ބިންހެލުމުގައި ތައިލެންޑަށް ލިބުނު ގެއްލުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ދެކުނު އިރުމަތީ އޭޝިޔާ ބައްރަށް އައި ބިންހެލުމާ ގުޅިގެން ތައިލެންޑާ އަދި އެ ސަރަހައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ މީހުން ޒަހަމްވެފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައިލެންޑުގެ ބޮޑުވަޒީރު ޕެޓޮންޓާން ސިނޮވަޓްރައަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.
ބިންހެލުންތައް އައިސްފައި ވަނީ އެ ގައުމާ އިންވެގެން އޮތް މިޔަންމާގެ ދެ ވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މަންޑަލޭގެ 17 ކިލޯމީޓަރު ދުރަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނާ ގޮތުގައި 7.7 މެގްނިޓިއުޑްގެ ބިންހެލުން އައީ އެ ސަރަހައްދުގެ ބިންގަނޑުގެ 10 ކިލޯމީޓަރު އަޑިއަށެވެ.
ބިންހެލުން އައިސްފައި ވަނީ މިޔަންމާ ގަޑިން އިއްޔެ މެންދުރު 12:50 ހާއިރު އެވެ.
ރައީސް އޮފީހުން ބުނީ ތައިލެންޑުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި މެސެޖުގައި އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިހުލާސްތެރިކަމާ އެކު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށެވެ.
އަދި ގެއްލިފައިވާ މީހުން ހެޔޮ ހާލުގައި ތިއްބާ ފެނުމަށާއި ޒަހަމްވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށެވެ.
ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑުގެ ރައްޔިތުންނާ އެކުގައިކަން ހާމަކުރައްވަމުން އެމަނިކުފާނު ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތާއި ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާ އެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ތައިލެންޑުގެ ވެރިރަށް، ބެންކޮކުގެ ހުރިހާ ހިސާބަކަށް ވެސް ބިންހެލުމުގެ އަސަރުކުރިއިރު، ބައެއް އިމާރާތްތައް ވަނީ ވެއްޓިފަ އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުގައި އެ ކާރިސާ އާ ގުޅިގެން ތައިލެންޑުގައި ތިބި ދިވެހިންގެ ހާލަތު އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ބަލާފައިވާ ކަމަށާއި މީހުންގެ ހާލަތު އެހާތަނަށް ރަނގަޅު ކަމުގަ އެވެ. މިޔަންމާގައި އެއްވެސް ދިވެއްސަކު ހުރިތޯ ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ބަލަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބިންހެލުމުގެ ކާރިސާ އާ ގުޅިގެން މިޔަންމާ އާއި ތައިލެންޑުގެ ސަރުކާރުތަކުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.
ތައިލެންޑުގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ބިންހެލުމުގައި މިހާތަނަށް އެ ގައުމުން 10 މީހަކު މަރުވެ، 68 މީހަކު ވަނީ ޒަހަމްވެފަ އެވެ. މިޔަންމާއިން 694 މީހަކު މަރުވެފައިވާއިރު، 1،700 އެއްހާ މީހުން ޒަަހަމްވެފައިވާ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.
