ޖާހުގެ އެއްބަސްވުން ބާތިލްކޮށްފި

ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމާފައި ނުވާތީ، އެޗްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި އެވެ.
އެޗްޑީސީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ، އެކި ފަހަރު މަތިން އެ ފަރާތަށް އިތުރުކޮށްދެވުނު މުއްދަތުގައި އެފަރާތުން އެ ޕްރޮޖެކްޓް ނިންމާފައި ނުވުމުގެ ސަބަބުން، ޖާހުއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދެވޭ ގާނޫނީ ނޯޓިސް ދިނުމަށް، ނިންމައި، އެ ނޯޓިސް ޖެނުއަރީ 27، 2025 ގައި ޖާހު އިންވެސްޓްމަންޓް ފޮނުވި ކަމަށެވެ.
އަދި އެ ނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި ޖާހުގެ މި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، މި އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އަތުން ނަގާނެކަން އެފަރާތަށް އަންގާފައިވާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި، ފޮނުވާފައިވާ ގާނޫނީ ނޯޓިސްގައި ބަޔާންކުރެވުނު މުއްދަތުގައި އަދި، އެއްބަސްވުން ބާތިލްކުރުމަށްފަހު ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ޕްރޮޖެކްޓުން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކާއި ހިއްސާކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ފިޔަވަޅު އަޅާފައިމިވަނީ ޖާހުން އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގުފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.
