ޚަބަރު ސަރުކާރު

ދުންފަތުގެ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ދުންފަތުގެ ޖެނެރޭޝަން ބޭން އާ ގުޅޭގޮތުން ޓޮބޭކޯ ކޮންޓްރޯލް ބޯޑާ މަޝްވަރާކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން / ފޮޓޯ:ހެލްތު މިނިސްޓްރީ

ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަން ބޭން" ތައާރަފުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާކޮށްފި އެވެ.

Ads by MPL

ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް އެކަށައަޅުއްވާފައިވާ ޖެނެރޭޝަން ބޭން ކަނޑައަޅެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ހެލްތު މިނިސްޓްރީން ބުނީ ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ޑަބްލިއުއެޗްއޯ އާއި ޔުނިސެފްގެ އޮފިޝަލުންނާ މިދިޔަ ހޯމަ ދުވަހު ބައްދަލުކުރައްވާ ކަމާ ގުޅުންހުރި މަޝްވަރާތައް ކުރައްވާފަ އެވެ. ބައްދަލުވުމުގައި އެ އިދާރާތަކުން ވަނީ ޖެނެރޭޝަން ބޭން ކާމިޔާބުކަމާ އެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމާ ގުޅޭގޮތުން ލަފާދީފަ އެވެ.

ކަމާ ގުޅޭ ހިޔާލާއި މަޝްވަރާ ހޯދުމަށް ހެލްތު މިނިސްޓްރީން އިއްޔެ ވަނީ ޖަމިއްޔާތަކާ އެކު ވެސް މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

ޖެނެރޭޝަން ބޭން ތައާރަފުކުރުމަށް ހިޔާލު ހޯދަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ މިނިސްޓްރީން މިއަދު ވަނީ ޓޮބޭކޯ ކޮންޓްރޯލް ބޯޑާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

ޖެނެރޭޝަން ބޭން ކަނޑައެޅުމުގައި ރައީސް ވަނީ ތިން ގޮތެއް ހުށަހަޅުއްވާފަ އެވެ. އެމަނިކުފާނު ހިއްސާކުރެއްވި ގޮތްތަކުގެ ތެރެއިން ގޮތެއް އިހުތިޔާރުކުރުމަށް އާންމުންގެ ހިޔާލަށް މިދިޔަ ބުރާސްފަތި ދުވަހު ހުޅުވާލި އެވެ.

ސޯޝަލްމީޑިއާގައި ޕޯލްއަށް ހުށަހެޅުއްވި ތިން ގޮތަކީ:

  • 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2004 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން
  • 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުން

ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިއްޔެގެ މެންދުރުފަހު ހަމަވިއިރު، ގިނަ ބަޔަކު ތާއީދުކޮށްފައި ވަނީ 2000 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެގޮތަށް ތާއީދުކޮށްފައި ވަނީ:

  • "އެކްސް" މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 51.1 އިންސައްތަ މީހުން
  • ފޭސްބުކް މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 72 އިންސައްތަ މީހުން
  • އިންސްޓަގްރާމް މެދުވެރިކޮށް ވޯޓުގައި ބައިވެރިވި 45 އިންސައްތަ މީހުން

ދެ ވަނައަށް އެންމެ ގިނަ ބަޔަކު ވޯޓު ދިނީ 2007 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށެވެ. އެއީ "އެކްސް" އިން 41 އިންސައްތަ، ފޭސްބުކްއިން 23 އިންސައްތަ އަދި އިންސްޓަގްރާމްއިން 43 އިންސައްތަ މީހުންނެވެ.

ޖެނެރޭޝަން ބޭން އެއް ހުށަހެޅުއްވުމުގެ ބޭނުމަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުން ނުވަތަ ޒުވާނުން އެކަމުގެ ތެރޭގައި އެހާ ގިނަ ދުވަސް ނުވަނީސް، އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެތީ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެކަމާ ގުޅޭ ކެބިނެޓް ކަރުދާހެއް، ދިރާސާ ކުރައްވައިގެން ތައްޔާރުކުރެއްވުމަށް ހެލްތު މިނިސްޓަރާ ހަވާލުކުރައްވާފައިވާ ކަމުގަ އެވެ. އެ ކަރުދާސް ތައްޔާރުކުރުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރުންނާއި އަދި އެނޫން ވެސް ފަރާތްތަކުގެ މަޝްވަރާ ހޯއްދަވަން އިރުޝާދު ދެއްވާފައިވާނެކަން ވަނީ ހާމަކުރައްވާފަ އެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!