ޓޯކަން މެދުވެރިކޮށް ބޭނުން މަރުކަޒަކުން މަސް ކޭސް ނެގޭނެ އިންތިޒާމު ހަމަޖައްސަނީ

ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް މާލެ ސަރަހައްދުގެ މަރުކަޒުތަކުން ޓޯކަން މެދުވެރިކޮށް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނެފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަސްދަޅު ކޭސް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމުގެ ގޮތުން މާދަމައިން ފެށިގެން މާލެ ސަރަހައްދުގައި މަސް ކޭސް ބެހުމުގެ ކަންކަން ވަކި އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ފާހަގަކޮށްފައިވާ ކަންކަމަކީ:
- މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވުމާ އެކު، މަސްދަޅު ކޭސް ރޭގަނޑު ދޫކުރުން.
- ކިޔޫގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހޭނެހެން، އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖެއްސުން. މި ނިޒާމުގެ ތެރެއިން ވަކި ރެއަކަށް ވަކި މަރުކަޒަކުން ޓޯކަން ނެގުމުން، އެ ރެއެއްގައި އެ މަރުކަޒަކުން އެ ފަރާތަކަށް މަސްދަޅު ކޭސް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ. މިކަމަށް ކަނޑައެޅިފައިވާ ނިޒާމުގެ ތަފުސީލު އިއުލާނު ކުރާނެ.
- މަސް ކޭސް ބަލާދާއިރު، އެ ފަރާތެއްގެ އައިޑީކާޑާއި 3 މަސް ދުވަހުގެ ކަރަންޓު ބިލު ގެންދިއުން. އެއް ފަރާތަށް އެންމެ ގިނަވެގެން ދޫކުރާނީ (3 މީޓަރަށް) 3 މަސްދަޅު ކޭސް.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:

ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނި ގޮތުގައި ހުރިހާ ގޭބިސީއަކަށް މަސް ކޭސް ދޫކުރެވެންދެން މި މަސައްކަތް ކުރިއަށް ގެންދާނެ ކަމުގަ އެވެ.
އިތުރަށް ބުނީ ފޯނު ފަދަ ތަކެތި ބޭނުން ކުރުމަށް ދަތިވާ ފަރާތްތަކަށް، ދައްޗެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށެވެ. އެގޮތުން އެފަދަ އެއްވެސް ދަތިކަމެއްވާ ފަރާތެއް ނަމަ، މަރުކަޒަށް ދިއުމުން އެ ތަނުގައި ތިބޭ މުވައްޒަފުން އެހީތެރިވެދޭނެކަން ފާހަގަކުރި އެވެ.
ސަރުކާރުގެ އަމާޒަކީ، ވީ އެންމެ ލުއިފަސޭހަ ގޮތެއްގައި ރޯދަ ހަދިޔާ ފޯރުކޮށްދިނުން ކަމުގައި އެ މިނިސްޓްރީން ބުންޏެވެ. އެ ކަމަށް ޓަކައި އިތުރަށް ފުރިހަމަކުރަން ޖެހޭ ކަންކަން ގާތުން ބަލަމުންދާނެކަމުގެ ޔަގީންކަން ވެސް ބަޔާނުގައި ވަނީ ދީފަ އެވެ.