ޚަބަރު ދީން

މި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ، ލައިލަތުލްގަދުރި ލިބިގަތުމަށް މަސައްކަތް ކުރަން ޖެހޭ: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
އިސްލާމީ މަރުކަޒުގައި ތަރާވީހް ނަމާދު ކުރަނީ / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ފަހު ދިހައިގެ މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހެޔޮ އަމަލުތައް ކުރުމުގައި ހީވާގިވެ، ލައިލަތުލްގަދުރި ލިބިގަތުމަށް މަސައްކަތް ކުރަން މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

Ads by STELCO

ލައިލަތުލްގަދުރީގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މިހާރު މި ތިބީ ރޯދަ މަހުގެ ފަހު ދިހައިގެ ތެރޭގައި ކަމަށެވެ. އެެހެންކަމުން ހެޔޮ އަމަލުތައް ގަބޫލުކުރައްވާތޯ މާތް الله ގެ ހަޟުރަތުގައި ދުއާ ދަންނަވަން ޖެހޭ ކަމަށެވެ. މި ދުވަސްތަކަކީ ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. މި ދުވަސްތަކާއި ރޭތައް އިހްޔާކުރުމަކީ އެކަމުގެ ދަރުމަ އާއި ސަވާބުގެ މިންވަރު ހިސާބުކުރަން ނޭނގޭ ވަރަށް އިތުރުކޮށްދެއްވާ ކަމެއް ކަމަށެވެ.

"ކިޔަމަންތެރިވެ މާތް الله އަށް ތަޤުވާވެރިވާށެވެ! ހެޔޮ އަމަލާ އެކު މި މާތް މައްސަރު ނިންމައިލެވޭތޯ ބަލާށެވެ! އަމިއްލަ ނަފުސަށް ކުރެވޭ އަހުދުތަކަށް ރައްކާތެރިވާށެވެ! އިސްތިޣުފާރުކުރުން ގިނަ ކުރާށެވެ! އެ ކަމަކީ ރޯދައަށް ހުންނައިރު، އެ މީހަކަށް ކުރެވޭ ކުދިކުދި ފާފަތައް ފުއްސަވައިދެއްވާނޭ ކަމެކެވެ!"

ރޯދަ މަހުގެ ފަހު ދިހައިގައި ކީރިތި މާތް ނަބިއްޔާ އަމަލުފުޅު ބެހެއްޓެވި ގޮތަށް ބަލާއިރު، އެކަލޭގެފާނު ރޭ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރައްވާ ކަމަށެވެ. އުއްމުލްމުއުމިނީން އައިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ރަމަޟާން މަހުގެ ފަހު ދިހައިގައި ރަސޫލު الله އިއުތިކާފުކުރައްވަ އެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރައްވަ އެވެ. ތިޔަބައިމީހުން ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްގަދުރި ލިބިގަތުމަށް ގަދައަޅައި މަސައްކަތްކުރާހުށިކަމެވެ."

ހުކުރު ހުތުބާގައި ބުނި ގޮތުގައި ފަހު ދިހައިގައި ލައްވާފައިވާ ބަރަކާތްތެރިކަން ބޮޑު ރެއަކީ ލައިލަތުލްގަދުރި ކަމުގަ އެވެ. އެ ރޭ ކުރާ ހެޔޮކަމުގެ ދަރުމަ އެ ނޫން ވަގުތުގައި، އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމަށް ވުރެ މަތިވެރިކުރައްވާފައިވާ ކަމުގަ އެވެ. މި މަތިވެރި ރެއަކީ މާތް الله އެ ރެއެއްގައި މީހަކަށް މުޅި އުމުރުގައި ދެއްވާނެ އެންމެ މަތިވެރިކަން ހާސިލުކުރެވިދާނެ ރޭ ކަމުގަ އެވެ.

އެ ރޭގެ މަތިވެރިކަން ބަޔާންކުރައްވައި މާތް الله ވަޙީކުރެއްވި ބަސްފުޅުން އެނގޭ ގޮތުގައި އެ ރޭ، ކުރާ ހެޔޮކަމުގެ ދަރުމަ ދެއްވަނީ އެއް ހާސް މައްސަރުގައި ކުރާ ހެޔޮކަމާ އެއްވަރުގެ ހެޔޮކަމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އެއް ހާސް މައްސަރުގައި ކުރެވޭ ހެޔޮކަމަށް ވުރެ ވެސް އިތުރުކޮށް ކަމުގައި ފާހަގަކުރި އެވެ.

ހުތުބާގައި ބުނީ ކުރީގެ އުންމަތްތަކުގެ މީހުންނަށް ދިގު އުމުރު ދެއްވިއިރު، މި އުންމަތުގެ މީހުންގެ އުމުރު ކުރު ކަމުގައި ވިނަމަވެސް މި ކުރު އުމުރުގައި ކުރާ ހެޔޮ އަމަލުގެ ދަރުމަ އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރޯދަ މަހު ލައިލަތުލްގަދުރީގައި ކުރާ ހެޔޮކަމުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން އިތުރުކުރައްވާފައިވުން ހިމެނޭ ކަމަށެވެ. އީމާންކަމާ އެކު، ދަރުމަ އާއި ސަވާބަށް އެދި އެ ރޭ، އަޅުކަންކުރި މީހުންނަށް ފާފަފުއްސަވައިދެއްވާނެ ކަމަށެވެ.

މާތް ނަބިއްޔާ ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ފުރިހަމަ އީމާންކަމާ އެކު، ސަވާބަށް އެދޭ ހާލު، ލައިލަތުލްގަދުރި ވިލޭރޭ އަޅުކަމުގައި ދެމިހުރެއްޖެ މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އޭނާގެ އިސްވެ ދިޔަ ފާފަތައް ފުއްސެވޭހުއްޓެވެ."

މާތް ނަބިއްޔާގެ އަރިހުން އެ ރޭ ކިޔުމަށް ވާރިދުވެގެން އައިސްފައިވާ ދުއާ މި މަހުގެ ބާކީ އޮތް ދުވަސްތަކާއި ރޭތަކުގައި ތަކުރާރު ކުރަން ޖެހޭ ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. އަދި މި ބަރަކާތްތެރި ދުވަސްތަކާއި ރޭތަކުގައި ހީވާގިވެ ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ވަނީ ގޮވާލާފަ އެވެ.

މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ރޯދަ މަހުގެ ފަހު ދިހައިގައި އިއުތިކާފަށް އިނުމަކީ ގަދަވެގެންވާ ސުންނަތެެއް ކަަމުގަ އެވެ. އިއުތިކާފަށް އިންނަ މީހާ، ބޭކާރު ކަންތައްތަކާއި ވާހަކަތަކުން ދުރުހެލިވެ، މާތް الله އަށް އަޅުކަންކުރުމާއި ކީރިތި ގުރްއާން ކިޔެވުމާއި ޒިކުރުކުރުމުގައި ވަގުތު ހޭދަކުރަންވާނެ ކަމުގަ އެވެ. އަދި މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި މިސްކިތުގެ ސާފުތާހިރު ކަމަށާއި މިސްކިތުގެ ހުރުމަތަށް އިސްކަންދޭންވާނެ ކަމުގަ އެވެ. މިސްކިތުގެ ހުރުމަތް ގެއްލޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމުގަ އެވެ.

އެ އާއެކު ހުތުބާގައި ވަނީ މި ބަރަކާތްތެރި މައްސަރާ ވިދިގެން އަދާކުރަން އަމުރުކުރައްވާފައިވާ އަޅުކަމެއްވާކަން ފާހަގަކޮށްފަ އެވެ. އެއީ ފިތުރު ޒަކާތް ކަމުގަ އެވެ. ފިތުރު ޒަކާތަކީ ރޯދަ މަހު ރޯދަތައް ހިފިއިރު ކުރެވިފައިވާ އުނި ކަންކަން ފޫބައްދައިދޭ ކަމެއް ކަމުގަ އެވެ. ފިތުރު ޒަކާތް ނެރުމާ ގުޅޭ ކަންކަމަށް ސަމާލުކަންދީ އެ ޒަކާތް ނެރުން އަވަސް ކުރުމަށް ވަނީ އެދިފަ އެވެ.

ހުކުރު ހުތުބާގައި ވަނީ މާތް الله ގެ ހަޟްރަތަށް ކުއްތަންވެ، އެކަލާނގެއަށް އޮންނަ އިތުބާރު ހަރުދަނާ ކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. އެކަލާނގެ ރަހްމަތްފުޅުން ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުވެރިވާން ޖެހޭ ކަމަށާއި އިސްލާމްކަން މަތީ، ހެޔޮ ހާލުގައި ތިބެ ރޯދަ މަހާ ބައްދަލުވުމަކީ ކުޑަ ނިއުމަތެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އެކަލާނގެ ފަޟުލަވަންތަކަމުން ހެޔޮ އަމަލުތައް ކުރިއިރު، އަމަލުތަކުގެ ވާހަކަ ފަތްފުށްތަކުގައި މަލާއިކަތުން ލިޔުއްވާނެކަން ދަންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ހެޔޮ އަމަލެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

Ads by Ooredoo