ޕޮލިހަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި: އިހުސާން

ފުލުހުން ހިންގާ ޖިނާއި ތަހުގީގަށް ހުރަސްއަޅާނަމަ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވާން މިނިސްޓަރު އިހުސާން ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީން ތުހުމަތުކުރި އެއް ކަމަކީ ފުލުހުން ހިންގާ ޖިނާއި ފުލުހުން މިނިސްޓަރު ނުފޫޒު ފޯރުވާކަމެވެ. އެގޮތުން ބައެއް ތަހުގީގުތަކަށް މިނިސްޓަރު ހުރަސްއަޅާ ކަމަށްވެސް ތުހުމަތުކޮށްފައިވެ އެވެ.
އެ ތުހުމަތުތަކަށް ޖަވާބުދާރީވަމުން އިހުސާން ވިދާޅުވީ ނިމިދިޔަ ސަރުކާރުގެ ވެރިން މިނިވަންކަމާއެކު ތިބީ ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން ނުފޫޒު ނުފޯރުވާތީ ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން ތިބޭނީ މިހާރު ޖަލުގައި" ފުލުުހުންގެ ތަހުގީގަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ކުރީ ސަރުކާރުގެ އިސްވެރިންގެ ގިނަ މައްސަލަތަކެއް ބަލަމުން އެބަދެ އެވެ. އެގޮތުން މިދިޔަ ސަރުކާރުން ގެއްލުމުގެ ބަދަލު ދިނުމަށް އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލު ދީފައިވަނީ ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީވެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ކުރީގެ ރައީސް ސޯލިހަށް ޖިނާއި ތަހުގީގެއް ހިންގުމަށް އެޓާނީ ޖެނެރަލް އަށް އެންގުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
އަދި ފެނަކަ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއަށް ދައުވާކޮށްފައިވެ އެވެ.
މިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ނުބެލި ދިގުލައިގެންދާތީވެ ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުންގެވެސް ކަންބޮޑުވުން އެބައޮތެވެ. އެކަންބޮޑުވުންތައް ދޭތެރެ ދޭތެރެއިން ފާޅުކުރެ އެވެ.