ރޯދައަށް ސްކޫލުތައް ބަންދުކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ހާމަކުރައްވައިފި

ކިޔަވައިދޭ ދުވަސްތައް ނުވަތަ ގަޑިތައް ނުގެއްލޭ ގޮތަށް، ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު ވެސް މުޅި ރޯދަ މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެވޭނެ ގޮތް ހަމަޖެއްސޭތޯ ބެއްލެވުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ދަންނަވާފައިވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެކަން ހާމަކުރެއްވީ "ރައްޔިތުންނާ އެކު" މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި އަހަރު އެކަޑެމިކް ކަލަންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މި އަހަރުގެ ރޯދަ މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރޯދަ މަސް ބަންދުކުރާ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި މަސް ބަންދުކުރައްވާ ގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ރޯދަ މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭ ކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ވާނީ މިހާރު އެޑިއުކޭޝަން މިނިސްޓަރަށް ދަންނަވާފައި ބައްލަވައިދެއްވާށޭ ދެން އޮތް ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަސް އެގޮތަށް، މުޅި ރަމަޟާން މަސް ބަންދުކުރެވޭނެ ގޮތް ހަމަޖެއްސޭތޯ،" އެކަން އެގޮތަށް ކުރާނީ ކިޔަވައިދޭ ދުވަސްތައް ނުވަތަ ގަޑިތައް ނުގެއްލޭ ގޮތަށް މުޅި އަހަރަށް ބަހާލައިގެންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި އެވެ.
މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރޯދަ މަހު ސްކޫލުތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިން ވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ފާހަގަކުރެއްވި އެވެ.
އެމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ރޯދަ މަހަށް ފަހު އީދު ބަންދާ ގުޅިގެން ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފުސީލީ މައުލޫމާތު ވެސް ހިއްސާކުރެއްވި އެވެ.