އައްޑޫއަށް 1.8 މެގަ ވޯޓުގެ ޖެނެރޭޓަރު ގެންގޮސްފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސިޓީއަށް 1.8 މެގަވޯޓުގެ ޖެނެރޭޓަރު މިއަދު ގެންގޮސްފި އެވެ.
ހިތަދޫ އާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަ ސްޓޭޝަނުގައި ބޭނުންކުރަމުންދާ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް ވަނީ މައްސަލަތައް ދިމާވެފަ އެވެ. އަދި އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފަ އެވ
އެކަމާ ގުޅިގެން އެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެ، އެކި ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ.
ފެނަކައިން މިރޭ ބުނީ ކަރަންޓުގެ މައްސަލަ ހައްލުކުރަން އައްޑޫއަށް ފޮނުވި ޖެނެރޭޓަރު މިހާރު އައްޑޫއަށް ގެންގޮސްފައިވާ ކަމަށެވެ.
މިއީ ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހޯދި ޖެނެރޭޓަރެއް ކަމަށް ފެނަކައިން ކުރިން ބުނެފައި ވެއެވެ.
އައްޑޫގައި ކަރަންޓުގެ ހާލަތް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް:
- ހަލާކުވި ޖެނެރޭޓަރުގެ ތެރެއިން އެއް ޖެނެރޭޓަރު މަރާމާތުކޮށް މިހާރު ހިންގަންމުން ދަނީ
- ދެވަނަ ޖެނެރޭޓަރު މަރާމާތުކޮށް، މި ހަފުތާގައި ނިޔަލަށް ހިންގަން ފަށަން މަސައްކަތް ކުރަނީ
- ބޭރުން ސްޕެއަ ގެނެސްގެން 3 ވަނަ ޖެނެރޭޓަރު މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ
ރަށްރަށުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލުކުރަން ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ މަހުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ. ރޯދަ މަހާ ދިމާކޮށް ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އިތުރު ޖަނަރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން މައްސަލައަށް ހައްލު ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.