ސައުދީ ފަންޑުގެ އެހީގައި އަޅާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އިފުތިތާހުކޮށްފި

ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ) ގެ ލޯނެއްގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅާ 400 ހައުސިން ޔުނިޓުގެ މަޝްރޫއު އިފުތިތާހުކޮށްފި އެވެ.
ދެ ވަނަ ފިޔަވަހީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރު އަދި އެސްއެފްޑީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްތާން ބިން އަބްދުއްރަހްމާން އަލްމުރްޝިދެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން 400 ހައުސިން ޔުނިޓު އަޅާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގިނަ ބަޔަކަށް ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއަށް ސައުދީ ފަންޑުން ވަނީ 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ގެ ލޯނެއް ހަމަޖައްސައިދީފަ އެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނި ގޮތުގައި މަޝްރޫއު ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދުފުޅު ކަމަށްވާ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއް މަޝްރޫއުގެ ގޮތުގައި ކަމުގަ އެވެ.
މިހާރު ކުރިއަށް ދަނީ ކޮންސަލްޓަންސީ ފާމްއެއް ހޮވުމުގެ މަސައްކަތް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުންޏެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް މި އަަހަރުގެ ފަހު ކުއާޓަރުގައި ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފާހަގަކުރި އެވެ.
މަޝްރޫއު އިފުތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލާއި އެސްއެފްޑީ އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއެެއް އިފުތިތާހު ކުރެވުނުއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލުގެ މަސައްކަތް ނިންމުމަށް އިތުރު 63.7 މިލިއަން ސައުދީ ރިޔާލް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެއީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އެވެ.
މިއަދު ދިނުމަށް ނިންމި ލޯނާ އެކު ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއަށް ސައުދީ ފަންޑުން ހަމަޖައްސައިދިން ލޯނުގެ ޖުމްލަ 217 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ) އަށް އިތުރުވާނެ އެވެ.
ފާއިތުވެދިޔަ އަހަރުތަކުގައި 17 ލޯނަކަށް ޖުމްލަ 488 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) ސައުދީ ފަންޑުން ވަނީ ހަމަޖައްސައިދީފަ އެވެ.