ކޮލަމްބޯއަށް އޮތް 2 ފްލައިޓުން ގެންނަނީ 100 މީހުން، އިތުރު ފްލައިޓު ބޭއްވުމަށް މަސައްކަތް ކުރަނީ
ލަންކާގެ ކޮލޮމްބޯގައި ތިބި ދިވެހިން ދިވެހިރާއްޖެ ގެނައުމަށް މޯލްޑިވިއަނުން އެ ގައުމަށް ބާއްވާ ދެ ފްލައިޓުން ގެންނާނީ 100 މީހުން ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާ އަދި ލަންކާގައި ތިބި ދިވެހިން އަނބުރާ ރާއްޖެއަށް ގެނައުމަށް ހާއްސަ ފްލައިޓުތަކެއް ބާއްވަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސްގެ މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ކޮލަމްބޯއަށްެ ދާ ދެ ފްލައިޓުން ގެނައުމަށް ހަމަޖެހިފައިވަނީ 100 މީހުން ކަމަށާއި އެއީ ފްލައިޓެއްގައި 50 މީހުން ކަމަށެވެ.
މޫސަ ވިދާޅުވީ ކޮލަމްބޯގައި ތިބި އިތުރު މީހުން ގެނައުމަށް އިތުރު ފްލައިޓުތައް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ކޮޗިންގައި ތިބި ދިވެހިން ގެނައުމަށް ބާއްވާ ފްލައިޓުގައި 200 މީހުން ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މޯލްޑިވިއަންއިން ބުނީ އެ ފްލައިޓުތައް މެދުވެރިކޮށް ރާއްޖެ އަންނަން ބޭނުންވާ މީހުން ޕާސްޕޯޓު ކޮޕީ އާއި ނަމާއި ކޮންޓެކްޓް މައުލޫމާތުތައް އެ އެއާލައިންއަށް ވައިބާކޮށްދިނުމަށް އެދޭ ކަމަށެވެ.
މޯލްޑިވިއަންގެ ކިއު-300ގެ ދެ މަތިންދާބޯޓު މާދަމާ ކޮލަމްބޯގައި ޖައްސާނެ އެވެ. ހަވީރު، 5:40 ގައި ކޮލަމްބޯގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހިންނާ އެކު ފުރާނީ މާދަމާ ރޭ 6:40ގައެވެ. އަދި މާދަމާ ހަވީރު 5:55 ގައި ޖައްސަން ހަމަޖެހިފައިވާ ފްލައިޓު ދިވެހީންނާ އެކު ފުރާނީ ރޭގަނޑު 6:55ގައެވެ.