ޚަބަރު

މެމްބަރު ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކޮމިޓީއެއްގެ ބައްދަލުވުމެއްގައި ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ސިނާން / ފޮޓޯ:މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ކޮންގްރެސް ޕާޓީ މެމްބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏަށް ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުންދާ ނުދާ ކަމަށް ބުނެ އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބަލައިގެންފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ ދައްކަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރަން ހުކުމް ކޮށްފައި ވަނީ ސިނާން އާއި އަދި އިތުރު ތިން މީހެއްގެ މައްޗަށެވެ.

ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ ކަމަށް ބުނެ، ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައިއަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަޅާފައި ވަނީ ގާލިބު ސަލީމް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފަރާތުން މައްސަލައިގައި ވަކާލާތު ކުރަނީ ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ސިނާންގެ ކިބައިން އުނިވެފައިވާކަން ފާހަގަކޮށް ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުން ނުދިއުމަކީ މެމްބަރުކަމުން ވަކިވާނެ ހާލަތެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށްވުމުގެ ޝަރުތުތަކާ ގުޅޭގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ 1 ގައި ބުނެފައި ވަނީ އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް ނަމަ އަދި ހުކުމާ އެއްގޮތަށް ދަރަނި އަދާކުރަމުން ނުދާ ނަމަ އެ މެމްބަރަކު މެމްބަރުކަމުގެ މަގާމުން ވަކިވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައިވާ ކަމުގެ ލިޔުން މިއަދު ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ފޮނުވާފަ އެވެ.

އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ދުވަހު ސިނާން ވަނީ ދަރަނި ދައްކާފަ އެވެ.

Ads by Allied Insurance