ޚަބަރު ދީން

އިލްމުން ފައިދާ ލިބިގަނެ މީހުނަށް ހެޔޮ ފޯރުވައި، މުޖުތަމައަށް ކާމިޔާބީ ހޯދައިދެވިދާނެ: ހުތުބާ 

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުތުބާގައި ބުނީ ދީނުގައި އިލްމުވެރިންގެ މަގާމު މަތިވެރި ކަމަށާއި އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ފައިދާހުރި ކަމެއް ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

އިލްމު އުނގެނި އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީހުންނަށް ކުރާ މަންފާ ބޮޑުވާނެތީ އިލްމުގެ ބޭނުން ހިފައި މުޖުތަމައަށް އަމާންކަމާއި ރައްކާތެރިކަމާ އަދި ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

Ads by STELCO

އިލްމު އުނގެނުމުގެ މާތްކަމުގެ ކަމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ކީރިތި ގުރްއާނުގައި މާތް ﷲ އިލްމުވެރިންގެ މަތިވެރިކަން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ﷲ އާއި އެކަލާނގެ މަލާއިކަތުންގެ ވާހަކަ ވަހީކުރެއްވުމަށް ފަހު، އެއާ ވިދިގެން އިލްމުވެރިންގެ ވާހަކަ ވަހީކުރައްވާފައިވާ ކަމަށެވެ. އެކަމުން އިލްމުވެރިންގެ ޝަރަފާއި މާތްކަމާ އަދި މަތިވެރިކަން ހާމަވާ ކަމަށެވެ. އިލްމުވެރިންނަކީ އެހެން މީހުންނާ އެއްފަދަ ބައެއް ނޫންކަން އަންގަވާފައިވާ ކަމަށެވެ.

މާތް ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވެ، ތަގުވާވެރިވާ މީހުންނަކީ އިލްމު އުނގެނި އެ އިލްމާ އެއްގޮތަށް އަމަލުކުރާ މީހުން ކަމަށް ހުތުބާގައި ބުންޏެވެ. އެ މީހުން ﷲ އަށް ތަގުވާވެރިވާ ކަމަށެވެ. ތަގުވާވެރިންނަކީ އެންމެ މާތް މީހުން ކަމުގައި ﷲ އަންގަވާފައިވާ ކަމަށެވެ.

ހުކުރު ހުތުބާގައި ބުނި ގޮތުގައި ނަބީބޭކަލުން މީސްތަކުންނަށް ވާރުތަކުރެއްވީ އިލްމު ކަމުގަ އެވެ. ނަބީބޭކަލުންގެ ވާރިސުންނަކީ އިލްމުވެރިން ކަމުގަ އެވެ. މާތް ﷲ އިލްމުވެރިންނަށް ހާއްސަ ކަމެއް ދެއްވާފައިވާ ކަމުގަ އެވެ.

ކީރިތި ރަސޫލާގެ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެންވަނީ، ތިޔަބައިމީހުންކުރެ އެންމެ އާދައިގެ މީހާގެ މައްޗަށް ތިމަންކަލޭގެފާނު މާތްވެގެންވާ މިންވަރަށެވެ."

އެ ބަސްފުޅަށް ރިއާޔަތްކޮށް ހުތުބާގައި ފާހަގަކުރީ އިލްމު އުނގެނި އިލްމާ އެއްގޮތަށް އަމަލުކުރާ އިލްމުވެރިޔާގެ ފަރާތުން މީސްތަކުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމުގަ އެވެ. އެއާ ހިލާފަށް އަޅުވެރިޔާ ކުރާ އަޅުކަމުގެ ސަބަބުން މަންފާ ކުރާނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފުސަށް ކަމުގަ އެވެ.

އަދިވެސް މާތް ނަބިއްޔާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އަދި ހަމަކަށަވަރުން އަޅުވެރިޔާގެ މައްޗަށް އިލްމުވެރިޔާ މާތްވެގެންވަނީ ތަރިތަކުގެ މައްޗަށް ހަނދު މާތްވެގެންވާ ފަދައިންނެވެ."

މިއަދުގެ ހުތުބާގައި ބުނީ އިލްމުގެ މަގާމު މަތިވެރި ކަމަށެވެ. ވުމާ އެކު އިލްމު އުނގެނުމަށް ނަބިއްޔާ ވަރަށް ބޮޑަށް ބާރު އެޅުއްވެވި ކަމަށެވެ. ބަދުރު ހަނގުރާމައިގެ އަސީރުން މިނިވަންވުމަށް ފިދުޔައިގެ ބަދަލުގައި މުސްލިމް ދިހަ ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުން ޝަރުތު ކުރެއްވުމުން އެކަން ދޭހަވާ ކަމަށެވެ. އަދި އެކަލޭގެފާނުގެ ހަދީސް ބަސްފުޅުތަކުން ވެސް އިލްމުވެރިންގެ މާތްކަން އެނގޭ ކަމަށެވެ.

އެ ހެޔޮ ކަމަށް އެދޭ މީހުން ޝަރުއީ އިލްމު އުނގެނުމަށް ވަގުތު ހުސްކުރުން މުހިންމު ކަމަށް ހުތުބާގައި ބުންޏެވެ. އުމުރުން ކޮންމެ ދުވަހަކީ އިލްމު އުނގެނުމަށް ވަގުތުކޮޅެއް ހޭދަކުރެވިދާނެ ދުވަހެއް ކަމަށެވެ. އިލްމު އުނގެނުމަކީ ތިމާއަށާއި އެހެން މީހުންނަށް ނުހަނު ފައިދާ އާއި ލާބަހުރި ކަމެއް ކަމަށެވެ. އިލްމުވެރިޔާ މަރުވުމަށް ފަހުގައި ވެސް އޭނާ އުނގެނި، އެހެން މީހުންނަށް ފޯރުކޮށްދީފައިވާ އިލްމެއްގެ ފައިދާ ކުރާނެތީ އާއެކު ކަމަށެވެ.

ކީރިތި ރަސޫލާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އިންސާނާ މަރުވުމުން ތިން ކަމަކުން މެނުވީ އޭނާގެ އަމަލުތައް ނިމެ އެވެ. އެއީ ދެމިގެންދާ ސޮދަގާތަކުން، ނުވަތަ ފައިދާހުރި އިލްމަކުން، ނުވަތަ އޭނާ ދޫކޮށް ދިޔަ، އޭނާއަށް ޓަކައި ހެޔޮ ދުއާ ކުރާނޭ ސޯލިހު ދަރިއެއްގެ ފުށުން މެނުވީ އެވެ."

މާތް ނަބިއްޔާ ހަދީސް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އެއް ހާސް އަޅުވެރީންނަށް ވުރެ، އެންމެ ފަގީހެއްގެ ބާރު ޝައިތާނާގެ މައްޗަށް ގަދަވެގެންވެ އެވެ."

ހުކުރު ހުތުބާގައި ބުނި ގޮތުގައި ނުދަނެ ހުރެ އަޅުކަންކުރާ މީހަކަށް، ބާތިލު ގޮތުގައި އަޅުކަމެއް ކުރުމަށް ޝައިތާނާ ވިސްނައިދީފާނެ ކަމުގަ އެވެ. އެކަމުގެ ސަބަބުން އޭނާ މަގުފުރެދި، އެހެންމީހުން މަގުފުރައްދައިފާނެ ކަމުގަ އެވެ. އެހެންނަމަވެސް އިލްމުވެރިޔާ މަގުފުރައްދާކަށް ޝައިތާނާއަށް ފަސޭހައެއް ނުވާނެ ކަމުގަ އެވެ. އޭގެ ބަދަލުގައި އޭނާ، އޭނާއަށް ލިބިފައިވާ އިލްމުގެ މަތީގައި ސާބިތުވެ ހުރެ، އަނެކުން ހެޔޮ މަގަށް އަޅުވަން މަސައްކަތް ކުރާނެ ކަމުގަ އެވެ.

ދީނީ އިލްމު އުނގެނުން ކޮންމެ މުސްލިމަކަށް ވެސް ވާޖިބުވެގެންވާ ކަމަށް ހުތުބާގައި ބުންޏެވެ. އިލްމު އުނގެނުމަށް މާތް ﷲ ގެ ރަސޫލާ އެހާ ބޮޑަށް ބާރުއަޅުއްވާފައި ވަނީ އެހެންވެ ކަމަށެވެ. އަދި އެކަމަށް އެދި ދުއާ ކުރުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވާ ކަމަށެވެ.

ހުތުބާގައި ވަނީ މާތް ނަބިއްޔާގެ އިރުޝާދުފުޅުތަކަށް ތަބައަވެ، ދީނުގެ އިލްމު ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމުގައި ފާހަގަކޮށްފަ އެވެ. އެކަމުގެ މާތް ދަރަޖަ އާއި ހެޔޮކަން ލިބިގަނެ، އެއިން ދުނިޔެ އާއި އާހިރަތުގެ މަގު އާރާސްތުކޮށް، އަމިއްލަ ނަފުސާއި އަނބިދަރީންނާއި އަވަށްޓެރީންނާ އަދި މުޅި އިންސާނީ މުޖުތަމައަށް އަމާންކަމާއި ރައްކާތެރިކަމާއި ކާމިޔާބީ ހޯދައިދޭން މަސައްކަތް ކުރުމަށް ވަނީ ގޮވާލާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!