ޚަބަރު

ޕާކިސްތާނުގައި ކަރަންޓު މައްސަލަ ހައްލު ނުކޮށްފިނަމަ މުޒާހަރާކުރާނެ ކަމުގެ އިންޒާރެއް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

ޕާކިސްތާނުގެ ހަރިޕޫރު ސަރަހައްދުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލު ނުކޮށްފިނަމަ މުޒާހަރާކޮށް ޕެސްކޯ (ޕެޝަވަރ އިލެކްޓްރިކް ސަޕްލައި ކޮމްޕެނީ) އޮފީސްތައް ބަންދުކުރާނެ ކަމަށް ޖަމާއަތް އިސްލާމީ (ޖޭއައި) އިން އިންޒާރުދީފި އެވެ.

Ads by STELCO

ޖޭއައި ގެ ޑިސްޓްރިކްޓް އަމީރު ސައިފުއްލާ ޚާން އާއި އެހެނިހެން އިސް މެމްބަރުން ވަނީ ޕެސްކޯގެ އެގްޒެކެޓިވް އިންޖިނިއަރ ޝަހްޒާދު ޚާން އާއި ބައްދަލުކޮށް ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ގޮވާލާފައެވެ.

މި މައްސަލަ ހައްލު ނުކޮށްފިނަމަ ޕެސްކޯ އޮފީސްތައް ބަންދުކޮށް މުޒާހަރާކުރާނެ ކަމަށް ބުނެފައިވެއެވެ.

ސައިފުއްލާ ޚާން ވަނީ ހަރިޕޫރުގެ ގިނަ ސަރަހައްދުތަކުގައި ދުވާލަކު 18 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަރަންޓު ކެނޑިފައި ހުންނަ ކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ޕެސްކޯގެ އެގްޒެކެޓިވް އިންޖިނިއާ ޝަހްޒާދު ޚާން ވަނީ މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރާނެ ކަމަށް ޔަގީންކަން ދީފައެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.

މި މައްސަލައަކީ ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ދިމާވަމުންދާ މައްސަލައެއް ކަމަށްވާއިރު، ސަރުކާރުން މިކަމަށް އަވަސް ހައްލެއް ހޯދުމަށް ރައްޔިތުން ގޮވާލަމުންދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!