ފަނޑިޔާރުން ސަސްޕެންޑް ކުރުމުން ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ކެންސަލްކޮށްފި

ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ރައްޔިތުންގެ މަޖިލިހަށް ހުށަޙެޅި ބިލު މިއަދު ވަނީ ފާސްކޮށްފަ އެވެ.
މަޖިލިހުން ބިލު ފާސްކުރި ފަހުން، ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ޖުޑީޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.
ޕާޓީން ވަކިވެއްޖެނަމަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހު ބާތިލުކުރުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.
އޭނާ އެދިފައި ވަނީ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލު ކުރުމަށާ އަދި އިސްލާހު ދެމިއޮންނަ މުއްދަތުގައި މިހާރު މަޖިލިހުގައި ތިއްބެވި މެމްބަރުންގެ މައްޗަށް އިސްލާހު ނުހިނގާނެ ކަމަށް ނިންމައިދިނުމަށެވެ.
މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލުގެ ދަށުން ރައްޔިތުންގެ މަޖިލިހުގެ އެއްވެސް މެމްބަރެއްގެ މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށް ވަގުތީ އަމުރެއްް ނެރެދިނުމަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ.
އެ ހުށަހެޅުމާ ގުޅޭ އަޑުއެހުމެއް މިއަދު ހެނދުނު 11:00 ގައި ބޭއްވުމަށް ތާވަލުކުރި އެވެ. އެހެންނަމަވެސް ފަހު ވަގުތު ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
އެކަމާ ގުޅޭގޮތުން އަލީ ހުސައިންގެ ވަކީލު މަހްފޫޒް ސައީދު "ދެން" އަށް ވިދާޅުވީ އަޑުއެހުން ކެންސަލްކުރި ކަމަށް އަންގާފައި ވަނީ ވަކީލުންނާއި އަޑުއަހަން ދިޔަ މީހުން ވެސް ކޯޓު ރޫމަށް ވެއްދުމަށް ފަހުގައި ކަމަށެވެ. އަޑުއެހުން ކެންސަލްކުރި ސަބަބު ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި 7 ފަނޑިޔާރުންގެ ބެންޗަކުން މައްސަލަ ބަލަމުންދަނިކޮށް، ސަޓޯ ހުށަހެޅުއްވި އިސްލާހުގައި ވަނީ ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ބަދަލު ކުރުމަށެވެ.
ވަކިކުރަން ޖެހޭ ދެ ފަނޑިޔާރުން ޖޭއެސްސީން ކަނޑައެޅުމަށް ފަހު ރައްޔިތުންގެ މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ.
ބިލު ގާނޫނަކަށްވެ ގާނޫނަށް އަމަލުކުރަން ފަށާތާ 5 ދުވަސް ތެރޭގައި ޖޭއެސްސީން މަޖިލިހަށް ފޮނުވަން ޖެހޭނެ ކަމަށް ބިލުގައިވެ އެވެ. ރައްޔިތުންގެ މަޖިލިހަށް އެ ހުށަހެޅުން ލިބޭތާ 7 ދުވަސް ތެރޭގައި ވަކިކުރުމާ މެދު މަޖިލިހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.