ގުޅިފަޅު ހިއްކި ސަރަހައްދުން ދެތިން މަސް ތެރޭ ހުރިހާ ގޯއްޗެއް ދޭނަން: ރައީސް

ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަހައްދުން ގޯތި ކަނޑައަޅައި، ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ، ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މީދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލު ގެނެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ ގޯތި ލިބޭ މީހުންނަށް ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެކަމުން އިސްތިސްނާ ވާނީ ބުރިޖު އަޅާ ސަރަހައްދުން ގޯތި ލިބޭ މީހުން އެކަނި ކަމުގައި ފާހަގަކުރެއްވި އެވެ.

ގުޅިފަޅު / ފޮޓޯ:ކޮންސްޓްރަކްޝަން މިނިސްޓްރީ
ރައީސްގެ ވާހަކަފުޅުގައި ގިރާވަރު ފަޅުގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވިދާޅުވީ ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިން ހިއްކުމުގެ މަސައްކަތާ ހަވާލުވާނެ ކަމަށެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދު ފުއްދަވައިދެއްވާނޭ ކަމަށް ވިދާޅުވި އެވެ.
ގޯތީގެ މައްސަލަ ހައްލު ކުރުމަށް އުތުރުތިލަ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފަށައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ހުޅުމާލެ ފަޅުން ހިއްކާ ސަރަހައްދުގެ މަސައްކަތް އަންނަ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނެކަން ފާހަގަކުރެއްވި އެވެ.
ފްލެޓު ލިސްޓުގެ މައްސަލަ މިހާރު ހައްލު ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
