ތުރުކީގެ މަނަވަރު ލިބުމަކީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ޑިފެންސް މިނިސްޓްރީ

ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ހަދިޔާކުރި ޑޯގަން ކްލާސްގެ މަނަވަރަކީ ދިވެހި ގައުމާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއަށް ހަދިޔާކުރާ މަނަވަރުގެ މައުލޫމާތު ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ އެ ގައުމުގެ މީޑިއާތަކަށް ފޮނުވާފަ އެވެ.
ތުރުކީގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި އެ މަނަވަރު ގެންނަން މަސައްކަތް ކުރަނީ މި މަހާއި ޖޫން މަހާ ދޭތެރޭގެ ތާރީހެއްގަ އެވެ.
ރާއްޖެ ގެނެސް މަނަވަރު އެކްޓިވޭޓް ކޮށްދޭނީ ތުރުކީގެ ނޭވީ ޓީމުންނެވެ.
ރާއްޖޭގެ އަސްކަރިއްޔާއަށް މަނަވަރު ހަވާލުކޮށް ނިންމުމުގެ މަސައްކަތް އެއްކޮށް ނިމޭނީ ޖުލައި މަހު ކަމަށް ތުރުކީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
ޑިފެންސް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވާ ސިޔާސަތަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށެވެ. މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން އެ ސިޔާސަތު ތަންފީޒު ކުރެއްވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.
ތުރުކީން ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާ ކުރުމަށް ނިންމީ ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑު ދެގުނަކޮށް، ގާބިލުކަން އިތުރު ކުރުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާ އެކު ބަދަހިކުރަމުން ގެންދާ ގުޅުންތަކުގެ ނަތީޖާއެެއްގެ ގޮތުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި މަނަވަރު ރާއްޖެ ގެނެސް ގައުމީ ދިފާއީ ބާރުގެ ހިދުމަތަށް ނެރެ، ދިވެހި ސިފައިން އުޅަނދު އޮޕަރޭޓްކުރަން ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ސިފައިން ތަމްރީނު ވަމުންދާ ކަމުގަ އެވެ.
މަނަވަރު ސިފައިންގެ ހިދުމަތަށް ތައާރަފު ކުރެވުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެމްބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ސިފައިން ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
"ދިވެހިރާއްޖެއިން އަދާކުރަން ޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެކެވެ." ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ބުނީ ގާނޫނު އަސާސީގައި ސިފައިންގެ ހިދުމަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އާއި ސަރަހައްދާއި ހާއްސަ އިގުތިސޯދީ ސަރަހައްދާ އަދި ރައްޔިތުން ރައްކާތެރިކޮށް ހިމާޔަތްކުރުން ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
"ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި ގާބިލުކަމަކީ، ގާނޫނު އަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ." ބަޔާނުގައިވެ އެވެ.