ޒަކިއްޔާގެ މަރުގެ މައްސަލަ 241 ކޮމިޓީން ބަލައިދޭން އެދިއްޖެ

މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު އެ ރަށު، މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) މެދުވެރިކޮށް ބަލައި، ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދި ހުށަހަޅައިފި އެވެ.
ހޮޅުދޫ ރައްޔިތުން ބުނާ ގޮތުން ނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެކަމުގައި ޒަކިއްޔާ އާ ގުޅުންހުރި ބައެއް މީހުން ހިމެނޭ ކަމަށް ބުނެ ތުހުމަތުތަކެއް ވެސް ކުރެ އެވެ. އެ ކަންބޮޑުވުންތައް ހިފައިގެން ރަށު ރައްޔިތުން މިފަހުން ރަށުގެ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލު އިދާރާ ސަރަހައްދަށް އެއްވެ ސިލްސިލާކޮށް އިހުތިޖާޖުތަކެއް ވެސް ވަނީ ކޮށްފަ އެވެ. އާންމުން ގޮވާލަމުން ދަނީ ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމަށެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދައިދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެ ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ އަންގާރަ ދުވަހުގެ ރޭ ވަނީ ބައްދަލު ކުރައްވާފަ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ އާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން އެ މައްސަލަ ބަލައިދިނުމަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އާއި ހޮޅުދޫ ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު (ސަޓޯ) ވަނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސް ކުރައްވައި ސިޓީ ފޮނުއްވާފަ އެވެ.
ކުޑޫގެ ހުށަހެޅުން:
ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ ޒަކިއްޔާގެ މަރާ ގުޅޭ މައްސަލައިގައި ފުލުހުން ހިންގަމުންދާ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ ހޮޅުދޫގެ ރައްޔިތުންގެ ފަރާތުން ގިނަ އިހުތިޖާޖުތަކެއް ކޮށް، އެ މަރަށް އިންސާފު ހޯދައިދިނުމަށް އެދި ދައުލަތުގެ އެކި އިދާރާތަކުގައި ދަނީ އިލްތިމާސްކުރަމުން ކަމަށެވެ.
މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އާންމުކުރަމުން ނުދާތީ އާއި މަރުގެ ހަގީގަތް ދެނެނުގަނެވި ދިގު މުއްދަތެއް ފާއިތުވަމުންދާ ނަމަ، ކަމުގެ ފަހަތުގައި ޝާމިލުވާ ފަރާތްތައް އިންސާފާ ހަމައަށް ގެނައުމަށް ހުރަސް އެޅިގެންދާނެ ކަމުގެ އިހްތިމާލު ވަނީ ފެންމަތިވެފައި ކަމަށް ކުޑޫ ވިދާޅުވި އެވެ.
"ޒަކިއްޔާގެ މޫސާގެ މަރުގެ މައްސަލައިގައި، ރައްޔިތުންގެ ދެމެދުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން ނޭޅުމުގެ ސަބަބުން އެ ރަށުގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ފެށިފަ އެވެ. އަދި މީގެ އިތުރުން، އެ ރަށުގެ ރައްޔިތުން ކޮންމެ ރެއަކުމެ ނިދަމުން ދަނީ އެ މީހުންގެ ތެރޭގައި ގާތިލެއް ދޫވެފައި ހުރި ކަމުގެ ބިރުވެރިކަމާއި އެކު އެވެ،"
ރާއްޖޭގެ ރަށެއްގައި މިފަދަ ގޮތަކަށް ކަންވެގެން ދިޔުމަކީ ހަމަ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި މިއަދު މިކަން ދޫކޮށްލައިފި ނަމަ، މާދަމާ ކަންވާނެ ގޮތެއް ވިސްނާލަން ދަތިކަން ކުޑޫ ވަނީ ފާހަގަކުރައްވާފަ އެވެ.
މި ހައްސާސް މައްސަލަ މަޖިލިހުގެ 241 ކޮމިޓީ މެދުވެރިކޮށް ބަލައި، ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސިޓީގައި ވަނީ އެދިފަ އެވެ.
ސަޓޯގެ ހުށަހެޅުން:
ސަޓޯގެ ސިޓީގައި ވަނީ ރަށުގެ ރައްޔިތުންގެ ތެރޭގައި ދެކެވޭ ވާހަކަތަކަށް ބަލާއިރު، ގިނަ ބައެއްގެ މައިގަނޑު ޝަކުވާއަކަށް ވެފައި އޮތީ، ޒަކިއްޔާގެ މަރާ ގުޅިގެން ފުލުހުން ކުރާ ތަހުގީގު ދިގުލައިގެންދާ ކަމުގެ ޝަކުވާ ކަމަށެވެ.
މައްސަލަ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ޒަކިއްޔާ މަރުވެފައި ވަނީ އަމިއްލައަށޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ބުނަމުންދާއިރު، އެ ތުހުމަތުތަކަށް އެކަށީގެންވާ ބުރަދަނެއް ހުރި ފަންނީ ޖަވާބެއް ފުލުހުންގެ ފަރާތުން ލިބިފައިވާ ނުވާ ކަމަށް ރަށުގެ ގިނަ ރައްޔިތުން ދަނީ ބުނަމުން ކަމަށެވެ.
ރައްޔިތުންގެ އިހުސާސްތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ހައްސާސް މައްސަލައެއް ކަމުން، ކަމާ ގުޅިގެން ވަރަށް ގިނަ ޝަކުވާތަކެއް މެމްބަރަށް ލިބިފައިވާކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"ޒަކިއްޔާގެ މަރާ ގުޅިގެން ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް، އެންމެ އެކަށޭނެ ފަންނީ ޖަވާބެއް ލިބުމަކީ މިއަދު ހޮޅުދޫގެ ވަރަށް ގިނަ ރައްޔިތުން އެދޭ އެދުމަކަށްވާތީ، ރައްޔިތުންގެ މަޖިލިސްގެ ކަމާ ގުޅުންހުރި ކޮމިޓީއަށް ހުށަހަޅުއްވައިގެން މި މައްސަލަ ބައްލަވައިދެއްވުން އެދި އިހުތިރާމާ އެކު ދެންނެވީމެވެ،"
މައްސަލަ ބަލައިދޭން ކުޑޫ އާއި ސަޓޯ ހުށަހަޅުއްވާފައިވާއިރު، ކަމާ ގުޅިގެން ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. އެހެންނަމަވެސް އޭނާގެ މައްސަލަ ރިޔާސަތުން ބަލައިނުގަނެ ވަނީ ބޭރުކޮށްލާފަ އެވެ.
ހޮޅުދޫގެ މުއައްސަސާތަކާއި ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފަ އެވެ. މައްސަލަ އާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހޯމްލޭންޑް މިނިސްޓަރާއި ފުލުހުންގެ ވެރިންނަށް ވަނީ ހިއްސާކޮށްފަ އެވެ.
އާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ސުވާލު އުފެއްދި އެއް ކަމަކީ އެއް ދުވަސްވަރެއްގައި ދާދި ގާތުގައި މަރުގެ ހާދިސާތައް ހިނގިއިރު، އެ މަރުތަކާ ގުޅިގެން އޮޓޮޕްސީ ހެދިއިރު، ޒަކިއްޔާގެ މަރުގެ މައްސަލަ އާ ގުޅިގެން އެކަން އެގޮތަށް ނުކުރުމެވެ.
"ތިބޭފުޅުން ޕެތަލޮޖިސްޓެއް ކަމަށް ފަހަރެއްގައި އާންމުކޮށް ރިވިއުކުރާ ޕެތަލޮޖިސްޓެއްގެ ވާހަކައެއް ނޫން. އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި މި ދެކެވެނީކީ. އެއީ ފޮރެންސިކް، އެތައް މީގެކުރިން އޮޓޮފްސީއެއް ހަދާފައި ހުރި. އެހެންނަމަވެސް ރާއްޖޭގައި އެވަގުތު އެވެއިލަބަލްކޮށް ހުރި. އެހެން މަސައްކަތެއްގައި އައިސް ހުރި ބޭފުޅެއްގެ ވާހަކަ،" ތަކުރާރުކޮށް އާންމުން އުފެއްދި ސުވާލުގެ ޖަވާބުގައި ހޯމްލޭންޑް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެން އޮޓޮފްސީ މިހާތަނަށް ނެހެދި، އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަނގަޅު ކަމެއް ކަމަކަށް. އަޅުގަނޑު ގަބޫލުކުރަނީ އެއީ އަޅުގަނޑުމެންނަށް ހެދުނު ގޯހެއް،" މައިގަނޑު ކަންބޮޑުވުމަށް ސީދާ ޖަވާބެއް ދެއްވާ އިހްސާން ވިދާޅުވި އެވެ.
ގާތްގާތުގައި މަރުގެ ހާދިސާތައް ހިނގިއިރު ޒަކިއްޔާގެ މައްސަލައިގައި އަމަލުކުރި ގޮތާ މެދު އޮތް ނުތަނަވަސްކަމާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ދުވަހު ނެގި ޑިސިޝަނަކީ ޓެކްނިކަލް ޑިސިޝަނެއް ކަމަށެވެ. އެކަން ކުރި ގޮތް އިތުރަށް ބެލުމަށްފަހު ހާމަކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ޕާސަނަލީ ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެ ދުވަހު އޮޓޮފްސީއަކަށް ފޮނުވުނު ނަމަހީ އަޅުގަނޑުމެން މިއަދު މި ވާހަކައެއް ނުދައްކާނެ. އެއީ އެންމެ ރަނގަޅަށް ދިޔަ ކަމެއް ނޫން،" ކުރިން ދެއްކެވި ވާހަކަ އާ ގުޅުވާލައްވާ އިހްސާން ވިދާޅުވި އެވެ.
މީގެ ފަސް މަސް ދުވަސްކުރިން ޒަހަމްތަކަކާ އެކު މަރުވެފައި އޮތްވާ ފެނުނު ޒަކިއްޔާގެ މަރާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާތީ އާންމުން ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ފާހަގަކުރި އެވެ.
ދައުލަތުގެ އިދާރާތަކުން ލިބެން ޖެހޭ ހިދުމަތް ނުލިބި އޮތް ކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އާންމުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ފަދަ ކަންކަން ލަސްވެފައި އޮތް ކަން ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މިއަށްވުރެ ރަނގަޅަށް، މިއަށް ވުރެ ފުރިހަމައަށް މިކަން ކުރެވެން ވާނެ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން،" ކަމާ ގުޅޭގޮތުން އެއް މިނިސްޓްރީ އާ ވާހަކަ ދައްކާފައި މައުލޫމާތު ހިއްސާކޮށްފައި ރަށަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޒަކިއްޔާގެ މަރަށް 170 ދުވަސް ފާއިތުވެދިޔައިރު، ތަހުގީގު މިހާރު ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވީ ތަހުގީގުގައި ބޭރުގެ ފަރާތްތަކުން ހޯދަން ޖެހޭ އެއް ރިޕޯޓު އަދި ލިބިފައިނުވާ ކަމަށެވެ. އެއީ މިހާތަނަށް ކުރެވުނު މަސައްކަތުން ރިވިއު ޓީމުގެ ފަރާތުން ހޯދަން އެދި ނުލިބިވާ ރިޕޯޓެއްކަން ފާހަގަކުރެއްވި އެވެ.
މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަމެއް ނުބެލި ވަނިކޮށް، ތަހުގީގު އެއްކޮށް ދޫކޮށްނުލާނެ ކަމުގެ ޔަގީންކަން ދެއްވާ ވިދާޅުވި ގޮތުގައި ތަހުގީގަށް އިތުރަށް މައުލޫމާތެއް ލިބޭ ނަމަ އެކަމެއްގެ އަލީގައި އިތުރަށް ކަމެއް ކުރަން ޖެހޭ ނަމަ އެކަމެއް ވެސް ކުރާނެ ކަމުގަ އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުންދާއިރު، އެ މަރަށް 5 މަހަށް ވުރެ ގިނަ ދުވަސްވި ފަހުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ވަނީ އެކަން ބަލަން ފަށާފަ އެވެ. މައްސަލަ ބަލަމުންދާ ކަމަށް އެ ދެ ކޮމިޝަނުން ވެސް ބުނެފައި ވަނީ އަމާޒުވި ގިނަ ފާޑުކިޔުންތަކާ އެކުގަ އެވެ.