ސައުދީ ފަންޑުގެ ސީއީއޯއަށް ދިވެހި ދައުލަތުގެ ޝަރަފުގެ އިއްޒަތް އަރުވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (ސައުދީ ފަންޑު) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލް މުރްޝިދަށް އަރުވައިފި އެވެ.
ސައުދީ ފަންޑުގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވާފައި ވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިވެހި ދައުލަތުން ތިން ވަނަ ދަރަޖައިގައި ދޭ އެ އިއްޒަތް މުރްޝިދަށް އެރުވީ ރައީސް އެވެ. ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
ސައުދީ ފަންޑުގެ ސީއީއޯއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުވުމަށް ރައީސް ކަނޑައެޅުއްވީ އެ ފަންޑުން ރާއްޖޭގެ ރައްޔިތުންގެ ތަރައްގީއަށާއި ރައްޔިތުންގެ އާންމު ހާލަތު ކުރިއެރުވުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ވެދެއްވާފައިވާ އަދި މިހާރު ވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ރައީސް، ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް، ސައުދީ ފަންޑުގެ ސީއީއޯއަށް އަރުވާފައި ވަނީ ގާނޫނު އަސާސީންނާއި ދިވެހިރާއްޖޭގެ އިއްޒަތުގެ ގާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.
