރިއާޔަތް ކުރަން ޖެހޭ މިންގަނޑުތަކަކާއި ހިފައްޓައި އަދި ނަގަހައްޓަން ޖެހޭ ވަކި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.
މި ބާވަތުގެ މައްސަލަތަކާ ގުޅިގެން ގައުމުތަކުގައި ކަން ހިނގާފައިވާ ގޮތަށް އަލިއަޅުއްވާލައްވައި ސުޕްރީމް ކޯޓުތަކުން ޖުޑީޝަލް ރިވިއުގެ ބާރު އެ ކޯޓުތަކަށް ލިބިގެންވާ ކަމަށް ނިންމާފައިކަން ފާހަގަކުރެއްވި އެވެ.
އިއްޔެގެ ޝަރީއަތުގެ އަޑުއެހުމުގައި މި ބާވަތުގެ މައްސަލައަކީ އަލަށް ހުށަހެޅުނު މައްސަލައެއްކަން ބެންޗުން ފާހަގަކުރި ކުރުމާ ގުޅޭގޮތުން ވަކީލު ވިދާޅުވީ މައްސަލައިގައި ހިމެނޭ މައުލޫއަކީ އާކަމެއް ނޫން ކަމަށެވެ.
"ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހެއް ނުވަތަ ބަދަލެއް ބާތިލުކޮށްދިނުމަށް މި ރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ނޯވެދާނެ. އެހެންނަމަވެސް ހުށަހެޅިގެން ދެކެވޭ މި ވާހަކައަކީ އެއްގޮތަކަށް ވެސް އާކަމެއް ނޫން،"
މީގެކުރިން ދިމާވި ހާލަތްތަކަށް ރިއާޔަތްކޮށް އޭނާ ފާހަގަކުރެއްވީ މަޖިލިސްތަކުން ގެންނަ މިފަދަ އިސްލާހުތައް ޖެހިގެން އިންތިހާބުވާ މަޖިލިހަކުން އުވާލާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި އާ މެދު ސުވާލު އުފެދިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވާކަން ފާހަގަކުރި އެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަލީ ހުސައިންގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ.
ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
މަހްފޫޒު ވިދާޅުވި ގޮތުގައި މެމްބަރުން އިންތިހާބަށް ކުރިމަތިލިއިރު ތަސައްވުރު ކުރެވިފައިވާ އިސްލާހަކަށް ނުވާތީ، މަޖިލިހަށް މެމްބަރުން ހޮވާފައި ވަނީ ފަސް އަހަރު ދުވަހަށް ރައްޔިތުން ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އޭނާ އިންނާނެ ކަމަށް ބަލައިގެން ކަމުގަ އެވެ. ވުމާ އެކު މެމްބަރު މަޖިލިހަށް އިންތިހާބުވުމަށް ފަހުގައި ގެނައި ބަދަލެއްގެ އަސަރު އޭނާގެ މައްޗަށް ހިނގައިގެން ނުވާނެ ކަމުގަ އެވެ.
އިސްލާހުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ހަނިވާކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ.