Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި

ހައްޔަރުކުރި އިމިގްރޭޝަން އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި

މޯލްޑިވްސް އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި އޮފިސަރުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

އިމިގްރޭޝަނުގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ މައްސަލައެއް ބަލަން ފަށާފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.

މައްސަލަ އާ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

Advertisement
Allied Insurance — Square (box)

ތަހުގީގު ކުރަމުން އަންނަ އެ މައްސަލަ އާ ގުޅޭގޮތުން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ދެ މީހަކު 10 ދުވަހަށް އަދި އަނެކަކު ތިން ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ބިދޭސީން ދިރިއުޅޭ ގެއެއް ބައެއް އިމިގްރޭޝަން އޮފިސަރުން ބަލައި ފާސްކުރީ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމަށެވެ. އެހެން ފުލުހުން ބުނެފައިވާ ސަބަބަކީ، އެ މަސައްކަތްކުރި އިމިގްރޭޝަން އޮފިސަރުންނަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޒިންމާ އަދާކުރަމުން އަންނަ ޓާސްކް ފޯސް އަދި ރިސްކް މެނޭޖްމަންޓުގައި ނުހިމެނޭ މުވައްޒަފުންތަކަކަށް ވާތީ އެވެ.

ބިދޭސީން ދިރިއުޅެމުން އައި ގެ ބަލައި ފާސްކޮށް، އެ ގެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގިނަ އަދަދެއްގެ ނަގުދު ފައިސާ އާއެކު ގެންދިޔަ ކަމަށް ފުލުުހުން ބުނެފައިވެ އެވެ.

އެއިން ބިދޭސީއަކު 530،000 ރުފިޔާ އާއެކު ދޫކޮށްލީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ އަމުރަކަށް ކަމަށް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. ދޫކޮށްލުމަށް ފަހު، އޮޕަރޭޝަން ހިންގި އޮފިސަރުން މަގުމަތިން ބިދޭސީ މީހާ އާ ބައްދަލުކޮށް، އެ ފައިސާ ޝަމްއާނުގެ ގެއަށް ގެންދިޔަ ކަމަށް ވެސް ބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.

މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ ޝަމްއާނުގެ ދިރިއުޅޭގެ ވަނީ ބަލައި ފާސްކޮށްފަ އެވެ. އެ ގެއިން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އިލެކްޓްރޯނިކް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އެފަހުން ފުލުހަށް ހާޒިރުކުރުމަށް ފަހު، ޝަމްއާން ހައްޔަރުކުރި އެވެ. އޭނާ ހައްޔަރުކޮށް، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް