އާޒިމާގެ ޙަޔާތުން ސޮފްހާއެއް: ގިނަ މީހުންނަށް ނޭނގޭ އެތައް ކަމަކާއި ކުރިމަތިލީ ދަރިފުޅުގެ ހިތްވަރާއެކު!
އާޒިމާ ޝަކޫރުގެ ނަން އިވުމާއެކު ވެސް އެކި މީހުންނަށް އަންނާނީ އެކި ޚިޔާލު ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
މަޝްހޫރު ގާނޫނީ ވަކީލާ، އާޒިމާއަކީ ވޭތުވެދިޔަ ހައެއްކަ އަހަރު ވަރަށް ގިނަ މީހުންގެ ފާޑު ކިޔުމާއި ނުރުހުން ވެެސް އަމާޒުވި ކަނބަލެކެވެ. ނަމަވެސް އާޒިމާގެ މިޒާޖާއި އޭނާގެ ސާދާ ދިރިއުޅުން ދަންނަ ، ފަރިތަ މީހުން އާޒިމާ ސިފަ ކުރަނީ ވަަރަށް ވެސް އެކުވެރި ހިތްވަރުގަދަ ސަހުސިއްޔަތެއްގެ ގޮތުގައެވެ.
ޤައުމީ ޚިދުމަތުގައި 30 އަހަރު ހޭދަ ކުރުމަށްފަހު މިހާރު އާޒިމާ ވަނީ ވަކާލާތު ކުރުން އެއްކޮށް ދޫކޮށްލައްވާފައެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އާޒިމާ ވަކާލާތު ކުރުން ދޫކޮށްލެއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށްލުމާއި ގުޅިގެންނެވެ. އަނެއް ބަޔަކު ބުނާ ގޮތުގައި އާޒިމާ އެކަން ދޫކޮށްލެއްވީ އެމްއެމްޕީއާރްސީ ގެ ބޮޑު ޚިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ވެސް ކޮށްފައިވާ މަނީ ލޯންޑަރިންގެ މައްސަލައާއި ގުޅިގެން، އާޒިމާގެ މައްޗަށް ވެސް ކޮށްފައިވާ ދައުވާގެ ސަބަބުންނެވެ.
ނަމަވެސް އާޒިމާ "ލީގަލް ޕްރެކްޓިސް" ނުވަތަ ވަކާލާތު ކުރުން ހުއްޓާލި އަސްލު ސަބަބަކީ ސިއްޙި ހާލު ހުރިގޮތުން ކަމަށް "ދެން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.
"ސިއްޙީ ގޮތުން ވަރަށް ބޮޑު މައްސަލައެއް ދިމާވެގެން ލީގަލް ޕްރެކްޓިސް ހުއްޓާލަން ޖެހުނީ. އަޅުގަނޑުގެ ލޯ ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ. އެއީ 2004 ވަނަ އަހަރު ލެޕްރަސީ އަށް ޕޮޒިޓިވް ވެގެން، ހަތަރު އަހަރު ވަންދެން ބޭސްކުރީ، ސްޓެރޮއިޑްސް ކާން ޖެހުނީ. އެއިރުވެސް ބުނި ލޯ ވަރަށް ބޮޑަށް ހަލާކު ވެދާނެއޭ. އެކަމަކު ފަރުވާ އަކަަށް ކާން ޖެހުނީ. ދެން އެއިރުން ފެށިގެން އެވޭނުގައި އުޅެފައި މިހާރު ހަމަ އެއްގޮތަކަށް ވެސް ލޯ ބޭނުން ނުކުރެވެނީ އެވަރަށް." އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވި ގޮތުގައި މިބަލީގެ ސަބަބުން އޭނާގެ ސިފައަށް ވެސް ވަރަށް ބޮޑު ބަދަލު ތަކެއް އައެވެ. އެގޮތުން މީހާ ދުޅަވުންފަދަ ކަންކަން ވެސް ދިމާވިއެވެ. އެކަމާއި ގުޅިގެން އެތައް ބަޔަކު ވަނީ އެއިރުވެސް އަދި މިހާރު ވެސް އާޒިމާ ގެ ސިފަޔަށް ނިސްބަތްކޮށް ވަރަށް ހުތުރު އެއްޗެހި ކިޔާފައެވެ.
ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރިމަތިވެ ވަރަށް ގިނަ ފާޑު ކިޔުން ތަކަކާ ވެސް ކުރިމަތިލާން ޖެހުނު، ކުރީގެ ބަންޑާރަ ނައިބު އާޒިމާ ވިދާޅުވި ގޮތުގައި އޭގެން އެއްވެސް ކަމަކީ އޭނާގެ ހިތުން ފޮހެލަން ފަސޭހަ ކަމެއް ނޫނެވެ. އޭގެތެރެއިން ވެސް އޭނާ އެންމެ ބޮޑަށް ފާހަގަކުރީ 2008 ގެ ފެބްރުއަރީ 1 ގައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ހަނާން މުޙައްމަދު ދީދީ އަށް ކުރިމަތިވި ނުރައްކަލެވެ.
"އެދުވަހު އަޅުގަނޑުގެ ކާރުގައި ދިޔައީ ދަރިފުޅު. ކާރުގައި އިނީ އަޅުގަނޑު ކަމަށް ހީކޮށް ކޯރާޑިއެެއް ހިފައިގެން އެއިރު ކާރު ފަހަތުން ބަޔަކު ދިޔަ ހަމަލާ ދޭން ވެގެން. އެއީ ވަރަށް ހިތުން ފިލުވާލަން ދަތި ހާދިސާއެއް!" އާޒިމާ ވިދާޅުވިއެވެ.
އެދުވަހުގެ ބިރުވެރިކަން އެހިސާބަކުން ނުނިމެއެވެ. އާޒިމާ އަށާއި ހަނާން އަށް ވެސް އިންޒާރު ދިން ކަމަށާއި އޭގެ ސަބަބުން ސެކިއުރިޓީ ނަގަން ވެސް ޖެހި، ގެއިން ބޭރަށް ވެސް ދަރިފުޅު ނުފޮނުވާ ބަހައްޓަން ޖެހުނު ކަމުގައި އާޒިމާ ވިދާޅުވިއެވެ.
"އަސްލު ވަރަށް ދެރަކަމެއް އެއީ. ސިޔާސީ ދާއިރާގައި އުޅުނީ އަޅުގަނޑު. ދެން އަަޅުގަނޑުގެ ދަރިފުޅަށް އޭގެ އެއްވެސް ކަމެއް ބާލުވައިގެން ނުވާނެ ދެއްތޯ" އާޒިމާ ވިދާޅުވިއެވެ.
ވަކާލާތު ކުރުން ހުއްޓަވާލެއްވުމަށްފަހު އާޒިމާ މިހާރު ހުންނަވަނީ ދަރިފުޅާއެކު ގޭގައެވެ. ނަމަވެސް އުމުރުފުޅުން 51 އަހަރުގައި ވެސް އޭނާ އަކީ ހީވާގި ކަމާއެކު މަސައްކަތް ކުރައްވާ ކަނބަލެކެވެ.
"ފުރަތަމަ ބޭނުންވީ ވެސް ވަކާލާތު ކުރާކަށް ނޫން، ޑޮކްޓަރަކަށް ވާން. އެކަމަކު އެއިރު މާލީ ހާލަތު ހުރި ގޮތުން އެކަން ނުވީ. އެކަމަކު އޭގެ މާނައަކީ ދެން ލިބޭ ފުރުސަތުތައް ދޫކޮށްލާށެކޭ ނޫނެއްނު ދެއްތޯ؟"
މިހާރު އާޒިމާ ގެންދަވަނީ ގޭގެ އަމިއްލަ ބަދިގޭގައި އެކިއެކި ކާނާ ތައްޔާރުކޮށް ވިއްކަމުންނެވެ. އެގޮތުން "އައިމިނައިދީސް- ޓްރޫލީ މޯލްޑިވިއަން" ކިޔާ ފިހާރައެއް ހުޅުވާ، ބޮޑު ތަނަކަށް އެފިހާރަ ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
"އައިމިނައިދީ އަކީ އަޅުގަނޑުގެ މަންމަ ފަރާތު މާމަ. މާމަ ވަރަށް މީރުކޮށް ކައްކާނެ. ހަގީގަތުގައި އާސްތާނާގޭ އެންމެންނަކީ ވެސް ވަރަށް މޮޅަށް ކައްކާ ބައެއް. މިތަނުގައި (މިފިހާރައިގައި) ހުންނާނީ ހުސް ދިވެހި ކާނާ. އަދި ހުރިހާ އެއްޗަކީ ވެސް ހަމަ އަޅުގަނޑު އަމިއްލަ އަތުން ތައްޔާރު ކޮށްފައި ހުރި ކާނާ. ލީގަލް ޕްރެކްޓިސް އިން ލިބޭވަރުގެ އާމްދަނީ އެއް މިކަމުން ނުލިބުނު ކަމުގައި ވިޔަސް މިކަމުން އަޅުގަނޑަށް ވަރަަށް ބޮޑު ހިތްހަމަ ޖެހުން ލިބޭ" އާޒިމާ ވިދާޅުވިއެވެ.
މިފިހާރައަކީ އާޒިމާގެ އެންމެ ގާތް، އާޒިމާއަށް އެންމެ މުހިންމު މީހުން ވެސް ރަމްޒު ކޮށްދޭ ގޮތަށް ހަދާފައިވާ ފިހާރައެކެވެ. އެގޮތުން ފިހާރައިގެ ލޯގޯ އިން ދައްކުވައިދެނީ އާޒިމާގެ ދަރިފުޅު ހަނާން އެވެ. ލޯގޯ ހަދާފައި ވަނީ ދިވެހި ލިބާހެއް ލައިގެން ހަނާން ނަގާފައި ހުރި ފޮޓޯ އަކުންނެވެ.
މިހާހިސާބުން ހަނާން އާއި އާޒިމާ ގެ ވާހަކައަށް ޖެހިލާނަމެވެ. ހަގީގަތަށް ބުނަންޏާ، މިދެމައިންނަކީ ލާމަސީލު ނަމޫނާ އެކެވެ. ދެމައިންގެ ގުޅުމަކީ ހަމައެކަނި މަންމައާ ދަރިފުޅުގެ ގުޅުމެއް ނޫނެވެ. އެއީ ގާތް ދެ އެކުވެރިން ވެސް މެއެވެ.ދެމައިންގެ ގުޅުން އެހާމެ ވަރުގަދައެވެ.
"ހަނާން ބޮޑުވި ފަހުން ދިރިއުޅުމުގެ އެއްވެސް ނިންމުމެއް ނުނިންމަން އޭނަ ކައިރީ ނުބުނެ، އޭނަައާއި މަޝްވަރާ ނުކޮށެއް. ތެދައް ބުނަންޏާ މިހާވަރަށް ކަންކަމާއި ކުރިމަތިލެވުނީ ވެސް ހަނާން ކައިރީގައި ހުރީމަ. މާސްޓަރސް ހަދަން ވެސް ދިޔައީ ހަނާން ގޮވައިގެން، އެއިރު އޭނައަށް ވާނީ އެންމެ ތިން އަހަރު. ދެން ލެޕްރަސީ އަށް ޕޮޒިޓިވް ވުމުންވެސް، ހަނާން ހުންނަން ބޭނުންވީ ކައިރީގައި. އޭނަގެ އުމުރުން ހަތް އަހަރުގައި އަޅުގަނޑު ޕޮޒިޓިވްވީ ލެޕްރަސީ އަށް. ހޮސްޕިޓަލުގައި ބާއްވާފައި އޮތް އިރުވެސް ހަނާން ބޭނުންވި ކައިރީގައި ހުންނަން، އެހެންވެ އަމިއްލައަށް އަނގަޔަށް އަތް ލައިގެން ހޮޑުލައިގެން ވެސް ޑޮކްޓަރު ކައިރީގައި ބުނި މަންމަ ކައިރީގައި ބާއްވާ ދޭށޭ. ބުނާނެ ހަނާން މިތާނގައި ނެތިއްޔާ މަންމަ ބަލާނެ މީހަކު ނުހުންނާނެޔޭ. ދެން ޑޮކްޓަރަށް ޖެހުނީ އަޅުގަނޑު ކައިރީގައި އޭނަ ވެސް ބާއްވަން" ދަރިފުޅާއިމެދު ފަޚުރުވެރިވާ އާޒިމާ ކިޔައި ދެއްވިއެވެ.
"އައިމިނައިދީ" ގެ އާފިހާރަ އަންނަ ހުކުރު ދުވަހު ހުޅުވަން ތައްޔާރުވެފައިވާއިރު، އެފިހާރައިގައި ވަރަށް ރީތި ކުރެހުމެއް ވެއެވެ. އެކުރެހުން ކުރާހާފައި ވަނީ އާޒިމާ ގެ ދަރިފުޅު ހަނާން އެވެ. ދިވެހި ލިބާހެއް ލާފައިހުރި އަންހެނެއް، ފަހަތުން ފެންނަ އެކުރެހުމުގެ ބޯވަޅާއި ރުމާކޮޅު ހަދާފައިވަނީ އާޒިމާ އެވެ.
"މައިން ބަފައިންގެ ދުރު ވިސްނުމުގެ ސަބަބުން އަސްލުގައި މިހެން އިތުރު ކަންތައްތައް ވެސް ކުރަން މިއެނގުނީ." އާޒިމާ ވިދާޅުވިއެވެ.
"ސިޔާސީ މައިދާނުގައި ކަންތައްތައްވީ ގޮތުން ކިތަންމެ ފަހަރަކު ހިތަށް އެރި ދޫކޮށްލަން އެދާއިރާ. ހަނާން ކައިރީ ވަރަށް އަހަން ވެސް އެހިން ސްޓެޕް ޑައުން ކުރަންހޭ. އެކަމަކު އޭނަ އަބަދުވެސް ހިތްވަރު ދިނީ ކުރިއަށް ދިޔުމަށް"
ހަނާން އޭނާގެ މަންމަ ސިފަކުރަނީ ވަރަށް ވެސް ހިތްވަރުގަދަ އަދި އެހާމެ ރަނގަޅު މީހެއްގެ ގޮތުގައެވެ. އޭނާ ބުނިގޮތުގައި އޭނާގެ މަންމަ އެދާއިރާ ދޫކޮށްލަން އޭނާ ބޭނުން ނުވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ އެވެ.
"ސިއްޙީ މައްސަލަތަކެއް ނެތް ނަމަ މިހާރުވެސް ބުނާނަން މަންމަ ކައިރީ ލީގަލް ޕްރެކްޓިސް ކުރަން. އެކަމަކު މިހާރު މަންމަގެ ބަލިހާތު ހުރި ގޮތުން، ދެން އެކަމަށް ދާކަށް ނުބުނާނަން" ހަނާން ބުންޏެވެ.
ކޮންމެއަކަސް އާޒިމާ ދެކެ ރުހޭ މީހުންނަށް ވެސް އަދި ނުރުހޭ މީހުންނަށް ވެސް ދެބަސް ނުވެވޭނެ ކަމަކީ އާޒިމާ އަކީ ހީވާގި، ހިންގުންތެރި އަދި ހިތްވަރުގަދަ ކަނބަލެއް ކަމެވެ. އާޒިމާ ފަދަ ހުރިހާ އެކަނިވެރި މައިންނަށް އެކަމަނާ ދެއްވާ ނަސޭޙަތަކީ ހިތްވަރާއެކު ކަންކަމާ ކުރިމަތިލުމެވެ. އާޒިމާގެ ދިރިއުޅުއްވުމުން އެ ދައްކަވަނީ އެ ސިފަ ތަކެވެ. ދަރީންގެ މެދުގައި އޮންނަންޖެހޭ ވަރުގަދަ ގުޅުމާއި ހިންމަތާއި މިންނަތުގެ ފޮނި ކާމިޔާބީއެވެ. ފާޑުކިޔުމާއި ނުރުހުންތެރި ކަމަކީ ވެސް ދިރިއުޅުމުގެ ބައެއް ކަމަށް ދެކި އެކަމާމެދު ފައްސި ނަޒަރުން ވިސްނާ ، ހިތްވަރާއެކު ކުރިއަށް ދިޔުމެވެ.
ވަކީލާ އަކީ ދިވެހ ބަހެއްތަ؟ ރަދީފުންވެސް ނުފެނުނީމަ އަހާލީ؟
އާޒިމާ އަކީ ވަރައް ހިއްހެޔޮ މަޑުމައިތިރި އަދި އެހާމެ މަޖާ ކަންބަލެއް އަދި ހަނާން އަކީވެސް ބަސްއަހާ ދަރިއެއް އާޒިމާގެ ހައްވަރައް އައްސަރިބަހާސާބަސް އަޅުގަނޑު އާޒިމާގެ ކެއްތެރިކަމާ މުރާލިކަމާ ކެރުމާ ހިއްވަރު އަތުންހިފާ ލޮލުންފެނި ތަޖުރިބާކޮއްފިން އެއީ ހަމަ ފިސާރި ކަންބަލެއް އާޒިމާގެ މި ކަމަކީ މިހެން ކިޔާލާފަ ނިމެން ނެއް ވާހަކައެއް އަޅުގަނޑު އެދެނީ ﷲތާޢާލާ އާޒިމާ އަށާ އާއިލާއައް ދުޅަހެޔޮސިއްޙަތެއްދެއްވުން އާމީން
ގުޑް ލަކު…..އެކުގައި މަސައްކަތްކުރިން- ވަރަަށް މޮޅު އަދި ކައިންޑ ބޮސްއެއް. ޢެމްޑިޕީ މީހުން އަސްލު އާޒިމާއަށް ޓްރީޓްކުރީ ވަރަށް އަންފެއަރކޮށް.
އާޒިމާ ވެސް ކަންތައް ކޮއްފަ ހުރީކީ ފެއަރ ކޮށެއް ނޫން. އެމީހަކު ކަން ކުރި ގޮތަކަށް އެމީހަކާ ދޭތެރޭ ކަން ވާނެ. އެގޮތުން އަންފެއަރ މީހަކަށް ފެއަރ ނޫންކޮށް ކަންކަން ވާނެ
ދުވަހެެެެެެެެެއް އަންނާނެ. އޭގެ އެއް މިސާލު ތިފެނުނީ.
ސާބަސް ކުރިއަށް ވަޑައިގަންނަވާ….ﷲގެރަހުމަތަށް އެދެން..
ވަރަށް ހިތްހެޔޮ މަޖާ މިޒާޖެއް ގެންގުޅުއްވާ ވަރަށް ހީވާގެ ކެއްތެރި ބޭކަބލެއް އާޒިމާ އަކީ ގުޑް ލަކް
ފަންނީ ޢިލްމުވެރިޔެއް، ތަންދޮރު ދަންނަ މޮޅު ކެރޭ ކަނބަލެއް. ޥަރަށް ދަތި އުނއދަގޫ ދުވަސްވަރަކު ޢެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުމަޖާ ރައްޓެއްސެއް. ޙެޔޮ ދުޢާ