ޚަބަރު

ރައީސް ނަޝީދާ ދުރުވުމުގެ ނިޔަތެއް ނެތް، އެކަމަކު މިހުރީ ރައީސް ޞާލިހާއެކު ވީ ހާލެއްގައި ވާން:އަނދުން ހުސައިން

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރުން ރައީސް ޞާލިހުގެ އަރިހަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ރައީސް ނަޝީދާ ދުރުވުމުގެ ނިޔަތެއް ނެތް ކަމަށާއި އެހެން ނަމަވެސް ހުންނަވާނީ ރައީސް ޞާލިޙާއެކު ވީ ޙާލެއްގައި ވާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.

އަނދުން ޙުސައިން އަބަދު ވެސް ހުންނެވީ ވީހާލެއްގައި ވާން ރައީސް ޞާލިޙާ އެކުގައި ކަމަށް ވިދާޅުވެ އިއްޔެ އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

މި ޓްވީޓާއި ގުޅޭ ގޮތުން "ދެން" އިން އެމަނިކުފާނާ ސުވާލު ކުރުމުން ވިދާޅުވީ އެ ޓްވީޓްގެ މާނައަކީ ރައީސް ނަޝީދާ ކުޑަކޮށް ވެސް ދުރުވުން ނޫން ކަމަށާއި އެ ޓްވީޓްގެ މާނައަކީ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަރިހު ވީ ޙާލެއްގައި ހުންނާނެކަން ކަމަށެވެ.

އަނދުން ޙުސައިން ފާހަގަ ކުރެވެނީ ރައީސް ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތުގައި ބައިވެރިވެ ޤަރާރުގައި ޙުސައިން ސޮއި ކުރައްވާފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.

"ބުރޯ ހެދިގެން ނޫޅެވޭނެ"ކަމަށް ވިދާޅުވެ ފައްޔާޒު މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ފައްޔާޒުގެ މަގާމު ދިފާއުކޮށް ދެއްވާނެ ކަމަށެވެ.

Ads by HDC
  1. ސަޕްނާ

    އަނދުން ހުސޭނު މަހާތުމާ ގާނދީއާ ދުރުވުމުގެ ނިޔަތެއްވެސް ނެތް. މަހާތުމާ ގާނދީ ވީ ހާލެއްވާން މަގުބަރާއަށްގޮސް ދުއާވެސްކުރި. ކާފަރަކަށް ރަހުމަތް ލެއްވުންއެދި ދުއާކުރާނީވެސް ………