އިމިގްރޭޭޝަން ކޮންޓްރޯލާއަކަށް ކުރީގެ ސީޕީ ފަސީހު އައްޔަންކުރައްވައިފި

ކޮންޓްރޯލާ އޮފް އިމިގްރޭޝަންގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު ފަސީހު މިއަދު އައްޔަނުކުރައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސީޕީގެ މަގާމު ފުރުއްވި ފަސީހު ސްޓޭޓް މިނިސްޓަރު ފެންވަރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް އައްޔަންކުރެއްވިކަން ހާމަކުރެއްވި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "އެކްސް" ގައި ކުރެއްވި ޕޯސްޓަކުންނެވެ.
ފުލުސް އޮފީހުގައި 23 އަހަރު ހޭދަކުރައްވާފައިވާ ފަސީހު ފުލުހުންގެ ހިދުމަތުން ރިޓަޔާކުރެއްވީ 2024 ވަނަ އަހަރު އެވެ. އެމްޓީސީސީގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފަސީހު ވަނީ އަދާކުރައްވާފަ އެވެ.
އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމަށް ފަސީހު އައްޔަންކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ޝައްމާން ވަހީދު އިއްޔެ މަގާމުން ވަކިކުރުމަށް ފަހު އެވެ.
އޭނާ ވަކިކުރި ސަބަބެއް ސަރުކާރުން އަދި މިހާތަނަށް ހާމައެއް ނުކުރެ އެވެ.
އެކަމަކު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ނަޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއްގެ ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ.
އެ މައްސަލައާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި 3 އޮފިސަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއީ ކޮންބައެއް ކަމެއް ފުލުހުން ހާމަކޮށްފައިނުވާއިރު އެ މައްސަލާގައި ޝައްމާނުއަށް އެއްވެސް ތުހުމަތެއް ކުރެވޭ ކަމެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.
