ގޮނޑި ގެއްލޭ އިސްލާހު: މިހާރުގެ މެމްބަރުންނަށް ހިނގާނެ ކަމަށް ކަނޑައަޅަން އެދިއްޖެ

ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހު ދެމިއޮންނަ މުއްދަތުގައި މިހާރު މަޖިލިހުގައި ތިއްބެވި މެމްބަރުންގެ މައްޗަށް އިސްލާހު ހިނގާނެ ކަމަށް ކަނޑައަޅައިދޭން ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.
މަޖިލިހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އޭނާގެ ފަރާތުން ވަކާލާތު ކުރައްވަމުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު މިއަދު ވަނީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާ އާއި 90 ވަނަ މާއްދާ އާ ފުށުއަރާ ގޮތަށް އަދި ތިން ބާރު ވަކިވާ ގޮތަށް އަސާސްތައް ބައްޓަންވެފައިވާ ރިޔާސީ ނިޒާމު ގަޑުބަޑުވާ ގޮތަށް ކަމުގައި ފާހަގަކުރައްވާފަ އެވެ. ވުމާ އެކު ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކޮށްދޭން އެދިވަޑައިގެންނެވި އެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށެވެ.
އަލީ ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ރައްދު ދައުލަތުން އިއްޔެ ވަނީ ލިޔުމުން ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ލިޔުމުގައި ސޮއިކުރައްވާފައި ވަނީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ. އެ ލިޔުން މިހާރު ވަނީ އަލީއަށް ވެސް ފޮނުވާފަ އެވެ.
އެޓާނީ ޖެނެރަލްގެ ފަރާތުން ތިން ކަމެއް ކަނޑައަޅައިދޭން ވަނީ އެދިވަޑައިގެންފަ އެވެ. އެއީ:
- ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށް
- ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް
- މިހާރު ތިބި މެމްބަރުންގެ މައްޗަށް އިސްލާހު ހިނގާނެ ކަމަށް
މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތް ތަމްސީލުކުރާ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލުން ވަނީ އިޖުރާއީ ގޮތުން މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށް ބުނެ އިޖުރާއީ އިއުތިރާޒެއް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހެޅި ނުކުތާއަށް ގޮތް ނިންމަވާނީ މުޅި މައްސަލަ ބެއްލެވުމަށް ފަހުގައި ކަމަށް ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވަނީ ވިދާޅުވެފަ އެވެ.
މައްސަލައިގައި ޖަވާބު ދިނުމަށް ދައުލަތުން އެދުނު ގޮތަށް ޖަވާބު ދިނުމަށް ރަސްމީ 10 ދުވަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތު މިދިޔަ ބުރާސްފަތި ދުވަހު ހަމަވަނިކޮށް، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މުއްދަތު އިތުރުކޮށްދިނުމަށް އެދިފަ އެވެ. އެ އޮފީހުން ޖަވާބު ހުށަހަޅާފައި ވަނީ އިތުރުކޮށްދިން މުއްދަތުގަ އެވެ.
"އިސްލާހު މިހާރު ދިރިދިރި އެބައޮތް. އޮތްއިރުގައި މި އިސްލާހު އެއްގޮތަކަށް ވެސް ހިނގައިގެން ނުވާނެ ކަމަށް އިއްޒަތްތެރި ފަނޑިޔާރުން ކަނޑައަޅައިދެއްވުން މިގޮތަށް ދިރިދިރި އޮންނަ މުއްދަތުގައި ވެސް ރައްޔިތުންގެ މަޖިލިހުގައި މިހާރު އިންތިހާބުވެފައި ތިބި މެމްބަރުންގެ މައްޗަށް މި އުސޫލު ހިނގައިގެން ނުވާނެ ކަމަށް،" ފެބްރުއަރީ 17 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މަހްފޫޒު ވިދާޅުވި އެވެ.
މަހްފޫޒު ވިދާޅުވި ގޮތުގައި މެމްބަރުން އިންތިހާބަށް ކުރިމަތިލިއިރު ތަސައްވުރު ކުރެވިފައިވާ އިސްލާހަކަށް ނުވާތީ، މަޖިލިހަށް މެމްބަރުން ހޮވާފައި ވަނީ ފަސް އަހަރު ދުވަހަށް ރައްޔިތުން ތަމްސީލުކުރާ މެމްބަރެއްގެ ގޮތުގައި އޭނާ އިންނާނެ ކަމަށް ބަލައިގެން ކަމުގަ އެވެ. ވުމާ އެކު މެމްބަރު މަޖިލިހަށް އިންތިހާބުވުމަށް ފަހުގައި ގެނައި ބަދަލެއްގެ އަސަރު އޭނާގެ މައްޗަށް ހިނގައިގެން ނުވާނެ ކަމުގަ އެވެ.
އިސްލާހުގެ ސަބަބުން ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ބާރު ހަނިވާކަން ވެސް ވަކީލު ފާހަގަކުރެއްވި އެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމައި، ހުށަހެޅިފައިވާ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ފެބްރުއަރީ މަހުގެ 26 ވަަނަ ދުވަހަށް ތާވަލުކޮށް، ފެށުމަށް ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތިން ފަނޑިޔާރަކު ސަސްޕެންޑްކުރި އެވެ.
ޖޭއެސްސީން ސަސްޕެންޑްކުރީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރެވެ. ސަސްޕެންޑްކުރީ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާތީ ކަމަށް ބުނެ އެވެ. އަދި ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށްފައި ވަނިކޮށް ސުއޫދު ވަނީ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވާފަ އެވެ.
ގާނޫނުއަސާސީ މައްސަލަ ސުޕްރީމް ކޯޓުން ކުރިއަށް ގެންދަން ނިންމި ފަހުން އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޖެހޭ ގޮތަށް ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ބިލެއް ވެސް ވަނީ ފާސްކޮށްފަ އެވެ. ތިން ދުވަހުގެ ބިލު ފާސްކުރި ނަމަވެސް މިހާތަނަށް އަދި ތަސްދީގެއް ނުކުރެ އެވެ.
ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ އެ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތައައްސުބުތަކުން އެއްކިބާވެ ވިސްނައިފި ކޮންމެ ރައްޔިތަކަށް ފަހުމުވާނެ ކަމަށެވެ.
