ޚަބަރު ސަރުކާރު

އުމްރާނީ ތަރައްގީއަށް ސްޓެމް ދާއިރާ މުހިންމު، ކިޔަވާ ކުދިންނަށް ރަނގަޅު މުސާރަ އާއެކު ވަޒީފާ ދޭނަން: ރައީސް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ގައުމުގެ އުމްރާނީ ތަރައްގީ ސްޓެމް ދާއިރާ މުހިންމު ކަމަށާއި ވަޒީފާ ދިނުމުގައި އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާ އެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ރައީސް އެހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓުގެ ތިން ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރާ ކުދިންނަށް މިހާރަށް ވުރެ ރަނގަޅު ފުރުސަތުތައް ހޯދައިދީ ކަންކަން ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަންދޭ ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެކި ދާއިރާތަކުން ކިޔަވާފައި ތިބި ބައިވަރު ކުދިން އުފައްދަން ބޭނުންފުޅުވާ ކަމުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތެމެޓިކްސްގެ ދާއިރާތަކުން ނުވަތަ ސްޓެމްގެ ދާއިރާތަކުގައި ކިޔަވާ ކުދިންގެ އަދަދު މިދިޔަ އަހަރުތަކުގައި ކޮންމެވެސް ސަބަބަކާ ހުރެ މަދުވެފައިވާ ކަމުގައި ވިދާޅުވި އެވެ. އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި މުޅިން ވެސް ބައްދަލުވަނީ އެކައުންޓިން، ފައިނޭންސް ފަދަ ދާއިރާތަކުން ކިޔަވާ ކުދިންނާ ކަމަށާއި ގައުމު ބިނާކުރުމުގައި އެ ދާއިރާތައް ފަދައިން، ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިންގެ ބޭނުން ރާއްޖެއަށް ބޮޑުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސްޓެމްގެ ދާއިރާތަކުން ކިޔަވާ ކުދިން ނުލިބުމުގެ ސަބަބުން އެ ދާއިރާތަކުން ކިޔަވާފައި ތިބި ބޭރު މީހުން ގެންނަން ޖެހޭ ކަމުގަ އެވެ. އެގޮތުން ޑޮކްޓަރުންނާއި އިންޖިނޭރުން ގެންނަން ޖެހެނީ ބޭރުންކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އިންޖިނިއަރުންނާއި ކުއަންޓިޓީ ސާވެޔަރުން ފަދަ އެ ދާއިރާތަކުން އެކަށީގެންވާ މިންވަރަށް މީހުން ނެތް ކަމަށް ވިދާޅުވެފަ އެވެ.

ސްޓެމްގެ ދާއިރާތަކަށް އިސްކަން ދިނުމަށް ޓަކައި ސަރުކާރުގެ ލޯނު ސްކީމުގައި އެކަމަށް ހާއްސަ އިސްކަމެއް ދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ވަޒީފާ ދިނުމުގައި ވެސް އެ ދާއިރާތަކުން ކިޔަވައިގެން އަންނަ ކުދިން، ސަރުކާރު ވަޒީފާއަށް ރަނގަޅު މުސާރައަކާ އެކު ނެގުމަށް އިސްކަންދެއްވަން ފައްޓަވާފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!