ރޯޒްމަންޓް އެވެނިއު، ޔޫކޭ ސްޓޫޑަންޓްސް އެސޯސިއޭޝަނާ އަލުން ހަވާލުކޮށްފި

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ނަމްބަރު 9 ރޯޒްމޮންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ-ޔޫކޭ) އާ އަލުން ހަވާލުކޮށްފި އެވެ.
ޒަމާނުއްސުރެ، އިނގިރޭސިވިލާތުގައި ކިޔަވާ ދިވެހި ދަރިވަރުން ދިރިއުޅުމަށާއި ނާދީއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އެ އިމާރާތް ދުވަސްކޮޅަކަށް، އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ބޭނުމަށް ވަނީ ނަގާފަ އެވެ.
އެހެންނަމަވެސް މިއަދުން ފެށިގެން އެ އިމާރާތް އެމްއެސްއޭ-ޔޫކޭ އާ ރަސްމީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވާލުކުރައްވާފަ އެވެ.
އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރައީސް މިއަދު ވަނީ އެ ގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ފަރިއްކޮޅުގައި އެމަނިކުފާނު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައި ކަމަށެވެ. އަދި ސަރުކާރުން ދަރިވަރުންނަށް ހުރި ދަތިތައް ލުއިކޮށްދިނުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދަތުރުފުޅުގެ ތެރެއިން ރައީސް ޔުނިވާސިޓީ އޮފް ލީޑްސްއަށް ވެސް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ. އެ ޒިޔާރަތުގައި ރާއްޖެއާއި އެ ޔުނިވާސިޓީން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި ކަމަށެވެ.
[caption id="attachment_278198" align="alignnone" width="690"]<img class="wp-image-278198 size-large" src="https://cdn.dhen.mv/wp-content/uploads/2025/04/396845_e773dba0-6_-1024x683.jpg" alt="" width="690" height="460" /> ލީޑްސް ޔުނިވާސިޓީއަށް ކުރެއްވި ޒިޔާރަތުގައި ޔުނިވާސިޓީގެ ވެރިންނާ ރައީސް ބައްދަލުކުރައްވަނީ / ފޮޓޯ:ރައީސް އޮފީސް[/caption]
ލީޑްސް ޔުނިވާސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެމްޕީ އެލެކްސް ސޯބެލް އާއި އެ ޔުނިވާސިޓީގެ ޕްރޮވެސްޓް އަދި ޑެޕިއުޓީ ވައިސް ޗާންސެލަރު ޕްރޮފެސަރު ހައި-ސުއި ޔޫ އެވެ.
ރައީސްއަކީ ލީޑްސްގެ އިސް ދަރިވަރެއްވެސް މެ އެވެ. ސިވިލް އިންޖިނިއަރިންގެ ދާއިރާއިން އެމަނިކުފާނު ވަނީ 2009 ވަނަ އަހަރު އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.
އިނގިރޭސިވިލާތުގައި މަތީ ތައުލީމު ފޯރުކޮށްދޭ އެންމެ ރަނގަޅު މަރުކަޒުތަކުގެ ތެރޭގައި ގުނާލެވޭ އެ މަރުކަޒަކީ 1904 ވަނަ އަހަރު ގާއިމުކުރި ޔުނިވާސިޓީއެކެވެ.







ކޮމެންޓް