ހޯމްލޭންޑް މިނިސްޓަރު އިހްސާނުގެ އިތުބާރު އޮތް ކަމަށް ފާސްކޮށްފި

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނުގެ އިތުބާރު އޮތް ކަމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފި އެވެ.
އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ހުސްވި މަހު އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ހުށަހެޅީ އެ ޕާޓީއަށް ނިސްބަތްވާ 12 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ޖަވާބާދާރީވުމަށް މަޖިލިހުގެ މިއަދު ޖަލްސާއަށް އިހްސާން ހާޒިރުކޮށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން މެމްބަރުން ވަނީ ސުވާލު ކުރައްވާފަ އެވެ.
މިއަދުގެ ވޯޓު ގަޑީގައި އިހްސާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވޯޓަށް ވަނީ އަހާފަ އެވެ. އިހްސާނުގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 11 މެމްބަރުންނެވެ.
ހޯމްލޭންޑް މިނިސްޓަރު ކަމުގައި އިހްސާން ބެހެއްޓުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 64 މެމްބަރުން ވޯޓު ދެއްވި އެވެ.
އިހްސާނުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނީ އެތައް ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށް، އެ މީހުންނަށް ނޭނގި، ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ވައްދާފައިވާ ކަމަށެވެ. ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅިއިރު، ފޯމުތަކުގައިވާ މައުލޫމާތުތަކަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސްއަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތުތަކަށް ވުމާ އެކު، ޑޭޓާ ބޭސް އާ ގުޅުންހުރި ހުރިހާ ކަމެއް ބަލަހައްޓަނީ އިހްސާންގެ ބެއްލެވުމުގެ ދަށުންކަން އެނގޭ ކަމަށެވެ. އަދި ފޯމުތައް ފުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޑީއެންއާރުގެ ވަސީލަތްތަކާއި މުވައްޒަފުންގެ ބޭނުންކޮށް، އެ އޮފީހުގެ ތެރޭގައި އިހްސާނުގެ ބެއްލެވުމުގެ ދަށުން ކަމުގައި ހާމަވެފައިވާ ކަމަށެވެ.
އެ ޕާޓީން ބުނި ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަނުން ބޭނުން ކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އޮންލައިން އެކްސްޕެޓް ސިސްޓަމެއް ގާއިމު ކޮށްފައިވަނިކޮށް އެކަން ހުއްޓުވައި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްކޮށް، ބްލެކްލިސްޓުވެފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމުގަ އެވެ. އެކަމުގެ ސަބަބުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާ ކަމުގަ އެވެ.
އޭގެ އިތުރުން ފުލުހުން ހިންގަމުން އަންނަ ތަހުގީގުތަކަށް މިނިސްޓަރުގެ ހައިސިއްޔަތުން އިހްސާން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގު ކުރަން ހުރަސް އެޅުމާ އަދި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއަޅަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ.