ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހުކޮޅު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ 4،000 ފްލެޓުގެ ކުލީގެ ގޮތުގައި މީގެކުރިން ނަގަން ނިންމި އަދަދުތަކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ރިވިއުކުރުމަށް ފަހު ފްލެޓު ލިސްޓު އަލުން މިއަދު އިއުލާނުކުރާއިރު، ފްލެޓަށް ޝަރުތު ހަމަވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1،820 މީހުންނަށެވެ.
ފްލެޓު ލިސްޓާ ގުޅޭ އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވަނީ ފްލެޓުތަކުގެ އަގަށް ބަދަލު ގެނައުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ.
ތިން ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމެންޓުތަކަށް ދައްކަން ޖެހޭ ކުލީގެ އަދަދުތައް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފަ އެވެ. އޭރު 2 ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭ ގޮތަށް ކަނޑައެޅީ 5،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ނަމަ 7،000 ރުފިޔާ އެވެ. މެއިންޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނެގުމަށް ވެސް ނިންމާފައިވެ އެވެ.
މިނިސްޓަރު ވަނީ ދައްކަން ޖެހޭ ލޯނުތަކަށް ބަލާއިރު ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް 13،000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 9،000 ރުފިޔާ ނަގަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ.
އެހެންނަމަވެސް އާންމުންނަށް ލުއިވާނެހެން އަގުތައް ސަބްސިޑައިޒް ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރެއްވި އެވެ. އެ ބަދަލާ އެކު ދައްކަން ޖެހޭނީ:
- ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 9،000 ރުފިޔާ، މެއިންޓެނެންސް ފީގެ ގޮތުގައި 1،500 ރުފިޔާ / ޑައުންޕޭމަންޓަށް 25،000 ރުފިޔާ
- ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 7،000 ރުފިޔާ، މެއިންޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ / ޑައުންޕޭމަންޓަށް 15،000 ރުފިޔާ
ހައުސިން މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ މިފަދަ މަޝްރޫއުތައް ހިންގަން ވާނީ ބަޖެޓަށް ބުރަނުވާނެހެން ދެމެހެއްޓެނެވި ގޮތަކަށް ކަމުގަ އެވެ.
މިހާރު ކަނޑައެޅިފައިވާ އަގުތަކާ އެކު ވެސް ލޯނު ދެއްކުމަށް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ސަރުކާރުން ސަބްސިޑައިޒް ކުރަން ޖެހޭ ކަން ފާހަގަކުރެއްވި އެވެ.