ގައުމީ ބިންގާ ހަރުދަނާ ކުރެވޭނީ އިލްމާ އެކު އަދަބާއި އުޅުންތެރިކަން ދަސްކޮށްދީގެން: ހުތުބާ

ގައުމުގެ ބިންގާ ހަރުދަނާ ކުރުމުގެ ގޮތުން އެޅޭ އެންމެ ބޮޑު ބާރަކަށް ވާނީ އިލްމުގެ އިތުރަށް އަދަބާއި އުޅުންތެރިކަން ދަރިންނަށް ދަސްކޮށްދިނުން ކަމަށާއި އިސްލާމްދީން މިކަމަށް ބާރުއަޅައި، ހިތްވަރުދެނީ ދަރިން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ތަރައްގީގެ އަސާސަކީ ތައުލީމާއި ތަރުބިއްޔަތުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުން ކަމަށެވެ. މާތް ﷲ ގެ އެ އަމުރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން މާތް ނަބިއްޔާ ތައުލީމު ފެތުރުއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށެވެ. މުސްލިމުންގެ ހިތްތަކުގައި ކީރިތި ރަސޫލާ އިންދަވައިދެއްވި އިލްމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، ޒަމާނާއި ހާލަތާ ފައިހަމަވާ ބަޔަކު ބިނާކުރި އުފެއްދުންތެރި އުއްމަތަކަށް އިސްލާމީ އުއްމަތްވި ކަމަށެވެ.
ޔޫނާނީ ބަހުންނާއި ފާރިސީ ބަހުން ހުރި އިލްމުތައް އަރަބި ބަހަށް ތަރުޖަމާކުރުމާއި އިލްމާއި ފަންނުގައި އާ އެތައް އީޖާދެއްކޮށް، ފޮތްތައް ލިޔެ ޝާއިއުކުރި ވަރުގަދަ ހަޟާރަތެއް މި އުންމަތް ބިނާކުރި ކަމަށެވެ. މި އީޖާދުތަކުގެ ސަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވުނު ކަމަށެވެ. އިސްލާމީ ތައުލީމު އާންމުވުމުގެ ސަބަބުން ދުނިޔޭގެ ކަންކޮޅުތަކުގައި ސުލްހަމަސަލަސްކަން ގާއިމުވި ކަމަށެވެ.
ހުކުރު ހުތުބާގައި ބުނި ގޮތުގައި މި ފެށުނު ދިރާސީ އަހަރު އިސްލާމްދީނާއި ދުންޔަވީ ރޮނގުތަކުން އިތުރު ކުރިއެރުންތަކެއް ލިބޭތޯ ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމުގަ އެވެ. ދުނިޔެ އާއި އާހިރަތަށް ފައިދާހުރި އިލްމީ ހަރަކާތްތަކުން ހުސްވަގުތު ފަޅުފިލުވައިލަން ޖެހޭ ކަމުގަ އެވެ. އެކަން ކުރެވޭނީ ކުތުބުހާނާތަކުގެ ފޮތްތަކާއި ލެބޯރެޓަރީގެ ސާމާނުތަކާއި ތައުލީމީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަމުގައި ފާހަގަކުރި އެވެ. މައިންބަފައިންނަށް އިހުތިރާމުކޮށް، މުދައްރިސުންނަށް ހައްގުވާ ގަދަރާއި އިހުތިރާމު އަދާކޮށްގެން ކަމުގަ އެވެ. އެ މީހުންނަކީ ދުނިޔެ އާއި އާހިރަތުގެ ހެޔޮމަގަށް އަލިކޮށްދޭ ދަންމަރުތަކެއް ކަމުގަ އެވެ.
މައިންބަފައިންނާއި ދައުލަތުން ތައުލީމާއި ތަރުބިޔަތަށް ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އުނގެނޭ އިލްމުގެ ނޫރުން ﷲ ގެ ރުހިވޮޑިގަތުން ހޯދައި، މައިންބަފައިންނަށް ހިތްހަމަޖެހުމާއި ގައުމަށް ކުރިއެރުން ހޯދައިދޭން ޖެހޭ ކަމަށެވެ. އިސްލާމްދީނާއި ވަތަނަށް ޓަކައި ގުރުބާންވާން ކެރޭ ބަޔަކަށް ވުމަށް ހަށިތަކާއި ނަފުސުތައް ހާނުވައި، ތައްޔާރުކޮށް، ދީނާއި ދިވެހި ގައުމު ދެކެ ލޯބިވާ ދަރިންތަކަކަށް ވުމަށް ހުތުބާގައި ވަނީ ގޮވާލާފަ އެވެ.
މިއަދުގެ ހުތުބާގައި ބުނީ ދަރިން ތަރުބިޔަތުކޮށް، ރާއްޖޭގެ ތައުލީމީ މަންހަޖުގައި ބަޔާންކުރާ ފަދައިން އިސްލާމްދީނަށާއި ގައުމަށް ވަފާތެރި، ފައިދާހުރި ބަޔަކަށް އެ ކުދިން ހެދުމުގައި މުދައްރިސުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. މިފަދަ ތަރުބިއްޔަތެއް އެ ކުދިންނަށް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާ އެކު އެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށެވެ. ކުދިން، ނަމޫނާއަކަށް ބަލާނީ މުދައްރިސުންކަން ހަނދާންކޮށް، އެ ކުދިންނަށް ރަނގަޅު ކަމުގައި ފެންނާނީ ކުދިންނަށް ރަނގަޅު ކަމުގައި ދެއްކި ކަމެއް ކަމުގައި ފާހަގަކުރި އެވެ. އަދި އެ ކުދިން ހުތުރު ކަމުގައި ދެކޭނީ މުދައްރިސުން އެ ގޮތަށް ދެކޭ ކަންކަން ކަމަށް ވުމުން، ކުދިން އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ދަންނަ ބަޔަކަށް ހަދައި ބަވަނަވަމުންދާ ވެށްޓަށް އަހުލުވެރި، ހޭލުންތެރި ބަޔަކަށް ހަދަން ޖެހޭ ކަމަށް ބުންޏެވެ.
ކުދިންގެ ބޭނުންތައް ފުރިހަމަކޮށް، ކޮންމެ ދުވަހަކު ސްކޫލަށް ގެންގޮސް ގެނައުމުގެ ބުރަ މަސައްކަތްކުރާ މަންޒަރަކީ އުފާވެރި މަންޒަރެއް ކަމުގައި ފާހަގަކޮށް ހުތުބާގައި ބުނި ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ހުނަރުވެރި ބުރަ މަސައްކަތެއް ކަމަށާއި ދަރިންނަށް ތައުލީމުދީ، އެ ކުދިން ތަރުބިއްޔަތު ކުރުމަށް ކުރާ މަސައްކަތަށް ތައުރީފު ހައްގު ކަމުގަ އެވެ.
ދަރީންނަކީ މާތް ﷲ ހަވާލުކުރައްވާފައިވާ އަމާނާތަކަށްވާއިރު، އެ ކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވިއްޖެ ނަމަ، މާދަމާ އެ ކުދިންގެ މަންފާ ކުރާނެ ކަމުގަ އެވެ. ވުމާ އެކު ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި އުޅުން ދަސްކޮށްދީ، ކީރިތި ގުރްއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރަން ދަސްކޮށްދީ ފަރުޟު ފަސް ނަމާދު އަދާކުރާ ބަޔަކަށް އެ ކުދިން ހަދަން ޖެހޭ ކަމުގަ އެވެ.
ދަރިންނަށް، އިލްމުގެ އިތުރަށް އަދަބާއި އުޅުންތެރިކަން ދަސްކޮށްދިނުމަކީ ގައުމުގެ ބިންގާ ހަރުދަނާކުރުމުގެ ގޮތުން އެޅޭ ވަރަށް ބޮޑު ބާރެއް ކަމަށް ހުތުބާގައި ބުންޏެވެ. އިސްލާމްދީން މި ކަމަށް ބާރުއަޅައި، ހިތްވަރުދެނީ ދަރިން ތަރުބިއްޔަތު ކުރުމަށް އެހެން ހުރިހާ ނިޒާމެއްގައި ކުރާ މަސައްކަތަށް ވުރެ މާ މަތިވެރި ދަރަޖައަކަށް ކަމަށެވެ. އިސްލާމްދީނުގައި ރަނގަޅަށް ދަރިން ތަރުބިއްޔަތު ކުރުމަކީ އެ ކަމުގައި ގާއިމުވެ ތިބި ބަޔަކަށް މާތް الله ސަވާބާއި ދަރުމަ ދެއްވާނޭ ކަމެއް ކަމަށެވެ. މި ކަންކަމަށް ދީނުގައި މައިންބަފައިންނަށް ހިތްވަރުދޭ ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ސްކޫލަކީ ދަރިންގެ ދެވަނަ ހިޔާވަހި ކަމުގަ އެވެ. އެ ކުދިންގެ ހިތްތަކުގައި އިސްލާމީ އަގީދާ ހަރުދަނާކޮށް އިސްލާމީ އުސޫލުތައް ބިނާކުރާ ތަނަކަށް ސްކޫލުތައްވާއިރު، އެ ތަންތަނުން މި ދައުރު ފުރިހަމައަށް އަދާކޮށްފި ނަމަ، މުޅި އުންމަތުގެ މުސްތަގުބަލު އުޖާލާވެ އަމާންވާނެ ކަމުގަ އެވެ. ބާއްޖަވެރިކަމުގެ މަގުތައް އާރާސްތުވެ، ފާގަތިކަން އާންމުވާނެ ކަމުގަ އެވެ. މި ބުރަ މަސައްކަތް ކާމިޔާބު ކުރެވޭނީ ސްކޫލާއި މުދައްރިސުންނާއި ބެލެނިވެރީން ގުޅި، އެ ފަރާތްތަކުގެ ލަނޑުދަނޑިތަކާއި އަމާޒުތަކާ އަދި ތަސައްވުރުތައް އެކައްޗަކަށް ހަދައިގެން ކަމުގަ އެވެ.
ގައުމުގެ ކުރިމަގު ބައްޓަންކުރުމަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތާއި ތަމްރީނު ހޯދުމަށް ކުދިން ސްކޫލަށް ގޮސް، ގެއަށް އަންނަ މަންޒަރު ސިފަކޮށްދެނީ ގައުމު ބިނާކުރުމުގައި އެންމެންގެ ބައިވެރިވުން އޮތް މިންވަރު ކަމުގަ އެވެ. އުންމަތުގެ ޒުވާނުންގެ ނާރުތަކުގައި އިލްމާއި މައުރިފާގެ ލޭ ދައުރުކުރަން ފެށުމުން އިލްމުގެ ނޫރު ފެތުރި، ޖަހާލަތުގެ އަނދިރިކަން ފިލައިދާނެ ކަމުގަ އެވެ. އެކަން ހާސިލުކުރަން އިލްމާއި ހުނަރާ އެއްވަރަށް ކުދިންގެ އަހުލާގު ވެސް ރީތިކޮށް ބައްޓަންކުރަން ޖެހޭ ކަމުގަ އެވެ.
ހުތުބާގައި ވަނީ އިސްލާމްދީނަށް ލޯބިކުރާ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓާ ދަރީންތަކަކަށް އެ ކުދިން ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ދަރިންނަށް ތައުލީމާއި ތަރުބިޔަތު ދިނުމުގައި އެންމެން އެއްގަލަކަށް އަރަން ޖެހޭ ކަމަށެވެ. ހިތްތައް އެއްކައުވަންތަކަމުގެ މަތިވެރި އަގީދާއިން ޒީނަތްތެރިވެ، ހެޔޮ ގޮތުގައި ގައުމު ތަރައްގީކޮށް، އެއްބައިވަންތަކަން މަތީ ދެމެހެއްޓޭނީ އޭރުން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކުރި އެވެ.