ޚަބަރު ސަރުކާރު

މާލޭން 15،000 ގޭބީސީއަށް މަސްދަޅު ބަހައިފި، އެހީއަށް އެދުން ފަސޭހަކޮށްދެނީ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށް ދަނީ / ފޮޓޯ:އެސްޓީއޯ

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން މަސްދަޅު ކޭސް ދޫކުރާއިރު، މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން މާލެ ސަރަހައްދުގައި އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

މާލެ ސަރަހައްދުގައި މަސް ކޭސް ދޫކުރުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށުމާ އެކު، އެ ކަމަށް އޭރު ކަނޑައެޅި ސެންޓަރުތަކުގައި ދިގު ކިއުތައް ދަމާލި އެވެ. އެކަން އިންތިޒާމުކުރި ގޮތުން އާންމުންގެ ފާޑުކިޔުން އަމާޒުވުމާ ގުޅިގެން މަސްދަޅު ދޫކުރާ ސެންޓަރުތަކުގެ އަދަދު 13 އަށް އިތުރުކޮށް، އޮންލައިން ޕޯޓަލް، "ރޯދަ ހަދިޔާ" މެދުވެރިކޮށް މަސްދަޅު ކޭސްގެ ޓޯކަން ނެގޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

އިއްޔެ ވަނީ ޓޯކަން ދޫކުރާ ގޮތަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން:

  • ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު އިތުރުކުރުން
  • ޓޯކަން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ ފަރާތްތައް، ތާރީހު (އަވަސްކޮށް) ރީޝެޑިއުލް ކުރުމުގެ ފުރުސަތު ދިނުން
  • ޓޯކަން ނެގުން ފަދަ ކަމެއްގައި ހައްލުކޮށްލަން ޖެހޭ ފަދަ ކަމެއް ކުރިމަތިވާ ފަރާތްތަކަށް އެއް ދިމާލަކުން އެކަމަށް އަޅާލައި، އެކަން ހައްލު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން

މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފު ވިދާޅުވެފައި ވަނީ ‏މާލެ ސަރަހައްދުގެ 15،000 ހާސް ގޭބީސީއަށް މިހާތަނަށް މަސްދަޅު ކޭސް ފޯރުކޮށްދީފައިވާ ކަމަށެވެ. މިހާރު ހަމަޖައްސައިދެވިފައިވާ އިންތިޒާމުތަކާ އެކު ވަރަށް ފަސޭހަ ގޮތެއްގައި އެކަން ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ.

"ރޯދަ މަހުގެ ކުރިން މިއޮތް ދުވަސްތަކުގައި، މުޖުތަމައުގައި ހާއްސަ އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އިތުރަށް ފަސޭހަކޮށްދިނުމަށް ސަމާލުކަންދީގެން ކުރިއަށް ގެންދާނަން،" ޝަރީފް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ ހުރިހާ ގޭބިސީއަކަށް ރޯދަ ހަދިޔާ ފޯރުކޮށްދެވެންދެން އެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މާލެ ސަރަހައްދުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެެއްސި ސަރަހައްދުތައް:

  • މިފްކޯ ކޮމްޕްލެކްސް (މާފަންނު) - 200 ޓޯކަން
  • އެމްޓީސީސީ ސޯމިލް - 200 ޓޯކަން
  • ހެންވޭރު ދަނޑު - 200 ޓޯކަން
  • ގަލޮޅު ދަނޑު – ސެޓަޕް 1 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 2 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 3 (50 ޓޯކަން)
  • ގަލޮޅު ދަނޑު – ސެޓަޕް 4 (50 ޓޯކަން)
  • ސޯޝަލް ސެންޓަރު ވިލިމާލެ - (100 ޓޯކަން)
  • ވެމްކޯ ސައިޓް ހުޅުމާލެ - (100 ޓޯކަން)
  • އުމަރު ޒާހިރު ބިލްޑިން / ހުޅުމާލެ - (100 ޓޯކަން)
  • ޕޮލްކޯ ޓަވާ (ސީ ބްލޮކް) (ހުޅުމާލެ) - (100 ޓޯކަން)
  • ހިޔާ ޓަވަރު 10 (ހުޅުމާލެ) - (100 ޓޯކަން)
  • ކާމިލްދީދީ ޕްރީސްކޫލް - (100 ޓޯކަން)

މިނިސްޓްރީން ބުނެފައި ވަނީ މަސްދަޅު ބެހުން ކުރިއަށް ދާނީ ކޮންމެ ރެއަކު 8:00 އިން 12:00 އަށް ކަމަށެވެ. މި މަސް ނިމެންދެން މަސްދަޅު ބެހުން ކުރިއަށްދާނެ އެވެ. ރޭގަނޑަށް، މަސްދަޅު ބެހުން ބަދަލުކުރީ ދުވާލު ގަޑީގައި މާބޮޑަށް ހޫނުގަދަވާތީ އެވެ.

ކޮންމެ ގޭބީސީއަކަށް ދޫކުރަން ހަމަޖެހިފައި ވަނީ 48 ދަޅުގެ މަސް ކޭހެކެވެ. މަސްދަޅު ކޭސް ބަލައިދާއިރު ގޭބިސީގެ ކަރަންޓު މީޓަރު އެނގޭ ފަދަ ލިޔުމަކާއި އެ މީހެއްގެ އައިޑީކާޑު ހިފައިގެން ދިއުމަށް ވަނީ އެދިފަ އެވެ.