އިނގިރޭސިވިލާތަށް ރައީސް ކުރެއްވި ދަތުރުފުޅަށް ހޭދަވީ ދޮޅު ލައްކައެއްހާ ރުފިޔާ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަހުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށް ރައީސް އޮފީހުން ހަރަދުކުރީ ގާތްގަނޑަކަށް ދޮޅު ލައްކައެއްހާ ރުފިޔާ ކަމަށް އެ އޮފީހުން ހާމަކޮށްފި އެވެ.
ރައީސް އިނގިރޭސިވިލާތަށް ދަތުރުފުޅެއް ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހުން ފަސް ވަނަ ދުވަހަށެވެ. ދަތުރުފުޅަކީ އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބު، ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދާ ކޯ-ބްރޭންޑް ކެމްޕެއިން ހަރަކާތް ފެށުމުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ދަތުރަށް ހިނގި ހަރަދާއި ތަފުސީލު ހާމަކޮށް ރައީސް އޮފީހުން މިއަދު ބުނީ މުޅި ދަތުރަށް އެ އޮފީހުން ޖުމްލަ ހަރަދުކޮށްފައި ވަނީ 153،689.92 ރުފިޔާ ކަމަށެވެ.
ފަސް ދުވަހުގެ ދަތުރުފުޅުގައި ރައީސް ވަނީ ލިވަޕޫލްގެ އަކްސާ ޓްރެއިނިން ސެންޓަރަށް ޒިޔާރަތްކުރައްވައި، ރާއްޖޭގެ ފުޓުބޯޅައިގެ ތަރައްގީއަށް ކުރެވިދާނެ ކަންކަމާއި ކުރިއަރަމުންދާ އުންމީދީ ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި، މަތީ ތައުލީމު އުނގެނެމުންދާ ދަރިވަރުންނަށް ސަރުކާރުން ފަހިކޮށްދެވިދާނެ މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރެއްވި ކަމުގަ އެވެ.
ފުޓްބޯލް ފޮ ޕީސްގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ޔުނިވާސިޓީ ޕީސް ސެންޓަރުގައި އެ ޖަމިއްޔާއިން ހިންގާ ޕްރޮގްރާމުތަކުގެ މައުލޫމާތު އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފަ އެވެ.
ދަތުރުފުޅުގައި ޔުނިވާސިޓީ އޮފް ލީޑްސްއަށް ޒިޔާރަތްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އެ ޒިޔާރަތުގައި ރާއްޖެ އާއި އެ ޔުނިވާސިޓީން އެކުގައި ކުރެވިދާނެ މަސައްކަތްތަކާ މެދު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ރައީސްގެ ދަތުރުފުޅުގައި ވަނީ އިނގިރޭސިވިލާތުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. ފަރިއްކޮޅުގެ ތެރެއިން ދަރިވަރުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް ވަނީ އައްސަވާފަ އެވެ. އަދި ދަރިވަރުންގެ ސިއްހަތާއި ދިރާސީ މަސައްކަތްތަކާ ބެހޭ މައުލޫމާތު އޮޅުންފިލުއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދަތުރުފުޅުގައި ރައީސް ވަނީ ލަންޑަނުގައި ހުންނަ ނަމްބަރު 9 ރޯޒްމަންޓް އެވެނިއު، މޯލްޑިވްސް ސްޓޫޑަންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ-ޔޫކޭ) އާ އަލުން ހަވާލުކުރައްވާފަ އެވެ.
