މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު ދަށަށް

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ފެބްރުއަރީ މަހުގެ "މަންތްލީ ސްޓެސްޓިކް" އިން ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ ޒިޔާރަތްކުރީ 214،091 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 217،391 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ 3،300 ފަތުރުވެރިން ނުވަތަ 1.5 ޕަސެންޓުގެ ދަށްވުމެކެވެ.
އިމިގްރޭޝަނުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ޖުމްލަ 409،772 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އެވެ. މި އަހަރުގެ އެ މުއްދަތުގައި 428،954 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. އެއީ 19،182 ޓޫރިސްޓުންގެ އިތުރުވުމެކެވެ.
ފެބްރުއަރީ މަހު އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމަށް ފަހު ދެން އެންމެ ގިނައިން އައީ ޗައިނާއިންނެވެ.
ފެބްރުއަރީ މަހު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި ގައުމުތައް:
- އިނގިރޭސިވިލާތް: 23،210 ޓޫރިސްޓުން
- ޗައިނާ: 21،928 ޓޫރިސްޓުން
- ރަޝިއާ: 20،649 ޓޫރިސްޓުން
- އިޓަލީ: 19،120 ޓޫރިސްޓުން
- ޖަރުމަނުވިލާތް: 14،119 ޓޫރިސްޓުން
އެ ގައުމުތައް ފިޔަވާ ދެން އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައި ހިމެނެނީ ފްރާންސް، އިންޑިއާ، އެމެރިކާ، ސުވިޒަލޭންޑް އަދި ޕޯލޭންޑެވެ.
މިދިޔަ މަހު އެންމެ ގިނައިން ޓޫރިސްޓުން ޒިޔާރަތްކޮށްފައި ވަނީ 16 ވަނަ ދުވަހު އެވެ. އެ ދުވަހު 9،518 ޓޫރިސްޓުން އައިސްފައިވެ އެވެ.
ސަރުކާރުން އަމާޒު ހިފާފައި ވަނީ މި އަހަރު ޖުމްލަ 2.3 މިލިއަން ޓޫރިސްޓުން ގެނައުމަށެވެ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް 2 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ހުސްވި އަހަރު އެވެ.
