ޚަބަރު

ބްރޯޑްކޮމުން ފަޒީން އިސްތިއުފާ ދެއްވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ބްރޯޑްކޮމްގެ ނައިބު ރައީސް މުހައްމަދު ފަޒީން/ ފޮޓޯ:ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުން ކުރަމުން ދަނިކޮށް، ކޮމިޝަނުގެ މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވައިފި އެވެ.

Ads by STELCO

ފަޒީން، އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަނީ ބަލަމުންނެވެ. މައްސަަލަ އާ ގުޅިގެން ކޮމިޓީގެ ދެ ބައްދަލުވުމެއް އެ މަހު ބޭއްވި އެވެ.

މައްސަލަ އާ ގުޅިގެން އެ ކޮމިޓީން ޖެނުއަރީ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަޒީން ހާޒިރު ވެސް ކުރި އެވެ. ދެ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީވެ ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

ބަލަމުންދާ މައްސަލަ އާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް ފަޒީން އެދިވަޑައިގެންފައިވާތީ އޭނާ އެދިވަޑައިގެންފައިވާ ގޮތަށް ވަކީލަކާ އެކު ހާޒިރުވެވަޑައިގަންނަވާ ގޮތަށް މި މަހުގެ 10 ވަނަ ދުވަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމެއް ވެސް ތާވަލުކުރި އެވެ. ނަމަވެސް ވަކީލަށް ދިމާވި ހާލަތަކާ ހުރެ ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތުމަށް ވަނީ އުޒުރުވެރިވެވަޑައިގެންފަ އެވެ.

ފަޒީންގެ ވަކީލު ފޮނުއްވި ސިޓީ ކޮމިޓީއަށް އިއްވެވުމުން ކޮމިޓީގެ މެމްބަރުން ނިންމާފައި ވަނީ މައްސަލަ އާ މެދު ގޮތެއް ނިންމުމަށް ތަޅުމަށް ފޮނުވުމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފަޒީން ވަނީ އާންމުކުރައްވާފަ އެވެ.

އިސްތިއުފާ ދެއްވި ސަބަބެއް ކަމުގައި ފަޒީންގެ ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާ އެކު ވަކިފަރާތަކަށް ނުޖެހި އަދާކުރުމަކީ މިވަގުތު ކުރެވެން ނެތް ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ ކަމަށް ވިދާޅުވި އެވެ.

"ނަމަވެސް ނޫސްވެރި ކަމަށް އަންނަ ހަމަލާތައް ދިފާއު ކުރުމާއި މިނިވަން ދިމުގްރާތީ މުޖްތަމައުއެއް ދެމެހެއްޓުމަށް ޓަކައި ނޫސްވެރިކަމުގެ މިނިވަން ކަމަށް ޓަކައި ކެނޑިނޭޅި މަސައްކަތް ކުރާ ފަރާތެއްގެ ގޮތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން މަނިކުފާނަށް އަޅުގަނޑު އަރުވަމެވެ،" ރައީސަށް މިއަދު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ފަޒީން ވިދާޅުވި އެވެ.

އިސްތިއުފާގެ ސިޓީ އާއެކު، އޭނާގެ ގާނޫނީ ވަކީލު ނެރުއްވި ބަޔާން ވެސް ފަޒީން ވަނީ ހިއްސާކުރައްވާފަ އެވެ.

އެ ބަޔާނުގައި ބުނީ ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. މައްސަލަ އެ ކޮމިޝަނުގެ ކަމާ ބެހޭ ކޮމިޓީ އާއި މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުރުން ފުލުހުން ތަހުގީގު ކުރުމުން ވެސް، "ބުނި ބުނުން" ފިޔަވާ ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ދެެއްކިފައި ނުވާ ކަމަށެވެ.

މީޑިއާގެ ދާއިރާގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ފަޒީން، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ ވަނީ މީގެކުރިން ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އާއި ރާއްޖެ ޓީވީގައި ވީޑިއޯ މަސައްކަތްކުރައްވާފަ އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ފަޒީން އިންތިހާބުވީ އެ މަގާމުގައި ކުރިން ހުރި އަހްމަދު ގައިސް، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Ads by Allied Insurance