ބޭސް ލިބުން ދަތިކުރީ މެޑިކަލް މާފިއާ ވިޔަފާރިތަކުން: ރައީސް

ބޭހުގެ ދަތިކަން މި ފަހުން ކުރިމަތިކުރުވީ މެޑިކަލް މާފިއާއެއް ހިންގަމުންގެންދިޔަ ވިޔަފާރިތަކުން ކުރަމުން ދިޔަ ކަންކަން ހުއްޓުވޭނެ ގޮތަށް ސަރުކާރުން ސިޔާސަތު ބައްޓަން ކުރުމުން އެ ވިޔަފާރިތަކުން ކުރިމަތިކުރުވި ދަތިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މި ދޭތެރެއިން ގިނަ ބޭސް ރާއްޖޭން ނުލިބުމާއި އާސަންދައިން ލިބޭ ބޭސް ވެސް ފާމަސީތަކުން އާސަންދަ ދަށުން ފޯރުކޮށްނުދޭތީ އޭގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅުގައި، ރައީސް މުއިއްޒު މިރޭ ދ. މީދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެއީ ބޭހުގެ ވިޔަފާރިވެރިން ކުރިމަތިކުރުވި ދަތި ކުރުމެއް ކަމަށެވެ.
"އާސަންދަ ތެރެއިން، ތި ބޭފުޅުންގެ ޓެކްސް ފައިސާއިން، ބޭހުގެ ވިޔަފާރިކުރާ އެތައް ފަރާތަކުން ދިޔައީ ފައިސާ ނަގަމުން. 1000 ޕަސެންޓް 2000 ޕަސެންޓް ޕްރޮފިޓް ލައިގެން. ސަރުކާރުނުް ބޭހުގެ ޕްރައިސް ކަޓް ޑައން ކުރީމައި ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ބޭސް ގެނައުން މަދުކުރަން ފެށީ،" ރައީސް ވިދާޅުވި އެވެ.
"އެއީ އެއް ގޮތަކަށް ސަރުކާރުން ކޮށްގެން އުޅޭ ކަމެއް ނޫން. މި ބުނާ ގޮތަށް ކަންކަން ކުރީމައި އެ ކަމުގެ ރުޅީގައި އެ ފަރާތްތަކުން ކޮށްގެން އުޅޭ ކަމެއް،"
ރައީސް ވިދާޅުވީ ބޭހުގެ އަގު ކޮންޓްރޯލްކޮށް ބޭހުގެ ބާޒާރު މެޑިކަލް މާފިއާއިން ކޮންޓްރޯލްކުރާ ކުރުން ނިމުމަކަށް ގެނައީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އާސަންދަ ތެރެއިން ހިނގާ ބޮޑު އިސްރާފެއް ކޮންމެހެން ހުއްޓުވަން ސަރުކާރުން ބޭނުންވާތީ ކަމަށް ވިދާޅުވި އެވެ.
"މި އިސްރާފު ހުއްޓުވީމައި މިހާރު 500 އެތައް މިލިއަން ރުފިޔާއެއް އެބަ ސަލާމަތް ކުރެވޭ. އެ ފައިސާއިން ރައްޔިތުންނަށް ފައިދާވާނެ އެތައް އެހެން ކަމެއް ކުރަން ފުރުސަތު އެބަ ލިބޭ. ރަށްރަށުގައި ސްކޫލަށް ބޭނުންވާ ކަންކަމާއި ހޮސްޕިޓަލްތައް ތަރައްގީކުރަން އެބަ ހޭދަކުރެވޭ،" ރައީސް ވިދާޅުވި އެވެ.
ބޭސް ލިބުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިކަން ހައްލުކުރަން ހުރިހާ އަސާސީ ބޭހެއް އެސްޓީއޯ މެދުވެރިކޮށް އަންނަ މަހު 15 އިން ފެށިގެން ގެންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭޕްރީލް 15 އިން ފެށިގެން ހުރިހާ ވައްތަރެއްގެ ބޭހެއް އެސްޓީއޯއިން ގެންނާނެ ކަމަށް ވިދާޅުވި އެވެ.