މަސައްކަތް ކުރަނީ ދީނުގެ ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ހަދަން: ރައީސް

ސަރުކާރުން މަސައްކަތް ކުރަނީ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ރާއްޖެ ހެދުމަށް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ފާހަގަކުރަމުން މިދާ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގަ އެވެ.
ރައީސްގެ ހިތޯބުގައި ވަނީ އިލްމުވެރީން ވިދާޅުވާ ގޮތުގައި އީދުގެ އެންމެ މަތިވެރި މަގުސަދަކީ ރޯދައިގެ އަޅުކަން ފުރިހަމަކުރުމަށް ދެއްވި ފުރުސަތަށް ޓަކައި މާތް ﷲ އަށް ހަމްދުކުރުމާއި ޝުކުރުކުރުން ކަމުގައި ފާހަގަކުރައްވާފަ އެވެ.
އޭގެ އިތުރުން މުސްލިމުން އެކަކު އަނެކެއްގެ މައްޗަށް ހިތްހެޔޮކަން ފާޅުކޮށް އިސްލާމީ އަހުވަންތަކަން ދިރުވައި، ސަދަގާތާއި ހަދިޔާ އާއި އިހުލާސްތެރި ހެޔޮ ބަސްތަކުން ހިތްތަކަށް އުފާވެރިކަން ދިނުމަކީ ވެސް އީދުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ހިތޯބުގައި، ކޮންމެ މީހަކު ވެސް ހާއްސަކޮށް، ރަމަޟާން މަހު އަމިއްލަ ނަފުސުގެ އިސްލާހަށް އެދި ﷲ ގެ ހަޒުރަތުގައި ދެންނެވި ފަދައިން ކުރިއަށް އޮތް ދުވަސްތަކުގައި އަމިއްލަ ނަފްސު އިސްލާހު ކުރުމަށް މަސައްކަތް ކުރަން ބާރުއަޅުއްވާފައިވެ އެވެ.
އަދި އީދުގެ އުފާތައް ލިބިގަތުމުގައި އަދި އޭގެފަހުން ވެސް، ކޮންމެ ކަމެއްގައި އިސްލާމްދީނުގެ މަތިވެރި އިމުގެ ތެރޭގައި ހުރިހާ އަމަލުތަކެއް ބެހެއްޓުމަށް ނަސޭހަތްތެރިވެވަޑައިގެންފައިވެ އެވެ.
"ސަރުކާރުން މަސައްކަތް ކުރާނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ޝިއާރުތައް އުފުލުމުގައި ނަމޫނާ ގައުމަކަށް ދިވެހި ގައުމު ހެދުމަށެވެ. އީދުގެ އުފާ ލިބިގަތުމުގައި ރަށްރަށް ދިއްލުމާއި ތަކުބީރުގެ އަޑު ގުގުމާނެހެން އިންތިޒާމުތައް ހަމަޖެއްސުމަކީ އެ މަގުސަދުގައި ތައާރަފު ކުރެވުނު ކަންކަމެވެ،" ރައީސްގެ ހިތޯބުގައި ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މަސައްކަތް ކުރަންވީ އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެދުމަށް ކަމުގަ އެވެ. ބަލަންވީ އީދު ދުވަހަކީ ކުޑަކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމުގަ އެވެ. އާއިލާތަކުގެ ގުޅުންތައް ބަދަހިވެ، އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫހެއް ލިބޭ ދުވަހަކަށް ވުމަށް ކަމުގަ އެވެ. ހަމަ އެގޮތަށް ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމައުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް މި ދުވަސްވުން މުހިންމު ކަމުގައި ފާހަގަކުރެއްވި އެވެ.
"މިއަދު އަޅުގަނޑުމެން ފިތުރު އީދުގެ އުފާފާޅުކުރަމުންދާއިރު ޣައްޒާގެ މުސްލިމު ރައްޔިތުންގެ މަތިން ހަނދާން ކުރުމަށް ކުޑަ ވެސް ފަނޑުކަމެއް އަޔަދީގެން ނުވާނެ އެވެ. ޣައްޒާގެ ލޮބުވެތި ކުޑަކުދީންގެ ގިސްލުމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަޅުގަނޑުމެންގެ ހެޔޮއެދުމާއި ހެޔޮދުއާތައް ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚްތުންނާ އެކު އަބަދުވެސް ދަމަހައްޓަންވާނެ އެވެ." ރައީސްގެ ހިތޯބުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ވީޑިއޯ މެސެޖެއް މެދުވެރިކުރައްވައި ވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ. އަދި ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ވެސް ދުވަހާ ގުޅޭ ޝުއޫރުފާޅުކުރައްވައި ޕޯސްޓެއް ހިއްސާކުރައްވާފަ އެވެ.
ރައީސްގެ އެ ޕޯސްޓުގައި ވަނީ ރޯދައިގެ މަތިވެރި އަޅުކަން ގަބޫލުކުރެއްވުން އެދި ހެޔޮ ދުއާ ތަކުރާރު ކުރައްވައި، ފިތުރު އީދުގެ ތަހުނިޔާ އާއި މުބާރަކްބާދު، ދިވެހި ރައްޔިތުންނަށް އަރިސްކުރައްވާފަ އެވެ.
