ޚަބަރު

ތިން ޤާނޫނަކަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިނިވަން މުއައްސަސާތަކުގެ ތިން ގާނޫނަކަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެގޮތުން ރައީސް ޞާލިޙު މިއަދު ތަސްދީގު ކުރައްވާފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލާއި، ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ފަސްވަނަ އިސްލާހު ގެނައުމުގެ ބިލު އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.

މިއަދު ތަސްދީގު ކުރެވުނު އިސްލާހާއެކު އީސީ ގެ ރައީސާއި މެމްބަރުންގެ މަސްއޫލިއްޔަތުތަކަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އޭގެ އިތުރުން ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން މާއްދާއެއް އިތުރުކޮށް، ކޮމިޝަނުގެ ސުލޫކީ ހަމަތަކާއި، މެމްބަރުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށް ވެސް އެ އިސްލާހުގައި ބާރު އަޅާފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް މިގެނެވުނު އިސްލާހުގައި އީސީގެ މެންބަރުންގެ މާލީ ހިސާބު ހުށަހެޅުމަށާއި، އިތުރު ވަޒީފާ އަދާ ނުކުރުމަށާއި، މަސްލަޙަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ވެސް ބާރު އަޅާފައި ވެއެވެ. އެގޮތުން ޒިންމާ އަދާކުރުމުގައި ހިފަހައްޓަން ޖެހޭ ހަމަތައް ތަފުސީލުކޮށް ފާހަގަކޮށްފައި ވެއެވެ.

ސިވިލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހުގައި ނުފޫޒުން އެއްކިބާވުމަށް މާއްދާއެއް އިތުރުކޮށް، ސުލޫކީ މިންގަނޑުތައް ބަޔާންކޮށްފައި ވެއެވެ.

މީގެއިތުރުން މާލީ ހިސާބު ހުށަހެޅުމާއި، ވަޒީފާ އަދާ ނުކުރުމަށާއި، މަސްލަހަތު ފުށުއަރާ މައްސަލަތަކުން ދުރުހެލިވުމަށް ބަޔާންކޮށް، ބައްދަލުވުންތަކުގެ ރެކޯޑު ގަވާއިދުން ބެލެހެއްޓުމަށް ވެސް ސިވިލް ސާވިސް ކޮމިޝަން ގެ ޤާނޫނަށް އަލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނަށް ގެނައި އިސްލާހުގައި ވެސް ކޮމިޝަނުގެ ރައީސާއި މެމްބަރުންގެ ނުފޫޒުން އެއްކިބާވެ ތިބުމަށް ބާރު އަޅާ، ސުލޫކީ މިންގަނޑުތައް ބަޔާންކޮށް، މަސްލަހަތު ފުށު އަރާ މައްސަލަތަކުން ދުރުހެލިވުމަށް މާއްދާއެއް އިތުރުކޮށްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!