ޚަބަރު ރައްޔިތުންގެ މަޖިލިސް

ޕީއެންސީ މެންބަރުންގެ ތިބޭ ވަޓްސްއެޕް ގްރޫޕުން އަޒާން ބޭރުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާތީވެ ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ބޭރުކޮށްލައިފި އެވެ.

Ads by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ހިމެނިވަޑައިގަންނަވާ އެ ގްރޫޕުން އަޒާނު ބޭރުކުރިކަން ޕީއެންސީގެ ސީނިއާ މެންބަރަކު ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ. އެ މެންބަރު ވިދާޅުވީ މިއަދު އޮތް ބިލުގެ ވޯޓުގައި އަޒާން ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން "ދެން" އިން އަޒާން އަށް ގުޅާލުމުން ވަކި އެއްޗެެއް ވިދާޅެއްނުވެ އެވެ.

މެންބަރުން ތިއްބަވާ ގްރޫޕުން އަޒާނު ބޭރުކޮށްފައިވާއިރު، އިއްޔެ ބޭއްވި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބިލާ ދެކޮޅަށް އޭނާ ވާހަކަ ދައްކާފައިވެ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ ބިލާ ދެކޮޅަށް ދެ މެންބަރަކު ވޯޓު ދެއްވި ކަމަށެވެ. ދެވަނަ މެންބަރަކީ އެއީ ކޮން މެންބަރެއްކަން ނޭނގޭ އެވެ.

މައްސަލަ ބޮޑުވެފައިވާ ފަނޑިޔާރުންގެ ބިލު ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް ބިލަށް ވޯޓު ނުދެއްވަ އެެވެ.