ޚަބަރު ރައްޔިތުންގެ މަޖިލިސް

އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވާ ކަމަށް ބުނެ އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް: ވިދާޅުވީ ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތުތައް ހުށަހެޅި މައްސަލައިގައި ހަމަނުވާ ކަމަށް / ފޮޓޯ:މަޖިލިސް

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި ކޮމިޓީ މަރުހަލާގައި އޮތް ބިލުގެ މަސައްކަތް ލަސްވާ ކަމަށް ބުނެ އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

Ads by STELCO

އިޒުރޭލު ޕާސްޕޯޓު މަނާކުރުމާ ގުޅޭގޮތުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަނެ، މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބިލުގެ މަސައްކަތް ފަށާފައި އޭގެ ފަސް މަސް ދުވަސް ފަހުން މިދިޔަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އިޒްރޭލު ޕާސްޕޯޓް މަނާކުރަން ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ހޯދުމަށް 241 ކޮމިޓީގެ ބައްދަލުވުންތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) ގެ ބޭފުޅުން ހާޒިރު ވެސް ކުރި އެވެ.

އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް ފެބްރުއަރީ މަހުގެ ނިޔަލަށް ދިގުދަންމާލުމަށް ފުރަތަމަ ނިންމި ނަމަވެސް ކޮމިޓީން ފަހުން ވަނީ ބުނެފައި ވަނީ މަސައްކަތް ކުރަމުން ދަނީ ބިލުގެ މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ. ބިލާ ގުޅިގެން ބޭނުންވާ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކުން ހޯދުމުގެ އިތުރުން ސިޔާސީ ޕާޓީތަކާއި މުއައްސަސާތަކުގެ ބަސް ހޯދުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެ އެވެ.

އެހެންނަމަވެސް މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލުގެ މަސައްކަތް މަޑުޖެހި އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

މަޓޭ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރާނެ ކަމަށް ސަރުކާރުން މިދިޔަ އަަހަރުގެ ޖޫން މަހު އިއުލާނުކޮށްފައި ވިނަމަވެސް އެކަން ކުރުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުންދާތަން ނުފެންނަ ކަމަށެވެ.

ބިލު މަޖިލިހުގައި ހުއްޓުވާފައި އޮންނަތާ ނުވަ މަސް ދުވަސް ވެގެންދާއިރު، ސަރުކާރުން އަދި ސަރުކާރުގެ ފުރިހަމަ އަގުލަބިއްޔަތު އޮތް މަޖިލިހަށް ހުށަހަޅަން ބޭނުންވާ ބިލުތަކާއި އެހެން މަސައްކަތްތައް ހުށަހަޅައި، ކުރު މުއްދަތެއްގެ ތެރޭގައި މިދިޔަ ދުވަސްތަކުގައި ފާސްކޮށްފައިވާކަން ވެސް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

މަޓޭ ހުށަހެޅުއްވި މައްސަލަ އާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ ހުށަހެޅި މައްސަލައިގައި ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތުތައް ހަމަނުވާ ކަމަށެވެ. ވުމާ އެކު ހުށަހެޅުއްވި މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މަޖިލިހުގެ ގަވާއިދުގެ ދަށުން ކުއްލި މައްސަލައަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެ ކަމެއް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށާއި ސަރުކާރުން އެ ކަމާ މެދު އަޅާފައިވާ ނުވަތަ އަޅާފައި ނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމުގަ އެވެ.

އަދި ކުއްލި މައްސަލައަކީ ހުށަހެޅިފައިވާ ބިލެއް ނުވަތަ މައްސަލައެއްގައި ހިނގާނެ ބަހުސާ ގުޅޭ މައުލޫއަކަށް ނުވުމަކީ ކުއްލި މައްސަލައެއްގައި ފުރިހަމަވާން ޖެހޭނެ ސިފައެއް ކަމަށް މަޖިލިހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

މީކާއީލް ބިލު ހުށަހެޅުއްވި ފަހުން، މިދިޔަ ޖޫން މަހުގެ ދެ ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުގެ މަޝްވަރާ އާއި ލަފާގެ މަތިން އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެއަށް ނުވަދެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި އެވެ.

އެފަހުން އެޓާނީ ޖެެނެރަލް އަހުމަދު އުޝާމް ވިދާޅުވެފައި ވަނީ އިޒްރޭލް ޕާސްޕޯޓް އޮތް އެންމެނަށް ޖުމްލަ މާނައެއް ދިނުމުގެ ބަދަލުގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމާ މެދު ވިސްނައި ދިރާސާ ކުރަން ޖެހޭ ކަމަށެވެ.

Ads by HDC