ޚަބަރު ވިޔަފާރި

މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަކަށް ރާއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިންޑިއާގެ މަޝްހޫރު ކްރިކެޓް ޓީމް، މުމްބާއީ އިންޑިއަންސް ޓީމުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

Ads by MPL

އެމްއެމްޕީއާރުސީން ވަނީ މިދިޔަ ހަފުތާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ޕާޓްނާޝިޕެއް ގާއިމުކޮށް، ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަމަޖައްސާފަ އެވެ.

އެމްއެމްޕީއާރުސީން މިއަދު ވަނީ މުމްބާއީ އިންޑިއަންސްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖޭގެ ޓޫރިޒަމް ބްރޭންޑް، ވިޒިޓް މޯލްޑިވްސް ހަމަޖައްސާފައިވާކަން އިއުލާނުކޮށްފަ އެވެ.

އިންޑިއާގެ ބިލިއަނަރު މުކޭޝް އަމްބާނީގެ މުމްބާއީ އިންޑިއަންސްއަކީ އިންޑިއަން ޕްރިމިއާ ލީގް (އައިޕީއެލް) ފަސް ފަހަރު ކާމިޔާބުކޮށްފައިވާ އެ ގައުމުގެ އެންމެ އަގުބޮޑު އެއް ކްރިކެޓް ޓީމެވެ.

މި ޕާޓްނާޝިޕް އާއެކު އެ ޓީމުގެ ސޯޝަލް މީޑިއާ އަދި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް ހާއްސަ ކެމްޕެއިންތަކެއް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ ކްރިކެޓަކީ ދެ ވަނައަށް އެންމެ ގިނަ މީހުން ބަލާ ކުޅިވަރަށް ވެފައި، މި ޕާޓްނާޝިޕާ އެކު އިންޑިއާ އާއި ބައިނަލްއަގުވާމީ ދަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރުވާނެ ކަމަށެވެ.

މި ޕާޓްނާޝިޕާ އެކު އިންޑިއާގެ އެކި ސިޓީތަކުގައި ރާއްޖެ ޕްރޮމޯޓްކުރެވި، ދެ ލައްކަ ޓޫރިސްޓުން ގެންނަން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރަން މަގުފަހިވާނެ ކަމަށް އެމްއެމްޕީއާރުސީން ދެކެ އެވެ.

Ads by Allied Insurance