ދީން

ގެނބިގެން މަރުވާ މީހުންނަކީ ޝަހީދުން!

ދެން އެމްވީ ، ދެން އޮންލައިން

ޝަހީދުންނަކީ ވަރަށް މަތިވެރި އަޖުރު ލިބޭ ބައެކެވެ. ޝަހީދުންގެ ދަރަޖަ ލިބޭ ގިނަގުނަ މަރުތަކެއް ކީރިތި މާތް ރަސޫލާގެ ހަދީޡް ބަސްފުޅުތަކުން ސާބިތުވާން އެބަހުއްޓެވެ.

ގެނބިގެން މަރުވާ މުސްލިމުންނަކީ ޝަހީދުން ކަމުގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީޡް ބަސްފުޅުތަކުން ސާބިތުވެއެވެ. ރަސޫލާގެ މި ހަދީޡް ބަސްފުޅަށް ނަޒަރު ހިންގާލަމާ ހިނގާށެވެ.

(الغَرِيقُ شَهِيدٌ، وَاْلمَبْطُونُ شَهِيدٌ، وَاْلحَرِيقُ شَهِيدٌ، وَاْلمَيِّتُ بِالطَّاعُونِ شَهِيدٌ، وَاْلمَرْأَةُ تَمُوتُ فِيْ نِفَاسِهَا شَهِيدَةٌ، وَصَاحِبُ اْلهَدْمِ شَهِيدٌ)

މާނައީ: ގެނބިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ބަނޑުގެ ބައްޔެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. އަލިފާނުގެ ހާދިސާއެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ. ޠާޢޫނު ބަލި ޖެހިގެން މަރުވާ މީހާއަކީ ޝަހީދެކެވެ. ނިފާސްކަމުގައި މަރުވާ އަންހެނާ އަކީ ޝަހީދެކެވެ. ވެއްޓޭ ޢިމާރާތެއްގެ ދަށުވެ މަރުވާ މީހާއަކީ ޝަހީދެކެވެ.

އެހެންކަމުން ރަސޫލުﷲ ސަައްލަﷲ އަލައިހި ވަސައްލަމްގެ މި ހަދީޘް ބަސްފުޅުން އެނގޭގޮތުގައި ގެނބިގެން މަރުވާ މީހާއަކީ ޝަހީދެއްކަން ސާބިތުވެއެވެ.

ދިވެހިރާއްޖޭގައި ގިނަ ބަޔަކު ކަނޑުމަތީގެ އެކިއެކި ހާދިޘާތަކުގައި ގެނބިގެން މަރުވެއެވެ. އެފަދަ ހުރިހާ މީހުންނަށް ޝަހީދުންގެ މަތިވެރި ދަރަޖަ ދެއްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން!

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!