ޚަބަރު ވިޔަފާރި

މޯލްޑިވިއަނުން ޖަރުމަނަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވަނީ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް / ފޮޓޯ:ރައީސް އޮފީސް

ގައުމީ އެއާލައިން މޯލްޑިވިއަނުން ޖަރުމަނަށް ސީދާ ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފި އެވެ.

މޯލްޑިވިއަން އިން އެކަން އިއުލާންކޮށްފައިވަނީ އައިޓީބީ ބާލިން 2025 ގައި 'ދަ ނެކްސްޓް ޗެޕްޓާ އޮފް މޯލްޑިވްސް ޓޫރިޒަމް - ބާލިން އެޑިޝަން' ގެ ނަމުގައި ކުރިއަށްގެންދިޔަ ސެމިނާގަ އެވެ.

މޯލްޑިވިއަން އިން ބުނީ މި އަހަރު ތެރޭގައި ދަތުރުތައް ފެށުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އަދި ދަތުރުތައް ފެށޭނެ ދުވަހާ އިތުރު މައުލޫމާތު ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުންޏެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނީ ރާއްޖެއާއި ޖަރުމަނާ ދޭތެރޭގައި ސީދާ ދަތުރުތައް ފެށިގެންދިއުމާއެކު ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަން އިތުރަށް ކުރިއަރާނެކަމަށް އުންމީދުކުރެވޭ ކަމަށެވެ.

އަދި މި އާ ރޫޓުގެ ސަބަބުން ރާއްޖެއަށް ދަތުރުކުރުމަށް އިތުރުވަމުންދާ ޑިމާންޑާއެކު ޖަރުމަނު ދަތުރުވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، ރާއްޖެ އާއި ޖަރުމަނުވިލާތާ ދެމެދު ސަގާފީ އަދި އިގްތިސޯދީ ގުޅުން ބަދަހިވެގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ބުންޏެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ނެރުނު ފެބްރުއަރީ މަހުގެ "މަންތްލީ ސްޓެސްޓިކް" އިންވެސް ފެބްރުއަރީ މަހުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައިވެސް ޖަރުމަނު ހިމެނެ އެވެ.

Ads by Allied Insurance